އިމާމުންނާއި ޚަޠީބުން އިތުރު ތަމްރީނުތަކަށް ބޭރަށް ފޮނުވުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފަށާނަން: އިސްލާމިކް މިނިސްޓަރ

އިމާމުންނާއި ޚަޠީބުންނަކީ ޤާބިލް ބަޔަކަށް ހެދުމަށްޓަކައި އިތުރު ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ފަށާނެކަމަށް މިނިސްޓަރ އޮފް އިސްލ...

12 Jun 2022 | 05:11

އިމާމުންނާއި ޚަޠީބުންނަކީ ޤާބިލް ބަޔަކަށް ހެދުމަށްޓަކައި އިތުރު ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ފަށާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ ވާހަކަފުޅުގައި މިފަދަ ކޯސްތަކާއި، ތަމްރީނުތައް ހިންގުމުގެ އެންމެބޮޑު ބޭނުމަކީ ތަމްރީނުތަކުގައި ބައިވެރިވާ ބޭފުޅުންނަކީ ޤާބިލް ބަޔަކަށް ހެދުން ކަމަށާއި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް، ރާއްޖެއިން ބޭރުން ފުރުސަތު ދެވޭ ބޭފުޅުން ހޮވާއިރު ރާއްޖޭގައި ހިންގާ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ މިންވަރަށް ބެލޭނެ ކަމަށް ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނާއި މުޚާތަބްކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮންމެ ކަމެއް ކުރާއިރުވެސް ޤުރުބަނީތަކެއް ވާންޖެހޭކަމަށާއި ޤުރުބާނީތަކެއް ނުވާނަމަ ނަތީޖާ ނުލިބޭނެކަމަށެވެ.

މިފަދަ ތަމްރީނުތައް ކުރިއަށް ގެންދެވޭއިރު، ތަމްރީނުތަކުގައި ބައިވެރިވާން އެ ހޭދަވާ ވަގުތާއި ކަންކަމަކީ ވަރަށް ބޮޑު ޤުރުބާނީއެއްކަމަށާއި އެފަދަ ޤުރުބާނީތަކެއް ވެގެން މެނުވީ ކާމިޔާބު މީހަކަށް މީހާ ނުވާނެކަމަށެވެ.

މި ތަމްރީނުގައި ބައިވެރިވި ބޭފުޅުންވެސް އެބޭފުޅުންގެ ވަގުތުތައް އެކަމަށްޓަކައި ހުސްކޮށް އެކަމަށް ސަމާލުކަންދީ އަދި ތިމާވެސް އުނގެނެން ޖެހޭކަން، ކުރިއަށްދާން ޖެހޭކަން، އެފަދަ އިޙްސާސުތަކެއްވެ އެވަރަށް ވަގުތު ދެވިއްޖެނަމަ ނަތީޖާ ހާސިލްވާނެކަމަށް ވިދާޅުވިއެވެ.

އަދި މި ތަމްރީނުތަކުގެ ބޭނުމަކީ އެ ބޭފުޅުންނަކީ ރަނގަޅު ޤާބިލް ބަޔަކަށް ހެދުންކަމަށާއި މަސައްކަތްކުރައްވަމުން ގެންދަވަނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ތަމްރީނު ޕްރޮގްރާމުތަކަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށާއި އެގޮތަށް ކުރިއަށް ވަޑައިގަންނަވަން ތިބިކަމުގައިވާނަމަ އެ ބޭފުޅުންނަކީ ރަނގަޅު، ޤާބިލް، ހުނަރުވެރިބަޔަކަށް ހަދަން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އިމާމުންނާއި ޚަޠީބުންނަކީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ހަދަން ސަރުކާރުން ބޭނުފުޅުވާކަމަށާއި އެހެންކަމުން އެ ބޭފުޅުންނަށް މިފަދަ ޕްރޮގްރާމްތައް ހިންގަން ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މި އެހީތެރިކަން އެބޭފުޅުންގެ ފަރާތުން ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އިމާމުންނާއި ޚަޠީބުންނަކީ ރައްޔިތުންނާއި ވަރަށް ގާތުން  މަސައްކަތްކުރާ ބަޔަކަށް ވުމާއި، މިސްކިތަކީ މުޤައްދަސްތަނަކަށްވާއިރު، އާންމުން، އިމާމެއްގެ ކިބައިން ފެންނަން ބޭނުންނުވާ، ނުވަތަ އިމާމަމަށްވާތީ ބަލައިނުގަންނަ ކަންކަމުން އިމާމުން ދުރުހެލިވުމަށް މިނިސްޓަރވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މިނިސްޓްރީގެ ޓީމުންނާއި ޢިލްމުވެރިން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ފުވައްމުލައް ސިޓީގައި އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށް، މިމަހުގެ 09 އަކުން 3 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 38 ފަރާތަކުން ބައިވެރިވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދެއްވާފައިވަނީ ތަޖުވީދު، ހުކުރު ޤަވާޢިދާ އުސޫލު، ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލު، މަސައްކަތުގެ އަޚްލާޤާއި އެހެން މީހުންނާއި މުޢާމަލާތްކުރުން، ނަމާދުގެ ޙުކުމްތައް އަދި ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތްތަކާ ބެހޭގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް