ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޒު އަލީ ސަމީރު އައްޔަން ކޮށްފި އެވެ.
އޭނާ މި މަގާމަށް އައްޔަން ކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުންނެވެ. ސަމީރުގެ އިތުުރުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގައި ދެން ހުންނެވީ އަލްއުސްތާޛް މަޙްމޫދު ސަލީމެެވެ.
އަލްއުސްތާޒު ސަމީރު ވަނީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައެވެ. ސަމީރު ޝަރުޢީ ދާއިރާގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ.
އަދި 26 މާރިޗު 2011 އިން ފެށިގެން 17 އެޕްރީލް 2022 އާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އިރު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަންވެސް އަލްއުސްތާޛު ޢަލީ ސަމީރު ކުރައްވާފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެއްޖެނަމަ، ނުވަތަ އެއްވެސް ސަބަބަކާ ހުރެ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ ބާރު ވަގުތީގޮތުން ޙަވާލުކުރައްވާނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދު ސަލީމާއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އައްޔަންކުރައްވާ މި އޮފީހުގެ އެންމެ އިސް މަޤާމުތަކުގައި މި ވަގުތު ތިއްބެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންގެ އިތުރުން، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ނާޝިދުއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޝަމްރާ ޝަމީމްއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ މަރްޔަމް ފެޒްލީންއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢަބްދުﷲ ރާބިޢުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް