ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑިޕީ)ގެ ތެރޭގައި މިހާރު ކުރިއަށްދާ ކޯޅުންތަކުގެ ސަބަބުން އެ ޕާޓީގެ ބައެއް އާންމު މެމްބަރުން ޕާޓިޢާ މެދު ދެކޭ ގޮތް ބަދަލުވެ، އެ ޕާޓީން ވަކިވާން އުޅޭ ކަމުގެ މަޢުލޫމާތު އިތުބާރު ހުރި ފަރާތަކުން "ދުވަސް"އަށް ދީފިއެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ފެށުނީ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް މާލޭގައި ދިން ނިރުބަވެރި ހަމަލާގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ފޫއަޅުވައިލި ގޮތް ބެލުމަށް، ރައްޔިތުންގެ މަޖިޅީހުގެ 241 ކޮމިޓީން ހަދަމުންދާ އެންކިއުރީ އަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ވަކިވަކި ސިފައިން ހާޒިރުކުރުމަށް ނިންމުމުން، ގައުމީ ދިފާއީ ބާރުން އެ ކަމާއި ދެކޮޅު ހެދި ހިސާބުންނެވެ.
އެކަމާއި ދެކޮޅު ހަދައި އެމްއެންޑީއެފް އިން ނެރުނު ބަޔާނުގައި ސޮއި ކުރި، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަމިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް މައްސަލަ ހުށައަޅައިފައެވެ. އެކަމަކު އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު އެ މައްސަލަ ކޮމިޓީން ބޭރުކޮށްލީއެވެ. މައްސަލަ ހޫނުވީ ދެނެވެ.ޞާލިޙު އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުކުރާ ގޮތުގައި އެ މައްސަލަ އެ ކޮމިޓީން ބޭރުކޮށްލީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެ ކޮމިޓީގެ ބައެއް މެމްބަރުންނަށް ގުޅައި މައްސަލަ ބޭރުކޮށްލަން ބާރު އެޅުމުންނެވެ.
ނަމަވެސް، އަލިފުށި ދާއިރާގެ މެމްބަރު ބިގޭ އެ ތުހުމަތުތައް ދޮގުކުރައްވައެވެ.
މި މައްސަލަ ބޭރުކޮށްލުމާއެކު މީސްމީޑިޔާގައްޔާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި އެ ޕާޓީގެ އިސްވެރިން އަންނަނީ އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، މި މައްސަލަ ނުއޮބި، ޕާޓިގެ ވެރިން ކޯޅޭ މަންޒަރު ފެނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި މަޝްވަރާކޮށް ރިވެތި ގޮތުގައި ކަންކަން ހައްލުކުރުމުގެ ބަދަލުގައި ވެރިން މަސައްކަތް ކުރަނީ އިތުރަށް މަސްލަހަތު ގެއްލުވާލަން ކަމަށް ބުނެ ބައެއް އާންމު މެމްބަރުން މިހާރު ވަނީ އެ ޕާޓި ދޫކޮށް ދިއުމަށް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް