ށ. ނަރުދޫގައި ދެފާރު ދޭތެރޭ ތާށިވި 4 އަހަރުގެ ފިރިހެންކުއްޖެއް ސަލާމަތްކޮށްފިއެވެ.
'ދުވަސް' އަށް މައުލޫމާތު ދެއްވަމުން ނަރުދޫ ކައުންސިލްގެ ސެކްރެޓްރީ ޖެނެރަލް މޫސާ ހަސަންފުުޅު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
"ކުޑަ ކުއްޖަކު، އެވަރުގެ ކުދިންތަކަކާއެކު ގޭގައި ކުޅެން އުޅެނިކޮށް، އެގެ ރާނާފައި ހުރި ގޮތުން، ގޭގެ ވަށާފާރާއި ގޭގެ ފާރާ ދޭތެރޭގައި ހުރޭ ކުޑަކުއްޖަކަށް ވަދެވޭވަރުގެ ޖާގައެއް. އެ ޖާގައަށް ކުއްޖަކު ވަނީ" ހާދިސާ ހިނގި ގޮތް މޫސަ ކިޔައިދިނެވެ.
މޫސަ ވިދާޅުވީ، ކުއްޖާ ދެ ފާރުގެ ދޭތެރެއަށް އަށް ވަދެ، ތަންކޮޅެއް އެތެރެއަށް ވަދެވުނުތަނުން ތާށިވީ ކަމަށެވެ. އަދި ތާށިވެފައި ހުރުމުގެ ސަބަބުން ތަދުވާތީ އެއްވެސް ކޮޅަކަށް ނުދެވި ފިތުނީ ކަމަށެވެ.
އެސިސާބުން ކުޅެން އުޅުނު އެހެން ކުދިން ހަޅޭއްލެވި ކަމަށާއި ގޭމީހުން ނުކުތީ ކުދިންތައް ހަޅޭއްލަވާ އަޑަށް ކަމަށް މޫސަ ވިދާޅުވިއެވެ.
"ދެން ރަށު ރައްޔިތުން ކަހަލަގޮތަކަށް އެއްވެ ފާރު ތަޅާލައިގެން (ކުއްޖާ) ނެގީ" މޫސަ ވިދާޅުވީ، މިހާރު ހުރިހާކަމެއް ވެސް ރަނގަޅު ކަމަށާއި، ކުއްޖާއަށް ވެސް އެއްވެސް އަނިޔާއެއް ލިބިފައިވާކަމަށް ފާހަގަ ނުވާ ކަމަށެވެ.
ނަމަވެސް ބޯ ކުޑަކޮށް ފިތިފައި ހުރުމުގެ ސަބަބުން، އެގަޑީ ބޮލަށް ކުޑަކޮށް ތަދުވާކަމަށް ކުއްޖާ ބުނެފައިވ ކަމަށާއި އަދި ނުކުމެވި ހަމަޖެހެމުން، 'އަޅުގަނޑަށް މި ނިކުމެވުނީ ވަރަށް ވަރަކުން ދޯ' އޭ ބުނިކަމަށް މޫސަ ވިދާޅުވިއެވެ.
މިފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް