ހުޅުމާލޭގެ ގަރާޖެއްގައި ބަަޔަކު ރޭގައި މާރާމާރީ ހިންގިއިރު އެބަޔަކު ތިބީ މީޑިއާ ފާސް އަޅައިގެން ކަމަށް އެ ގަރާޖުގެ ވެރިޔާ ބުނިނަމަވެސް އެބަޔަކު ތިބީކީ ފާހެއް އަޅައިގެން ނޫންކަމުގައި ފުލުހުން ބުނެފިއެވެ.
އިއްޔެ އިރު އޮއްސުނު ފަހުން ހުޅުމާލޭ ގަރާޖަކަށް ވަދެ އެ ތަނުގެ ޓެކްނީޝިއަނަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެެވެ. ފުލުހުން ބުނީ މާރާމާރީގެ ރިޕޯޓު ލިބުނީ އިރު އޮއްސި 06:45 ހާއިރު ކަމަށެވެ.
މި މާރާމާރީ ހިންގި މީހުން ތިބީ، ކާފިއު ވަގުތުތަކުގައި ވެސް ބޭރަށް ނުކުމެ ނޫސްވެރިންގެ މަސްޢޫލިއްޔަތު އަދާކުރުމަށް ދޫކޮށްފައިވާ ހާއްސަ ފާހުގެ ނަކަލު ޕްރިންޓްކޮށްގެން އެ އަޅައިގެން ކަމަށް ބައެއް މީޑިއާތަކުންވެސް ރިޕޯޓްކޮށްފައިވެއެވެ.
ނަމަވެސް ފުލުހުން އެކަން ދޮގުކުރެއެވެ. އެ މީހުން ތިބީ ފާހެއް އަޅައިގެން ނޫން ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް "ދުވަސް" އަށް މިއަދު ކަށަވަރުކޮށްދީފައި ވެއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި ސީން އަށް ދިޔަ ފުލުހުންނަށް އެއްވެސް ފާހެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މާރާމާރީގައި ޓެކްނީޝަނަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވެއެވެ. ނޫސްވެރިންނަށް ދޫކޮށްފައިވާ ފާސްތައް ބޭނުންކޮށްގެން ނޫސްވެރިންނަށް އިތުރު ޕާމިޓަކާއި ނުލާ ކާފިއު ވަގުތުތަކުގައިވެސް ބޭރުގައި އުޅެވޭނެއެވެ. އެއީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޫކުރާ ފާހެކެވެ.
ފުލުހުން ބުނީ، ފޭކް ފާސް އަޅައިގެން އުޅޭ ނަމަ އެކަން ފުލުހުންނަށް ދެނެގަނެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް