އެވަގުތު އެކޮޓަރި ތެރެއަށް އަންޖަލް ވަދެގެންއައިކަމެއްވެސް މިފްޒާލް އަކަށް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް އޭނާއަށް އިނީ ޑްރާމާތެރެއަށް ވަދެވިފައެވެ.
"ކިހިނެތްވެފަ ތީނީ....؟" މިފްޒާލް ލޯމަރައިގެން ގޮނޑީގައި އިންތަން ފެނިފައި އަންޖަލް ސުވާލުކޮށްލިއެވެ.
"ވަރުބަލި ވެގެން ނިދިޖެހުނީ...." އަންޖަލްގެ އަޑަށް ސިހިފައި މިފްޒާލް ލޯ ހުޅުވާލުމަށްފަހު ޖަވާބު ދިނެވެ.
"މީދޯ އެފޮޓޯ....! މާޝާ ﷲ... މިފޮޓޯ ވަރަށް ފުރިހަމަ....! އިރާދަކުރެއްވިޔާ ޔަޤީން މިފޮޓޯއަށް ވަނައެއް ލިބޭވަރުވާނެކަން....! ވަރަށް ވަރަށް ފުރިހަމަ....! މަގޭ ފިރިމީހާ ހާދަމޮޅޭ...! މަޢުރަޒް އޮންނަ ޑޭޓް ރޭޑިއޯ އިން ކިޔައިފިތަ....؟" ފޮޓޯއަށް ބަލަހައްޓައިގެން ހިނިތުންވެފައިހުރެ އަންޖަލް ވާހަކަ ދެއްކިއެވެ.
"އަދި ތިކަހަލަ އެއްވެސް އެނައުންސްމަންޓެއް ނާދޭ....! ނޭނގެ، ފާޑެއްގެ ޑްރާމާއެއް މިގަޑީގައި އަންނަނީ....!" މާ ގަޔާނުވާގޮތް ދައްކާލަމުން މިފްޒާލް ބުނެލިއެވެ.
"އައްދެ....! ހާދަ އަޑުރީތި ކުއްޖެއް އެޑްރާމާގައި އެއުޅެނީ...." ޑްރާމާގައި އައިލީން ވާހަކަ ދައްކާލި އަޑު އިވިގެން އަންޖަލް ބުނެލިއެވެ.
"އާނ....! އެހެރަ އަޑެއް.... ހީވަނީ ކަންފަތްބުޑުގައި އޮނުތޫރިއެއް ފަޅާލާހެން...." ހިތާދެކޮޅަށް ހީނލާފައި މިފްޒާލް ބުނެލިއެވެ.
"ހޫނ....! މި ފިރިހެނުން ވަރަށް އެ ފާޑުވާނެ....! އަނބިމީހާ ކުރިމަތީގައި އުޅޭނީވަރަށް ސޯލިހުވެގެން....! އެހެން އަންހެން ކުއްޖަކަށް ދުވަހަކުވެސް ތަޢުރީފު ނުކުރާކަމަށް ހެދިގެން...." ހީނލާފައި އަންޖަލް ވާހަކަ ދެއްކިއެވެ.
"ނޫނޭ....! ރީތިއްޔާ މިފޫ ވެސް ރީއްޗޭ ބުނާނަން.... ތަޢުރީފުވެސް ކުރާނަން...! އެކަމަކު މިފޫއަކަށް އެއަޑު އެއްގޮތަކަށްވެސް ކަމަކުނުދޭ..... ރީއްޗެއްވެސް ނޫން.... ދެން އަންޖޫއަށް އެއަޑު މާރީތިވީ ގޮތެއް މިފޫއަކަށް ނޭނގެ..." ގޮނޑިން ތެދުވަމުން ހިތާދެކޮޅަށް އަނެއްކާވެސް ފަރުވާކުޑަ ގޮތަކަށް މިފްޒާލް ބުނެލިއެވެ.
"އިނގެޔޭ.... އެކަމަކު ތިޔައީ ބައެއް ފިރިހެނުންގެ ގޮތެއް.... ގޮތް ދެއްކުމުގައި އަރާތިބޭ ބަޔެއް ފިރިހެނުންނަކީ....! އެކަމަކު އަންޖޫގެ އަފޫ އަކީ އެކަހަލަ މީހަކަށް ނުވާނެ ކަމަށް އުއްމީދު ކުރަނީ....! ފޮޓޯއަށް ބަލަންހުރެ އަންޖަލް ވާހަކަ ދެއްކިއެވެ.
"ޔަޤީންތާ....! އަފޫ ކަހަލަ މީހަކު އަންޖޫ ނިކަން ހޯދަބަލަ....؟ ޔަޤީން މިކަހަލަ މީހަކު ނުފެންނާނެ....!" އަންޖަލް ގާތަށް އައިސް ހުއްޓެމުން މިފްޒާލް ބުނެލިއެވެ.
"ތިބުނީ ހަމަ ރަނގަޅު ވާހަކައެއް.... ހިޔެއްނުވެ މިފޫ ކަހަލަ މީހަކު ދެން ފެންނާނެހެނެއް...." ހިނިތުންވެފައިހުރެ މިފްޒާލްގެ ސުވާލަށް އަންޖަލް ޖަވާބު ދިނެވެ.
"ކޮންއިރަކުން މައުރަޒުގައި ބައިވެރިކުރާނެ ފޮޓޯއެއް ސެލެކްޓް ކުރާނީ....؟ ހިނގާ ލަސްނުވެ އެކަމާވެސް އުޅެން...." ކޮޓަރިތެރޭ ކަބަޑުގައި ބަހައްޓާފައިހުރި ފޮޓޯތަކަށް ބަލަންހުރެ މިފްޒާލް، އަންޖަލްއާ ސުވާލުކޮށްލިއެވެ.
"ކޮޓަރި ތެރޭގައި ކުރަހާފައިހުރި ފޮޓޯތަކުން ފޮޓޯއެއް ސެލެޓްކޮށްގެން ހިފައިގެން މިއައީ...." އަންޖަލް އަތުގައި އޮތް ފޮޓޯ މިފްޒާލްއަށް ދިއްކޮށްލަމުން ބުނެލިއެވެ.
އަންޖަލް ދިއްކޮށްލި ފޮޓޯގައި ހިފުމަށްފަހު މިފްޒާލް އެފޮޓޯއަށް ބަލާލިއެވެ. މިފްޒާލް ދިޔައީ ސިއްސައިގެންނެވެ. އެއީ އައިލީންގެ ފޮޓޯއެކެވެ. އެފޮޓޯއަކީ މީގެ އެއްމަސްކުރިން އައިލީން އޭނާގެ ދަރިފުޅު ގޮވައިގެން ސަލްޓަންޕާކުގައި ހުއްޓާ މިފްޒާލް ނެގި ފޮޓޯއެކެވެ. ފޮޓޯ ނެގުމަށްފަހު މިފްޒާލް އެފޮޓޯ ކުރަހާފައިވަނީ ވަރަށް ރީތިކޮށެވެ. އެފޮޓޯގައި އައިލީން ހުރީ ޕާކު ތެރޭގައި ކުޅެންހުރި އޭނާގެ ދަރިފުޅަށް ބަލަހައްޓައިގެންނެވެ. އެ ތުއްތު ތުއްތު ދަރިފުޅުގެ ކިބައިގައ، ބަސްމޮށުންތެރިކަމުގެ ހުނަރު ނެތްކަމުގައިވިޔަސް ދެމައިންގެ މޫނުމަތިން އެތައް ބައިވަރު ވާހަކަތަކެއް ބުނެދެއެވެ. ދެމައިން ތިބީ އެކަކު އަނެއްކަކަށް ބަލަހައްޓައިގެން ހިނިއައިސްފައެވެ.
"ތިފޮޓޯގަނޑު އެމައުޞޫއަށް ފިޓްވެއެއްނު....! އަންޖޫއަށް ފެންނަނީ ތިފޮޓޯ ބައިވެރިކުރަން....! މިކުރެހުން އަންޖޫއަށް ވަރަށް ރީތި...! އެހިނިތުންވުންވެސް ވަރަށް ފުރިހަމަ....! މިހާ ފުރިހަމައަށް، މިހާ ނެޗުރަލްކޮށް ކިހިނެތްތަ ކުރަހަން ދަސްކުރީ.... އަމިއްލަ ހިޔާލަށް ކުރަހާފަހުރި ފޮޓޯއެއްހެނެއް ހީއެއްވެސް ނުވެ.... ހީވަނީ ފޮޓޯއެއް ބަލައިގެން ކުރަހާފަހުރި ފޮޓޯއެއްހެން...." މިފުޒާލް އާއި ދިމާއަށް ބަލަންހުރެ އަންޖަލް ވާހަކަ ދެއްކިއެވެ.
"މިފޫ މިއީ މޮޅުމީހެކޭ.... އެއްޗެއް ނުފެނުނަސް ހިތަށް އަރާ ކޮންމެއެއްޗެއް ހަމަތިހެން ކުރަހާލާނަން....! ފަޚުރުވެރިވެބަލަ ފިރިމީހާއާ ދޭތެރޭ...." މިފްޒާލް ހީނލާފައި ވާހަކަ ދެއްކިއެވެ.
"އަންޖޫ އަބަދުވެސް އަންޖޫގެ ފިރިމީހާގެ ކުޅަދާނަ ކަމާއި، ލިބިފަ ތިހިރަ ހުނަރާމެދު ފަޚުރުވެރިވެއޭ....! މަދުބަޔަކަށް ތިހުނަރު ތިހާ ފުރިހަމައަށް ލިބެނީ...." ހީނލާފައި އަންޖަލް ވާހަކަ ދެއްކިއެވެ.
ނެޝަނަލް އާޓް ގެލެރީ އިން ކުރިއަށް ގެންދާ މިއަހަރުގެ ކުރެހުމުގެ މައުރަޒު ފެށިއްޖެއެވެ. މި މަޢުރަޒުގައި ވަރަށް ގިނަ ފަރާތްތަކުން ކުރެހުންތައް ބައިވެރިކޮށްފައި ވެއެވެ. މިގޮތުން މިފްޒާލްވެސް މި މުބާރާތުގައި ތިން ކުރެހުން ބައިވެރިކުރިއެވެ. މި މުބާރާތުގައި ބައިވެރި ކުރި ކުރެހުންތަކުގެ ތެރެއިން މިއަހަރު މުޅި މުބާރާތްތަކުން އެއްވަނަ ކުރެހުމަކަށް ހޮވިފައިވަނީ މިފްޒާލް ކުރަހާފައިވާ އައިލީންގެ ފޮޓޯއެވެ. ޙަޤީޤަތަކުގައިވެސް އެ ކުރެހުމަކީ މޮޅުކުރެހުމެވެ. ފޮޓޯގައި ފޮރުވިފައިވާ އެތައް މާނައެއް ވެއެވެ. އެފޮޓޯގެ ރީތިކަމާއި މޮޅު ކަމުން އެފޮޓޯއަށް އެއްވަނަ ހައްޤުވާ ކަމަށް މަޢުރަޟުގައި ފޮޓޯ ބައިވެރި ކުރި އެހެން ފަރާތްތަކުން އެބަސްވެއެވެ. މިފޮޓޯ ފެނުމާއެކު ނާއިލް އަނެއްކާވެސް އޮފީސްތެރޭގައި މިކަމާބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަ ދައްކަމުން ދިޔައެވެ. މިއަޑު މިފްޒާލްއަށްވެސް އޮފީސްތެރެއިން އިވެމުންދިޔައެވެ. އެހެންނަމަވެސް މިއަޑުތައް އިވޭ ކަމަކަށް މިފްޒާލް ނަހަދައެވެ.
މަޢުރަޒްގެ އެންމެ ފަހުރެއެވެ. އާޓް ގެލެރީގައި އުޅުމަށްފަހު މިފްޒާލް ގެއަށް އައި އިރު ކޮޓަރިތެރޭގައި ވާހަކަ ލިޔަން އަންޖަލް އިނެވެ. މިފްޒާލް އައިސް ކޮޓަރިއަށް ވަނުމާއެކު އަންޖަލް އެފޮތްގެންގޮސް އަލަމާރިއަށް ލުމަށްފަހު އައިސް މިފްޒާލް ގާތުގައި އެނދުގައި އިށީނެވެ.
"އެއީ އަސްލު ފޮޓޯއެއް ބަލައިގެން މިފޫ ކުރެހި ފޮޓޯއެއް ދޯ....؟ ކާކު އެއީ....؟" އަންޖަލް ކުއްލިއަކަށް ކުރި މި ސުވާލާއި ގުޅިގެން މިފްޒާލްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.
މިފްޒާލް ދޭނެ ޖަވާބެއް ނޭނިފައި އަންޖަލްގެ މޫނަށް ބަލަހައްޓައިގެން އިނެވެ.
"ކާކުތަ އެއީ....؟" އަނެއްކާވެސް އަންޖަލް ސުވާލުކޮށްލިއެވެ.
"ކޮބައިތަ....؟ ކާކުތަ....؟" މިފްޒާލް ދުވަހަކުވެސް ވާހަކަ ނުދައްކާހާ ބާރަށް ސުވާލުކޮށްލިއެވެ.
އަންޖަލް ދިޔައީ ސިއްސައިގެންނެވެ. ޙައިރާންވެ ދެރަވެސްވިއެވެ. މިފްޒާލް ދުވަހަކުވެސް މީގެ ކުރިން އެހާ ބާރަށް ވާހަކަ ދައްކާފައެއް ނުވެއެވެ.
"އެއީ ކާކުތޯ އަހާލާއިރަށް ތިހާ ބާރަށް ޖަވާބުދޭން ޖެހޭތަ....؟ އެއީ މިފޫ ދަންނަ ކުއްޖެއްދޯ....؟ ކީއްވެ އެއީ މިފޫ ކުރެހި ފޮޓޯއެކޭ ބުނީ.... އަސްލު މިއަދު ވަރަށް ދެރަވެއްޖެ...." އަންޖަލް މަޑުމަޑުން އެނދުން ތެދުވެގެން ހިނގައިގަންނަމުން ބުނެލިއެވެ.
"ސޮރީ އަންޖޫ....! ވަރަށް ބޮޑަށް ސޮރީ....! ގަސްދުގައެއްނޫން އެހާ ބާރަށް އެހެން އެބުނެވުނީ....! ވަރަށް ބޮޑަށް ދެރަވެއްޖެ... ސޮރީ...!" މިފްޒާލް ދެރަވެފައި ވާހަކަ ދެއްކިއެވެ.
"އެއީ މިފޫ ދަންނަ ކުއްޖެއްތަ....؟ ކީއްވެ އެފޮޓޯ ބައިވެރިކުރާނީއޭ އަންޖޫ ބުނި އިރު އެއީ މިފޫ ދަންނަ ކުއްޖެކޭ ކުރިން ނުބުނީ.... އަންޖޫ ހީކުރީ އެއީ މިފޫގެ އަމިއްލަ ޚިޔާލަށް ކުރަހާފަހުރި ފޮޓޯއެއް ކަމަށް..... މީހެއްގެ ހުއްދައެއްނެތި އެމީހެއްގެފޮޓޯ މިފަދަ ކަމަކަށް ބޭނުންކުރުމަކީ ކިހާ ގޯސް ކަމެއް.... އޭނަ މައްސަލައެއް ޖައްސައިފިއްޔާ ކުށްވެރިވާވަރު ކަމެއް އެއީ...." މިފުޒާލް އާ ދިމާއަށް ބަލާލުމަށްފަހު އަންޖަލް ބުނެލިއެވެ.
"އޭރު އެއަށް ޖަވާބެއް ނުދެވުނީ ކީއްވެ ކަމެއް ނޭނގެ....! ވަރަށް ބޮޑަށް ސޮރީ...." ބޮޑު ކުށެއް ކުރެވިފައިވާކަން ފާހަގަކުރެވި އިސްދަށަށް ޖަހައިގެން އިނދެ މިފްޒާލް މަޑުމަޑުން ބުނެލިއެވެ.
"މައުރަޒުން އެއްވަނައަށް ގޮސްފައެވާ ކުރެހުމަކީ ރާއްޖޭގެ މަޝްހޫރު މޮޑެލްއެއްގެ ފޮޓޯއޭ ކިޔާފައި ދެފްރެންޑެއް އަންޖޫއަށް ގުޅައިފި...! އޭނަގެ ހުއްދައެއްނެތި އޭނަގެ ފޮޓޯއެއް ކުރަހައިގެން މައުރަޒެއްގެ ބައިވެރި ކުރުމަކީ ވަރަށް ބޮޑު މައްސަލައެއްނު...." އަންޖަލް ވާހަކަ ދައްކަމުންދިޔައިރު ރާގުގައި ފޮރުވިފައިވަނީ ހުސް ޝަކުވާއެވެ.
"އެއީ މައްސަލަޖެހޭ ވަރުގެ ކަމެއް ނޫނޭ....! މީހުން ޖެލަސްވަނީ ތިންވަނަ ފަހަރަށް މިފޫއަށް އެއްވަނަ ލިބުނީމަ.... އެހެން ނޫނަސް އެކަން މައްސަލައަކަށް ވެއްޖެނަމަ އެކަން މިފޫ ހައްލު ކުރާނަމޭ...." އިސްއުފުލާލަމުން މިފްޒާލް ބުނެލިއެވެ.
"ދެން ތިކަމުގައި އަންޖޫއަށް ބުނާނެ އެއްޗެއް ނޭނގެ....! މިއަދު އަންޖޫއަށްގުޅި މީހަކު ބުނި މިފޫ އާ އެކުއްޖާއާ ދޭތެރޭ ކޮންމެވެސް ގުޅުމެއްވެސް އޮވެޔޭ.... އަންޖޫއަކަށް ނޭނގެ އޭގެ ދޮގެއް ތެދެއް....! އޭނަދޯ އެފް.އެމް.ގެ ޑްރާމާތައް ކުޅެނީވެސް....! ކުރީ ރޭވެސް ޑްރާމާ އައި އިރު އޭނަގެ އަޑުގެ ވާހަކަ ދެއްކީމަ މާދުރުދުރުން އުޅުނީމަވެސް އަންޖޫ އަށް ޝައްކުވި....! ފަހަކަށް އައިސް މާ ރޭޑިއޯ އަޑުއަހަން ބޭނުންވެގެން އުޅެނީވެސް އެހެންވެ ދޯ...." ހިތްހަމަ ނުޖެހިފައި ހުރެ އަންޖަލް ވާހަކަ ދެއްކިއެވެ.
"މިފޫ ގަބޫލު ކުރަމޭ މިފޫ ގޯސްކޮށް ކަމެއް ކުރެވިއްޖެކަމަށް....! މިފޫއަށް ކުރެވުނު ހުރިހާ ކަމަކަށް މިފޫ މަޢާފަށް އެދެން....! އިރާދަ ކުރެއްވިއްޔާ ދެން އެކަހަލަ ކަމެއް ނުވާނެ....! ހިނގާދެން އެވާހަކަ ނުދައްކަމާ....!" އަންޖަލްގެ އަތުގައި ހިފާލުމަށްފަހު މިފްޒާލް ވާހަކަ ދެއްކިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 14 މެއި، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް