ސްރީލަންކާގެ އާ ބޮޑުވަޒީރަކަށް ރަނިލް ވިކްރަމަ ސިންހަ އައްޔަން ކޮށްފި އެވެ.
ލަންކާގެ ނެޝަނަލް ޔުނައިޓެޑް ޕާޓީގެ ފަރާތުން މަޖިލީހުގެ މެމްބަރުކަން ކުރައްވާ ރަނިލް އަކީ އިދިކޮޅު ލީޑަރެވެ. އަދި މީގެ ކުރިން ލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ލަންކާ ސަރުކާރާއި ދެކޮޅު މުޒާހަރާތައް ހޫނުވެ ސަރުކާރާއި އިދިކޮޅު ސަޕޯޓަރުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސާ މަގާމުން އިސްތިއުފާދެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. ރަނިލް އާ ބޮޑުވަޒީރަކަށް އައްޔަން ކުރައްވާފައި މިވަނީ އިދިކޮޅާއި ގުޅުން ނޫން ގޮތެއް ސަރުކާރަށް ނެތިގެންނެވެ.
ރަނިލް މަގާމުގެ ހުވާ ކުރެއްވީ ލަންކާ ރައީސް ގޮތާބަޔާ ރާޖަ ޕަކްސާގެ ކުރިފުޅުމަތީގައި ރައީސް އޮފީހުގައި އެވެ.
ރަނިލް މަގާމާއި ހަވާލުވުމަށް އެންމެ މުހިންމު ކަމެއް ދެއްވަން ޖެހެނީ ލަންކާ ވެއްޓިފައިވާ އިގްތިސޯދީ އަނދަވަޅުން ނެގުމަށް ވަގުތުން އެޅެން ހުރި ފިޔަވަޅުތަކެއް އިއުލާނު ކުރުމެވެ. އެނޫން ގޮތަކަށް މިހާރު ހޫނުވެފައިވާ ލަންކާގެ މަޝްރަހާއި މުޒާހަރާތައް ފިނިވާނެ ކަމަކަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލެއް ނުކުރެ އެވެ.
ރަނިލް ވަނީ މީގެ ކުރިން އެ ގައުމުގެ ބޮޑުވަޒީރުކަން ހަތަރު ފަހަރެއްގައި ކުރައްވާފައި އެވެ. އެއީ 1993-1994 އަށް، 2001-2004އަށް އަދި 2015-2018ގެ އިތުރުން 2018-2019 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް