ދިވެހިންގެ އެވަރެޖް އުމުރު 80 އަހަރަށް މަތި ކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ1960 ގެ އަހަރުތަކުގެ ތެރޭގައި ދިވެހިން ދިރިހުންނަ އުމުރަކީ39 އަހަރު ކަމަށެވެ. އެކަމަކު އެ އަދަދު މިހާރު80 އަހަރަށް މަތި ކުރެވިފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ނަތީޖާއަށް ވާސިލްވުމަށް ސަރުކާރާއި ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ ހިތްވަރާއެކު ކުރަމުން އައި، މަސައްކަތްތަކުގެ ނަތީޖާ ވަރަށް ފޮނި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާއަށް އައިސްފައިވާ ކުރިއެރުމަށް ބަލާއިރު ޅަފަތުގައި ކުދިން މަރުވާ ނިސްބަތް މަދުވުމާއި ވިހެއުމުގެ ތެރޭގައި މައިން މަރުވާ ނިސްބަތް ދަށްވުން ހިމެނޭ ކަމަށެވެ. އަދި އެކަށީގެން ސިއްހީ ފަރުވާ އާއި ހިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމު ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ބަނޑުގައިވާ ދަރިފުޅަށް، މައިމީހާގެ ފަރާތުން އެޗްއައިވީ އާއި ސިފިލިސް ޖެހުމުގެ ފުރުސަތު ނެތް ގައުމެއް ގޮތުގައި މިހާރު ވަނީ ރާއްޖެ ކަނޑައެޅިފައި ކަމަށެވެ.
މީގެ އިތުރުން ސިއްހީ ހިދުމަތަށް އަމިއްލަ ޖީބުން ބޮޑެތި ހޭދަތަށް ނުކޮށް ސޯޝަލް ހެލްތު އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން، މި ހިދުމަތްތައް ލިބޭގޮތަށް ހަމަޖެއްސިފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރުގެ އެންމެ ބޮޑު ކަންބޮޑުވުމެއްގައި ގޮތުގައި ފާހަގަ ކުރެއްވީ ގައިން ގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އިތުރުވުމެވެ. އޭގެ ތެރޭގައި ކެންސަރު ފަދަ ބަލިތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް