ޙައިޟުވުން ލަސްވާ ސަބަބުތކެއްް ހުރެއެވެ. ސިއްޙަތު ސަލާމަތުން ހުރި އަންހެނެއް ނަމަ، ބަރާބަރަށް މަހަކު އެއްފަހަރު ޙައިޟުވާނެއެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ޤަވާއިދުން ޙައިލު ނުވުން ނުވަތަ ޙައިޟު ވާންޖެހޭ ދުވަސް ފަހަނައަޅާ ދާ ފަހުން ޙައިޟުގެ ދުވަސްވަރު ލައިގަނެއެވެ.
ޙައިޟުވުން ލަސްވާ މައްސަލައަކީ ގިނަ ފަހަރަށް އަންހެނުން އަޅާނުލާ ދޫކޮށްލާ ކަމެކެވެ. ސަބަބަކީ ލަހުން ވިޔަސް ނުވަތަ މަސް ދޫވެގެން ވިޔަސ ޙައިޟުވާތީއެވެ. ނަމަވެސް އެއީ އަޅާނުލާ ހުންނަންވީ ކަމެއް ނޫނެވެ.
މި ލިޔުމުގައި އަލިއަޅުވާލާނީ، މާބަނޑުވުން ފިޔަވާ، ޙައިޟުވުން ލައްވާން ދިމާވާ ބައެއް ސަބަބުތަކުގެ މައްޗަށެވެ.
ސްޓްރެސް ނުވަތަ ހާސްވެ ކަންބޮޑުވުމުގެ މައްސަލަ ދިގު މުއްދަތަކަށް ދެމިގެން ދާނަމަ، ޙައިޟުވުން ލަސްވާތަން އާދެއެވެ. ދުވަތަ ޤަވާއިދުން ޙައިޟު ނުވެ ދެއެވެ. ސަބަބަކީ ސްޓްރެސް ވުމުގެ ސަބަބުން ހަށިގަނޑުގެ ހޯމޯންތައް އެއްވަރެއްގައި ނުހިފެހެއްޓުމެވެ.
ޕޮލީލިންޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އާ ކުރިމަތިލާން ޖެހެނީ ހަށިގަނޑުގައި ހުންނަ ހޯމޯން އެއްވަރު ނުވާތީއެވެ. ޕީސީއޯއެސް ގެ ބައެއް އަލާމާތްތަކުގެ ތެރޭގައި، މޫނުމަތީގެ ބައެއް ހިސާބުތަކުގައި އިސްތަށި ފެޅުމާއި، ކުއްލިއަކަށް ބަރުދަން އިތުރުވުމުގެ އިތުރުން ރިއްސުމާއެކު ޙައިޟުވުން އެއްހަމައެއްގައި ނުހިފެހެއްޓި، އޮޅުންބޮޅުން ވުން ހިމެނެއެވެ.
ދަރިން ހޯދުން މަނާކުރާ ބޭސް ކެއުމަކީވެސް ޙައިޟުވުން ލަސްވާން ދިމާވާ ސަބަބެކެވެ. އެފަދަ ބޭސް ކާން ފަށައިފިނަމަ، ބައެއް ފަހަރަށް، އަލުން ބަރާބަރަށް ޙައިޟުވާން ގާތްގަނޑަކަށް ތިން މަހެއް ހާ ދުވަސް ނަގައެވެ.
މާބޮޑަށް ބަރުދަން ލުއި ވުމަކީވެސް ޙައިޟުގެ ދުވަސްވަރު ލަސްވާ ކަމެކެވެ. ކުއްލިއަކަށް މާ ގަދަޔަށް ކަސްރަތު ކުރަން ފެށުމުގެ ސަބަބުން ޙައިޟު ނުވެ މަސް ދޫވެދާނެއެވެ. ސަބަބަކީ އެގޮތަށް ގަދަޔަށް ކަސްރަތު ކުރަން ފެށުމުގެ ސަބަބުން ހޯމޯންސްއަށް ބަދަލު އަންނާތީއެވެ.
މާބޮޑަށް ބަރުދަން ބަރުވުމަކީ ނުވަތަ ފަލަވުމަކީވެސް ޙައިޟުވުން ލައްވާން ދިމާވާ ސަބަބެކެވެ. އެހެންކަމުން ރަނގަޅު ކާނާ ކެއުމާއި، ހަށިގަނޑަށް ބޭނުންވާ ވަރަށް ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކެއުމާއި ކަސްރަތަށް ސަމާލުކަން ދޭނަމަ، ބަރާބަރަށް ހައިޟުވުމަށް މަގުފަހި ވެއެވެ.
ތައިރޮޑް މައްސަލަ ހުރުމަކީވެސް ޤަވާއިދުން ޙައިޟުވުމަށް މައްސަލަޖެހޭ ކަމެކެވެ. ހަށިގަނޑު އެއްވަރަށް ހިންގުމުގައި ތައިރޮޑް ހޯމޯންސް އެހީވެދެއެވެ. އެހެންކަމުން ތައިރޮޑް މައްސަލަ ޖެހުމުން، ޙައިޟުވުމަށް ވެސް އޭގޭ އަސަރު ކުރަނީއެވެ.
އެއް އަހަރަށްވުރެ ގިނަ ދުވަހު ފަރުވާ ކުރަން ޖެހޭ ފަދަ ބައެއް ބަލިތައް ނުވަތަ ދިގުދެމިގެންދާ ފަދަ ސިއްހީ ފަރުވާއެއް ނަގަމުންދާ ނަމަ، ބަރާބަރަށް ޙައިޟުވުމަށް އެކަމުން އަސަރު ކުރެއެވެ. ހަކުރު ބަލި ހުންނަ ނަމަވެސް މިގޮތަށް ދިމާވުމުގެ ފުރުސަތު އޮވެއެވެ. ސަބަބަކީ ބްލަޑް ޝުގަރ ލެވަލް ބަދަލު ވާނަމަ، ހޯމޯން ލެވަލް އަށް އޭގެ އަސަރު ކުރާނެއެވެ. ހޯމޯން ލެވަލް ތަފާތު ވުމުން، ޙައިޟުވުމަށް އޭގެ އަސަރު ކުރަނީއެވެ.
މީގެ އިތުރުން، ބައެއް ފަހަރު އުފެދޭ ޓިއުމަރެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ވެސް ޙައިޟަށް ބަދަލު އާދެއެވެ. އެކި މީހުންގެ ޙައިޟު ދުވަސްވަރަށް ބަދަލު އަންނާނީ އެކި ސަބަބުތަކާ ހެދިއެވެ. އެމީހެއްގެ ހުރި މައްސަލައެއް އެންމެ ރަނގަޅަށް އެނގޭނީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކާލުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް