ރައީސް މައުމޫން ތާއީދުކުރައްވަނީ އެވެނި މިވެނި ޕާޓީއަކަށޭ އެމަނިކުފާނާ ކިތަންމެ ގާތް މީހަކު ބުންޏަސް ގަބޫލު ނުކުރާތި، ތާއީދުކުރަނީ ހަމަ އެކަނި އެމްއާރްއެމްއަށް !

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ތާއީދުކުރަނީ އެވެނި މިވެނި ޕާޓީއަކަށޭ އެމަނިކުފާނާ ކިތަންމެ ގާތް މީހަކު ބުނި ނަމަވެސް ގަބޫލު ނުކުރުމަށް ރައީސް މައުމޫން އެދިވަޑައިގެންފިއެވެ. ރައީ...

12 May 2022 | 16:08

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ތާއީދުކުރަނީ އެވެނި މިވެނި ޕާޓީއަކަށޭ އެމަނިކުފާނާ ކިތަންމެ ގާތް މީހަކު ބުނި ނަމަވެސް ގަބޫލު ނުކުރުމަށް ރައީސް މައުމޫން އެދިވަޑައިގެންފިއެވެ.

ރައީސް މައުމޫން މިކަމަށް އެދިލެއްވީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ރައީސް މައުމޫން ވިދާޅުވެފައިިވަނީ މިހާރު އެމަނިކުފާނަކީ ހަމައެކަނި އެމްއާރުއެމްގެ މެންބަރެއް ކަމަށާއި އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫން ކަމަށެވެ. އެހެން ޕާޓީއަކަށް ތާއީދުކުރާ މީހަކީމެއްވެސް ނޫން ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވެފައިވަނީ ފަހަކަށް އައިސް ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންނާ، އަދި ހާއްސަކޮށް އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރާއިރު، ރައީސް މައުމޫން މިހާރު ތާއީދުކުރަނީ އެ ފަރާތްތަކަށް ކަމަށް ވިސްނައިދިނުމަށް ދޮގު ވާހަކަތައް ދައްކަވަމުންދާކަމުގެ ޝަކުވާއާއި ކަންބޮޑުވުން އެކި ފަރާތްތަކުން ދަނީ ހިއްސާކުރަމުން ކަމަށެވެ.

"އަޅުގަނޑާ ކިތަންމެ ގާތް ފަރާތެއް ނަމަވެސް، ނުވަތަ ސިޔާސީ ގޮތުން އަޅުގަނޑާއެކު ކުރިން މަސައްކަތްކޮށްފައިވާ ފަރާތެއް ނަމަވެސް، ދައްކާ އެފަދަ ވާހަކަތަކަކީ އޭގައި އެއްވެސް ހަގީގަތެއް ނެތް، ދޮގު ވާހަކަތަކެކެވެ." ރައީސް މައުމޫންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓަކީ، ދިވެހިން އެދޭ އިސްލާހީ ބަދަލުތަކެއް ހާސިލުކުރުމަށް އުފެދިފައިވާ އުންމީދީ ޕާޓީއެކެެވެ. އެމްއާރްއެމްގެ އަސާސްތަކަކީ، ދިވެހީންގެ ތެރޭގައި އިހު އޮތް ދާހިލީ ހަމަޖެހުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތު ހިފަހައްޓައި، އީޖާދީ ހިޔާލުތަކާއެކު ފުދުންތެރި، އަމާން މާދަމައެއް ބިނާކުރުމަށް ކުރެހެމުންދާ މަގެއް ކަމަށެވެ.

އިތުރަށް ވިދާޅުވެފައިވަނީ މިއަދު އެމަނިކުފާނު ގަބޫލުކޮށް ތާއީދުކުރާ އަސާސްތަކާއި، އަހްލާގާއި، ދުރުވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމްއާރްއެމް ކަމަށާއި އެދިލައްވަނީ އެމަނިކުފާނަށާއި  އެ ޕާޓީގެ އަސާސްތަކާއި ދުރުވިސްނުމަށް ތާއީދުކުރައްވާ އެއްވެސް ބޭފުޅަކު ސިޔާސީ ވާދަވެރިންގެ މަކަރުވެރި ވާހަކަތަކުގައި ޖެހިވަޑައިނުގެން، އެމްއާރްއެމްއަށް ތާއީދުކޮށްދެއްވައި އެ ޕާޓީއާއެކު ތިއްބެވުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް