މާލެ ޖަލާއި މާފުށީ ޖަލުން ގިނަ އަދަދެއްގެ ފޯނު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންގައި ފުލުހުން ބަލާފާސްކުރި ގޮޅިތަކުން، ގިނަ އަދަދެއްގެ ފޯނު ފުލުހުންގެ ބެލުމުގެދަށަށް ގެންގ...

12 Jun 2021 | 17:55

މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންގައި ފުލުހުން ބަލާފާސްކުރި ގޮޅިތަކުން، ގިނަ އަދަދެއްގެ ފޯނު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން، މާލެ ޖަލުން ސިމް ކާޑާއެކު އެއް ފޯން އަދި މާފުށި ޖަލުން، ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ތަޙްޤީޤު ކުރަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އޮޕަރޭޝަންގައި ފުލުހުން ޓޭޒަރ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމާތު ފުލުހުން ވަނީ ދޮގުކޮށްފައެވެ.

ނަމަވެސް ފުލުހުން ބުނެފައި ވަނީ ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ޕެޕަރ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ސިއްހީ ފުރަތަމަ އެހީ ދެ ގައިދީއަކަށް ފޯރުކޮށްދީފައިވެއެވެ. އޭގެ އިތުރުން، މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވެއެވެ.

މި އޮޕަރޭޝަންގައި އެ ތިން ގައިދީންގެ އިތުރުން، އިތުރު ގައިދީއަކަށް އަނިޔާ ވެފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް