ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ހޮވިވަޑައިގެންފިއެވެ.
އެލްޖީއޭގެ ބޯޑަށް އޭނާ ހޮވުނީ، އެ އޮތޯރިތީގެ ބޯޑަށް ކައުންސިލަރުންގެ ފަރާތުން މެމްބަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި އިންތިޚާބުގައި އެވެ.
ލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލެއްވީ ދެ ބޭފުޅެކެވެ. އެއީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްއެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ކެނޑިޑޭޓް ނަމްބަރު 1 ޑރ. މުއިއްޒުއަށް އަށް ލިބިވަޑައިގެންނެވީ 21 ވޯޓެވެ. ކެނޑިޑޭޓް ނަމްބަރު 2 ރަފީގަށް ލިބިވަޑައިގެންނެވީ 24 ވޯޓެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައީ މިއަދުގެ 11:00ން 10:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެއެވެ.
މި އިންތިޚާބުގައި މާލެ ސިޓީގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން އައްޑޫ ސިޓީ ހުޅުދޫ މީދޫގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ ދެރަށުގެ މެދުގައި ހުރި ސްކޫލްގައެވެ. އެހެން ރަށްރަށުގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް އިދާރާގައެވެ.
އެލްޖީއޭ ބޯޑުގެ ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލެއްވީ މާލެ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު އާއި ފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީގްއެވެ.
އެލްޖީއޭ ބޯޑުގެ އަތޮޅު ކައުންސިލްތަކުގެ ތެރެއިން ކުރިމަތިލެއްވީ ކ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލާއި، ނ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީރެވެ. އެކަމަކު ބަޝީރު ފޯމު ހުށަހެޅުއްވީ ސުންގަޑި ހަމަވި ފަހުން ކަމަށް ވާތީ އެ ގޮނޑިއަށް އިންތިޚާބަކާއި ނުލައި ނިމާލް ވަނީ ހޮވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް