ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ޑރ ހުސައިން ރަޝީދު ހަސަން އަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި...

12 Jun 2021 | 09:06

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ޑރ ހުސައިން ރަޝީދު ހަސަން އަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ޑރ ހުސައިން ރަޝީދަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމުގެ ކޮމިޓީ ބައްދަލުވުން ބާއްވާފައިވަނީ ހުކުރު ދުވަހުއެވެ.

މިނިސްޓަރަށް ރުހުން ދިނުމަށް ފެންނަކަމަށް ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމެވެ. ނާޒިމްގެ ހުށަހަޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު މެދުދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ދީދީއެވެ. މިއާއެކު މިނިސްޓަރަށް ރުހުން ދިނުމަށް ފެނޭތޯ ވޯޓަށް އެހުނެވެ. މިވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްވީ ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދަށް ރުހުން ދިނުމަށް ފެންނަކަމަށެވެ.

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ގެ މަގާމަށް ޑރ ހުސައިން ރަޝީދު ހަސަން އައްޔަނުކުރެއްވީ 2021 ވަމަ އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހުއެވެ. ފިޝަރީޒް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޑރ ހުސައިން ހުންނެވީ އެންވައިރުންމެންޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ.

ޑރ ހުސައިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ޒަހާ ވަހީދު އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް