ރާއްޖޭގައި އެންމެ ޑިމޮކްރެޓިކްކޮށް ހިންގަމުންދާ ސިޔާސީ ޕާޓީތަކަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ޑިމޮކްރެޓިކް އަދި އެތެރޭގެ ޑިމޮކްރެސީ އެންމެ ހަރުދަނާ، ރައްޔިތުންގެ ގުޅުން އެންމެ ބަދަހީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ހިންގަމުންދާ ޕީޕީއެމް/ޕީއެންސީ ކަމަށެވެ.
"ރައްޔިތުންގެ އުއްމީދަކީ 2023 ގައި ރައީސް ޔާމީން ދިވެހިންނަށް މި ގައުމު އަލުން ހޯދައިދީ، މިނިވަން މުސްތަގިއްލު ވެރިކަމެއް ގާއިމުކުރުން" އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް މި މޭރުމުން ޓްވީޓް ކުރެއްވި އިރު، ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީ ދެބައިވެ ވަނީ ހަމަނުޖެހުން ބޮޑުވެފައެވެ.
އެގޮތުން އެމްޑީޕީގެ ބައެއް އިސްވެރިން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އަށް އެކި ތުހުމަތުތައް ކުރަމުން އަންނައިރު، ބިގޭގެ ދިފާއުގައި ރައީސް ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު އިއްޔެ ވަނީ ނިކުމެވަޑައިގެންފައެވެ.
ބިގޭ އަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އަމާޒުވެފައިވަނީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު ބޭރުކޮށްލުމާއެކުއެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުކުރާ ގޮތުގައި އެ މައްސަލަ ބޭރުކޮށްލީ އެ ކޮމިޓީގެ ބައެއް މެމްބަރުންނަށް ބިގޭ ގުޅައި މައްސަލަ ބޭރުކޮށްލަން ބާރު އެޅުމުންނެވެ.
ނަމަވެސް ބިގޭ އެ ތުހުމަތުތައް ދޮގު ކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް