ހުމާއި ރޯގާ ފެތުރޭވަރު ކޮންޓްރޯލް ވެއްޖެ: އެޗްޕީއޭ

މާލެ އާއި އަތޮޅުތެރޭގައި އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ އަދި ޑެންގީ ހުން ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެ އެޖެންސީން ބުނ...

12 Jun 2018 | 17:27

މާލެ އާއި އަތޮޅުތެރޭގައި އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ އަދި ޑެންގީ ހުން ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އެޖެންސީން ބުނެފައިވަނީ މިހާރު އަރިދަފުސް ރޯގާ އާއި ހުމާއި ޖެހިގެން ޑޮކްޓަރަށް ދައްކާ ނިސްބަތް ބޮޑުތަނުން ދަށްވެފައިވާ ކަމަށެވެ. މިހާރު ޑޮކްޓަރަށް ދައްކަނީ އާންމުކޮށް އެ ބަލިތައް ޖެހިގެން މީހުން ޑޮކްޓަރަށް ދައްކާ ވަރަށް ކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން ރޯގާ ފުރަތަމަ ފެތުރިގެން ދިޔަ ހަފްތާ ތެރޭގައި ހުމާއި ރޯގާ ޖެހިގެން އެޑްމިޓް ކުރެވިފައިވާ މީހުންގެ ތެރެއިން އިންފްލުއެންޒާއަށް ޓެސްޓު ކުރި 151 މީހުންގެ ތެރެއިން 86 މީހުން ބައްޔަށް ޕޮޒިޓިވް ވިއެވެ. އެކަމަކު މިދިޔަ ހަފްތާގައި ޓެސްޓު ކުރި 32 މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 11 މީހުން ނެވެ.

އެޗްޕީއޭއިން ބުނީ ބަލި ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މަދުވިޔަސް އިންފްލުއެންޒާ ފަދަ ބަލިތަކަކީ ވަރަށް ފަސޭހައިގެން ޖެހޭ ބަލިތަކަށް ވާތީ އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އަންނަ ހަފްތާއަކީ އުމްރާގެ އަޅުކަމަށް ފަހު އެނބުރި މީހުން އަންނަ ހަފްތާއަކަށް ވާތީ އިތުރަށް ރޯގާ ފެތުރިދާނެތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.

އެޗްޕީއޭއިން ބުނީ މިފަދަ އާންމު ބަލިތަކުން ރައްކާތެރިވުމަށް އަހަރަކު އެއް ފަހަރު އިންފްލުއެންޒާ ވެކްސިން ޖެހުމަކީ ރައްކާތެރި ކަމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން މި ދުވަސް ވަރު މާލެ އާއި އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި އިންފްލުއެންޒާ ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް