މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ (އެމްއެންއެސްޑީއޭ) ލޯގޯ ފަރުމާކޮށްގެން 15000 (ފަނަރަ ހާސް ރުފިޔާ) ލިބޭ ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް މުޅިރާއްޖެއަށް ހުޅުވާލައިފިއެވެ.
10 ޖޫން 2021 ވީ ބުރާސްފަތި ދުވަހު މި ފުރުޞަތު އެ އޮތޯރިޓީން މުޅި ރާއްޖެއަށް ހުޅުވާލާފައިވާއިރު ލޯގޯ ފަރުމާ ކުރުމުގައްޔާއި އަދި ލޯގޯއާއި ގުޅޭ ޝިއާރެއް ކަނޑައެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ވެސް އެ އޮތޯރިޓީން ވަނީ އާންމު ކޮށްފައެވެ.
މުޅި މުބާރާތުން އެންމެ ރަގަޅު ލޯގޯއެއް ހުށައެލޭ ފަރާތަކަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ މި މުބާރާތުގައި، ފަރުމާކުރާ ލޯގޯގައި ދިވެހިންގެ މަސައްކަތްތެރިކަމާއި ހުނަރު ރަމްޒު ކޮށްދިނުމުގެ އިތުރުން އެ އޮތޯރިޓީން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅުން ހުންނަން ޖެހޭނެ އެވެ. ރަސްމީކޮށް އަދި ނުރަސްމީކޮށް ބޭނުން ކުރަމުން ގެންދާ ލޯގޯތަކާއި ތަފާތުވުމާއި އަދި އެ ލޯގޯއާއިއެކު ބޭނުންކުރާ ޝިއާރު ދިވެހި ބަހުންނާއި އިގިރޭސިބަހުން ހިމެނުމަށާއި، ކުލަކޮށް، މޮނޮޓޯނަސްކޮށް ވީޑިއޯ މައްޗަށް ސުޕަރއިމްޕޯސް ކުރެވޭގޮތަށް ތައްޔާރު ކޮށްފައިވުން ވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން، ފަރުމާކުރެވޭ ލޯގޯ ތްރީޑީ ކޮށް އެނިމޭޓްކުރެވޭނެ ގޮތަށް ހުރުން ހިމަނާފައިވާއިރު އެނިމޭޓް ކޮށްފައި ހުށަހަޅާ ފަރާތްތަކަށް އިސްކަން ދޭނެކަމުގައި ބުނެފައިވެއެވެ. އަދި ހަމައެހެންމެ އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ފަރުމާއަކަށް ވުން އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ލޯގޯއާއިއެކު ކަވަރ ލެޓާއެއް ހުށައަޅަން ޖެހެއެވެ. އެ ލެޓާގައި ހިމަނަން ޖެހޭނެކަމަށް ބަޔާން ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހުށައަޅާ ލޯގޯއަކީ އެ ލޯގޯ ފަރުމާކުރި ފަރާތުގެ އަމިއްލަ އުފެއްދުމެއްކަން ނުވަތަ ޚިޔާލެއްކަން އަންގައިދިނުމާއި އެކަމަށް އިޤުރާރުވުމުގެ އިތުރުން ލޯގޯގެ ހުރިހާ އިޚުތިޔާރެއް (ކޮޕީރައިޓް) އެ އޮތޯރިޓީއަށް ލިބިގެންވާކަން ބަޔާންކުރުން ހިމެނެއެވެ.
އެ ލެޓާގައި ލޯގޯ ފަރުމާކުރި ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑްނަންބަރާއި އެޑްރެސް އަދި ފޯނު ނަންބަރު އަދި ލޯގޯ ފަރުމާކުރުމުގައި އެހެން ލޯގޯއެއް ނުވަތަ ބެޖެއް އަސާސަކަށް ބެލިނަމަ އެ ލޯގޯއެއް ނުވަތަ ބެޖެއްގެ މައުލޫމާތު ހިމަނަން ޖެހެއެވެ.
ލޯގޯ ހުށަހަޅާއިރު ލޯގޯގެ ސޮފްޓްކޮޕީ 150 ޑީޕީއައި ރިޒޮލިއުޝަންގައި ހުށައެޅުމަށާއި، ލޯގޯގެ ޕީއެންޖީ، އެސްވީޖީ އަދި އީޕީއެސް، މި ތިން ފޯމެޓްގެ އޮރިޖިނަލް ފައިލް ހުށަހެޅުމަށް އެ އޮތޯރިޓީން އެދިފައި ވެއެވެ. މި މުބާރާތަށް ކޮންމެ ބައިވެރިއަކަށް ގިނަވެގެން ހުށަހެޅޭނީ ދެ ލޯގޯ އެވެ. ލޯގޯ ހުށައަޅާއިރު ހުށައާޅާނީ ކުލަ އަދި ބްލެކް އެންޑް ވައިޓް ސޮފްޓްކޮޕީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް