މާލޭގެ މަގުތަކުގެއި އުޅޭ ބުޅާތަކުގެ ވާހަކަ ފެށުމުގެ ގޮތުން މި ހިއްސާކޮށްލަނީ، ހަނދާނާއި ތާރީޚުގެ ތެރެއިން މުހިންމު ޞަފުހާއެކެވެ. 2018 ވަނަ އަހަރު ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު މަގާމަށް އިންތިޙާބުވެވަޑައިގަތުމަށް ފަހު އަދުގެ ހޯމް މިނިސްޓަރު އައް ޝެއިޙް އިމްރާން އަބްދުﷲ އޮފީހަށް ނުކުންނެވި ފުރަތަމަ ދުވަހު ލިބިވަޑައިގެން ފުރަތަމަ ސިޓީފުޅުގައި އޮތް ވާހަކައެވެ. އޮތީ ކީކޭތޯއެވެ؟ އެ ސިޓީގައި ބުނެފައިވަނީ އެ ސިޓީގައި ހިމަނަން ބޭނުންވަނީ މި ވެށީގައި އުޅޭ ނިކަމެތި ޖަނަވާރެއްގެ ވާހަކަ ކަމަށާއި އަޅާލާނެ ފަރާތެއް ނެތި ބަނޑުހައި ހޫނުކަމާއި އަނިޔާވެރިކަން ތަހައްމަލު ކުރަމުންދާ ބުޅާތަކުގެ ވާހަކަ ކަމަށެވެ.
https://twitter.com/ShimranAb/status/1060429559449841666
“އަޅުގަނޑާއި ހެޔޮ އެދޭ އެތައް ބަޔަކު އެތައް އަހަރެއް ވަންދެން މި ވާހަކަތައް އެކި ސަރުކާރުތަކުގައި ތަކުރާރުކޮށް ދަންނަވައިފީމެވެ. އަދި ގެދޮރުތަކުގައި ގެންގުޅޭ ބުޅާތަކާއި މަގުތަކުގައި އަޅާލާނެ ވެރިއެއްނެތި އުޅޭ ބުޅާތަކަށް އެކަށީވެންގާ ސިއްހީ ހިދުމަތެއް ފޯރުކޮށްދެވޭވަރުގެ ކުޑަނަމަވެސް ވެޓެރިނަރީ ހިދުމަތެއް މި ގައުމުގައި ގާއިމް ކުރެވޭތޯ ވަރަށް މަސައްކަތް ކޮށްފީމެވެ. އެހެންނަމަވެސް، މިނިސްޓްރި އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން މިހާތަނަށް ދެއްވަމުން ގެންދަވާ ޖަވާބަކީ، ސަރުކާރުގެ ގަވާއިދުތައް ހުރިގޮތުން އަދި މިފަދަ ވަސީލަތްތައް ގާއިމް ކުރެވެން ނެތްކަމެވެ.” ޝައިޚް އިމްރާނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.
އާދޭހެވެ. އެ ސިޓީގައި އޮތީ، މާލޭގައްޔާއި ދިވެހި މި ވެށީގައި އުޅޭ ބުޅާތަކަށް ދިވެހިން އިހުމާލުވާ މިންވަރެވެ.
އެ ސިޓީގައި ބުނެފައިވަނީ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ކިތަންމެ ކުރިއަރާ ދިޔަޔަސް އަޅުގަނޑުމެންގެ މެދުގައި އުޅެމުންދާ ޖަނަވާރުންނާމެދު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އަމަލުކުރަމުންދާ އަނިޔާވެރި ގޮތްތަކަކީ އެކަމާމެދު ހިތާމަކޮށް ލަދުގަންނަންޖެހޭ ފަދަ ކަންތައްތަކެއް ކަމަށެވެ.
މީގެ ތެރޭގައި ގަސްތުގައި ނުވަތަ ފަރުވާލެއް ނެތް އަމަލުތަކުގެ ސަބަބުން އެކްސިޑެންޓްތަކުގައި މަރާލެވެމުންދާ ބުޅާތަކާއި، ތިމާމެންގެ މަޖަލަށްޓަކއި އަނިޔާވެރި އަމަލުތަކުގެ ސަބަބުން ބުޅާތައް މަރަމުންދިޔުން ވަނީ އިންތިހާއަށް ގިނަވެފައިވާކަމަށާއި މިފަދަ މައްސަލަތައް ފުލުހުންގެ ސަމާލުކަމަށް ގެނެވުނު ނަމަވެސް ގާނޫނުން މިފަދަ އަމަލުތަކަށް އަދަބު ކަނޑްއެޅިފައިނެތްކަމަށް ވިދާޅުވެ މި މައްސަލަތައް ތަހްގީގު ކުރުމުގައާއި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފަސްޖެހެމުންދާކަން ފާހަގަ ކުރެވޭ ކަމުގައި ބުނެފައިވެއެވެ.
“ނުވަތަ މިއީ، ގާނޫނު މާނަކުރުމުގައި އެކި މުއައްސަސާތަކުން ގެންގުޅޭ ތަފާތުގެ ސަބަބުން ޖަނަވާރުންނަށް އަނިޔާވެރިވުމުގެ ކުށުގެ މައްސަލަތަކަކީ ދައުވާކޮށް ޝަރިއަތް ހިންގުމަށްޓަކއި “އާންމު މަސްލަހަތު” ގެ ތެރޭގައި ހިމެނޭ ކަމށް އެ މުއައްސަސާތަކަށް ތަސައްވަރު ނުކުރެވުން ކަމުގައިވުންވެސް އެކަށީގެންވެއެވެ. އަދި މަގުމަތީގައި ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުންދާ މި ބުޅާތަކަށް އަޅުގަނޑުމެންގެ ތެރެއިން ހެޔޮ އެދޭ ފަރާތްތަކުން ކާތަކެއްޗާއި ބޯފެން ފޯރުކޮށްދެމުންދާތީ ، އެކަމަށް ހުރަސް އަޅާ ދެކޮޅުވެރިކަން ދައްކަމުން ގެންދާ ފަރާތްތައްވެސް މަދެއް ނޫނެވެ. އަދި އެތަކެއްޗަށް ކާންދިނުން ހުއްޓުވުމަށްޓަކައި އެ ބުޅާތައް މަރަމުންދާކަންވެސް ހިތާމަޔާއެކު ފާހަކުރަމެވެ.” އެ ސިޓީގައި ބުނެފައިވެއެވެ. ސިޓީ ޓްވީޓް ކުރައްވަމުން ޝައިޚް އިމްރާން ވިދާޅުވެފައިވަނީ އެ ސިޓީއަކީ ލިބުނު ކުޑަ މިނިވަންކަމާއެކު އޮފީހަށް ނިކުތުމުން ލިބުނު ފުރސަތަ ސިޓީ ކަމަށާއި އިސްލާމީ މުޖްތަމައުގައި ދިރޭތަކެތީގެ ރައްކާތެރިކަން ކަށަވަރުވެފަ އޮންނަންޖެހޭ ކަމަށެވެ.
ބުޅާތައް މާލޭގެ އަނިޔާވެރި މަގުތަކަށް ގިނަވީ ކީއްވެ؟
އަޅާލާނެ އާރެއްޔާރެއް ނެތް ބުޅާތައް އެހެންމިހެން އުޅޭ މަންޒަރަކީ މާލޭގައި އަދު އާ މަންޒަރެއް ނޫނެވެ. އެކި ވަރުވަރުގެ ހާނީއްކަޔާއި ޒަޚަމްތަކާ އެކު އުޅޭ ބުޅާތައް ވެސް ފެންނަނީ މަދެއްކޮށް ނޫނެވެ. ކާއެތިކޮޅެއް ލިބޭތޯ ބިމުގެ އެތަންމިތަނުގައި ވަސް ގަންނަމުން، މަގުމައްޗަށް އުކައިލައިފައި ހުންނަ ޑަސްބިންތަކާއި ކޮތަޅުތައް ހާވަމުން، އެ ސޮރުމެން އުޅެއުޅެ ތިބޭ އިރު، އެތަން ފެންނަ އެއްވެސް ބަޔަކު ތިބޭ ހެނެއް ހީއެއް ނުވެއެވެ. އެހެން އުޅޭ ބުޅާތައް ސައިކަލާއި ކާރު ފަދަ ދުއްވާ ތަކެތީގެ ދަށު ވެ ޗިސްޗިސް ވެފައި ވަނިކޮށް ވެސް ބައެއް ފަހަރު ފެނެއެވެ. ބައެއް ފަހަރު، އަނިޔާވެރިންގެ ހަމަލާތަކުން އެ ސޮރުމެންނަށް އަނިޔާވާ ހިތްދަތި މަންޒަރު ވެސް ފެނެއެވެ.
ސުވާލަކީ މާލޭގެ މަގުތަކަށް ބުޅާ ގިނަވީ ކިހިނެއްތޯއެވެ؟ މި ކަން ހިނގި ގޮތެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ރާއްޖެތެރޭ ރަށްރަށުންނާއި ރާއްޖޭން ބޭރުން ގެނެސް މާލޭގެ ގޭގޭގައި ގެންގުޅޭ ބުޅާ ވަކި ހިސާބަކުން ބެލެން ނެތިގެން މަގުމައްޗަށް ދޫކޮށްލުމެވެ. ވަރަށް ލޯބިން ބުޅާ ގެންގުޅެފައި ވަކި ހިސާބަކުން ފޫހި ވަނީއެވެ. ނޫނީ ބެލޭނެ ގޮތެއް ނެތެނީއެވެ. އެކި ސަބަބުތަކާއި ހުރެ ގޭގޭގައި ގެންގުޅޭ ބުޅާ މަގުމަތަަކަށް ދޫވަނީއެވެ. ބައެއް މީހުން ގަސްދުގައެވެ. ނޫނީ ނޭނގުމެއްގެ ތެރޭގައެވެ. ނުވަތަ މަޖުބޫރުވެގެންނެވެ. އެހެންކަމުން ހަލަބޮލި މާލޭގެ އަނިޔާވެރި މަގުތަކަށް ބުޅާތައް ދޫކޮށް ގިނަކުރީ ހަމަ ބުޅާ ގެންގުޅުނު މީހުންނެވެ.
އިސްލާމް ދީނާއި ބުޅާ ފަދަ ޖަނަވާރުތައް!
ބުޅާ ހިމެނޭހެން ހުރިހާ ޖަނަވާރަކަށް ވެސް އޯގާވެރިވުމަކީ ވާޖިބެކެވެ. އެސޮރުމެންނަށް އެއްވެސް ގޮތަކުން ގޯނާ ކުރުމަކީ ބޮޑު ފާފައެކެވެ. އަހަރެމެންގެ ތެރޭން މީހެއްގެ ބެލުމުގެ ދަށުގައި ބުޅަލެއް ނުވަތަ އެނޫން ވެސް ޖަނަވާރެއް ވާ ނަމަ، އެ ސޮރަށް ރަނގަޅަށް ކާންބޯން ދިނުމާއި، އެ ސޮރުގެ ތަބީއަތާ އަރައިރުން ނުވާ ފަދަޔަކުން އެ ސޮރަށް އުޅެވޭނެ ގޮތް ފަހި ކޮށްދީ، މިނިވަންކަން ދިނުމަކީ ވާޖިބެކެވެ. އެސޮރުގެ ފަރާތުން ހަރުކަށިކަމާއި ބަސްނޭހުންތެރިކަން ފެންނަ ހާލަތުގައި ވެސް އެ ސޮރާ މެދު ހަރުކަށިކަން އިސް ނުކުރުމަށް ކީރިތި ރަސޫލާ މުޙައްމަދު (ޞ) އަމުރު ކުރެއްވިއެވެ. ޖަނަވާރު އެކަތި އަނެކައްޗާ ތަޅުވާ ކުޅިވަރުތަކާއި، ޖަނަވާރުގެ މައި އެއްޗާއި ދަރި ވަކި ކުރުން މަނާ ކުރެއްވިއެވެ. މީގެ އިތުރުން، ތިމާ ގެންގުޅޭ ނުވަތަ ތިމާގެ ބާރު ހިނގާ ތަނެއްގައި އުޅޭ ޖަނަވާރެއް ބަލި ވެއްޖެ ނަމަ، އެ ސޮރަށް އަޅާލައި ފަރުވާ ކުރުމަށް ވެސް އެކަލޭގެފާނު ވަނީ އަމުރު ކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް