ހިލަވެލި ބަރުކޮށްގެން ދެމީހުންނާއި އެކު ދަތުރު ކުރި ދޯންޏެއް ގެއްލިގެން ހޯދަނީ

ހިލަވެލި ބަރުކޮށްގެން މާލެއިން ފުރި ދޯންޏެއް ގެއްލިގެން ކޯސްޓްގާޑުން ހޯދަން ފަށައިފި އެވެ. ކޯސްޓްގާޑަށް ރިޕޯޓު ކުރީ އިއްްޔެ ހަވީރު 6:03 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ އެ ދޯނި ގެއްލުނީ މާލެއިން ފުރ...

12 May 2023 | 04:45

ހިލަވެލި ބަރުކޮށްގެން މާލެއިން ފުރި ދޯންޏެއް ގެއްލިގެން ކޯސްޓްގާޑުން ހޯދަން ފަށައިފި އެވެ.

ކޯސްޓްގާޑަށް ރިޕޯޓު ކުރީ އިއްްޔެ ހަވީރު 6:03 ހާއިރު އެވެ. އެމްއެންޑީއެފުން ބުނީ އެ ދޯނި ގެއްލުނީ މާލެއިން ފުރައިގެން ކ.ގާފަރުގައި މަޑުކުރުމަށްފަހު، އިއްޔެ ހެނދުނު 10:40 ހާއިރު ފުރައިގެން ބ.ދަރަވަންދޫއަށް ދަތުރުކުރަނިކޮށެވެ.

"ޖަންބޯ" ނަމަކަށް ކިޔާ އެ ދޯނީގެ ހަބަރެއް އެންމެފަހުން ވެފައިވަނީ އިއްޔެ ހެނދުނު 11:35 ހާއިރެވެ. މި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.

އެ ދޯނީގެ ދިގުމިނުގައި 65 ފޫޓު ހުރެ އެވެ. ދޯނި ދަތުރު ކުރަމުން ދިޔައިރު އޭގައި ދެމީހުން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.

ދޯނި ހޯދުމުގެ މަސައްކަތް ފެށި ފަހުން އިއްޔެ 1:00 އާއި 1:30 ހާއި ދެމެދުގެ ވަގުތެއްގައި މިދޯންޏާއި ވަަށްތަރު ދޯންޏެއްކަމަށްލަފާ ކުރެވޭ ދޯންޏެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަމޭލުބޭރުން ފެނުނު ކަމަށް އެސަރަހައްދުން ދަތުރުކުރި ދޯންޏަކުން ރޭގެ ވަގުތެއްގައި ކޯސްޓްގާޑަށް މައުލޫމާތު ދީފައިވެ އެވެ.

މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް