ކޮވިޑު ޖެހުނުތާ ތިންް މަސް ނުވަނީސް ރަަށަށް ދާ މީހުން ޓެސްޓު ކުރާނީ ކަރަންޓީން ނިމޭއިރު އަލާމާތް ފެންނަ ނަމަ

ކޯވިޑް-19 އަށް ޕޮސިޓިވްވިތާ ތިން މަސް ނުވާ މީހުން ރަށްރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ޕީސީއާރު ޓެސްޓު ހަދާނީ ބަލީގެ އަލާމާތް ފެންނަ ނަމަކަމަށް އެޗްޕީއޭއިން ބުނެފި ...

12 Jun 2021 | 15:29

ކޯވިޑް-19 އަށް ޕޮސިޓިވްވިތާ ތިން މަސް ނުވާ މީހުން ރަށްރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ޕީސީއާރު ޓެސްޓު ހަދާނީ ބަލީގެ އަލާމާތް ފެންނަ ނަމަކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން މިއަދު ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ މި އުސޫލަށް އަމަލު ކުރަން ޖެހޭނީ މާލެއިންނާއި ރިސޯޓްތަކުން އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުންގެ ތެރެއިން ކޯވިޑަށް ޕޮސިޓިވްވިތާ ތިން މަސް ނުވާ މީހުން ކަމަށެވެ. ދުވަސް ގުނާނެ ކަމަށް ސާކިއުލާގައި ބުނެފައިވަނީ ކޯވިޑަށް ޕޮސިޓިވްވި ސާމްޕަލް ނެގި ދުވަހެވެ.

އެޗްޕީއޭއިން ބުނީ މިފަދަ ފަރާތްތަކަށް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމުން އިތުރަށް ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެ ކަމަށެވެ. އެކަމަކު ކޯވިޑްގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ޓެސްޓު ކުރަން ޖެހޭނެ ކަމަށެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަންނަ މަހުން ފެށިގެން ވަރަށް ބޮޑަށް ލުއި ދޭން ފަށާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ކުރިޔަށް އޮތް ސްކޫން ބޮޑު ޗުއްޓީ އާއި ދިމާކޮށް ވަކިބަޔަކަށް ނޫނީ މާލެއިން ރަށްރަށަށް ދަތުރު ނުކުރެވޭގޮތަށް އެޗްޕީއޭއިން އާންމު ކުރި އުސޫލަންވެސް ލުއި ގެންނާނެ ކަމަށް ބުނެފައިވެ އެވެ.

މިދިޔަ މަހު ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށް ފަހު މިހާރު ކޯވިޑްގެ އަދަދުދަށް ވަނީ ވަނީ ދަށްވެފައި އެވެ. އެގޮތުން މިހާރު ކޯވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު26،000 ން13،000 އަށް ތިރިވެފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުވެސް ވަނީ100 އަށް ވެއްޓިފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ69،831 މީހުންނެވެ. އޭގެ ތެރެއިން195 މީހުން މަރުވެފައިވާއިރު56،559 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް