ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައަށް ތާއީދު ކުރާ އެމްޑީޕީ މެމްބަރުންނަށް ފިޔަވަޅު އަޅަނީ

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގައި ބައިވެރިވާ އެމްޑީޕީގެ މެމްބަރުންނަށް ފިޔަވަޅު އަޅަން އެ ޕާޓީން ނިންމައިފި އެވެ. ރިފްއަތުގެ އިތ...

12 May 2023 | 06:25

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގައި ބައިވެރިވާ އެމްޑީޕީގެ މެމްބަރުންނަށް ފިޔަވަޅު އަޅަން އެ ޕާޓީން ނިންމައިފި އެވެ.

ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅީ އެމްޑީޕީގައި ތިއްބެވި ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދު ކުރައްވާ މެމްބަރުންނާއި، އެމްއެންޕީ ޕީޕީއެމް، ޖޭޕީ އަދި ޕީއެންސީ ގުޅިގެންނެވެ. އޭގެ ތެރޭގައި ނަޝީދަށް ތާއީދު ކުރާ13 އެމްޑީޕީ މެމްބަރުން ހިމެނިވަޑައިގެންނަވަ އެވެ.

މި މައްސަލައިގަ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. އެމްޑީޕީން ބުނީ އޭނާ ކުރެއްވީ އިހްލާސްތެރި އަދި ކާމިޔާބީ ހާސިލްވި މަސައްކަތެއް ކަމަށެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އަޅާނޭކަމުގެ އިންޒާރުދީފައެވެ.

އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި މިކަމަކީ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މަދު ބަޔަކާއެކު ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާތަކާއި ހިންގި ހަރަކާތްތައް ފެއިލްވުމުން ފަށައިގެން އުޅޭ ކަމެއް ކަމަށެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ހިންގަން އުޅެނީ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފްރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލައި ބައިބައިކޮށް އަމިއްލަ ސިޔާސީ މަންފާ ހޯދަން ރޭވިގެން ހިންގާ ހަރަކާތެއް ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ދެކޭ ކަމަށް އެމްޑީޕީން ބުންޏެވެ.

ޗާގޮސް މައްސަލައިގަ ސަރުކާރާއި ދެކޮޅަށް ވަނީ ކޯލިޝަނެއް އެކުލަވާލާފައި އެވެ. އެ ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ރިފްއަތާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

އަދި ވަރަށް އަވަހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައިވެ އެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

މިހާރު މަޖިލީހުގައި މެމްބަރުން ތިއްބެވި ސިޔާސީ ފިކުރަށް ބަލާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ5 5 މެމްބަރުން އެބަތިއްބެވި އެވެ. ޗާގޮސް މައްސަލައިގަ އުފެއްދި ކޯލިޝަންގައި ތިއްބެވީ 28 މެމްބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް