އައްޑޫ އަދި ފުވައްމުލައް ސިޓީގެ ކާފިއު ވަގުތު އިތުރުކޮށްފި

ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. އެގޮތުން ކާފިއު ހިންގާ ވަގުތު ހަވީރު 06:00 އިން ފަތިހު 04:00 އަށް ވަނީ ބަދަލުކޮށް...

12 May 2021 | 18:40

ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އެގޮތުން ކާފިއު ހިންގާ ވަގުތު ހަވީރު 06:00 އިން ފަތިހު 04:00 އަށް ވަނީ ބަދަލުކޮށްފައެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި މި ބަދަލު ގެންނަނީ މާދަމައިން ފެށިގެންނެވެ.

މީގެ އިތުރުން ޕާޓީތަކާއި ހަފްލާތާކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް އަދި ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލަން އަންގާފައިވެއެވެ.

އެއްފަހަރާ ބޭރުގައި ތިން މީހުންނަށްވުރެ ގިނައިން ނޫޅުމަށް އަންގާފައިވާއިރު ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރަން އަންގާފައިވެއެވެ.

ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމަށާއި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށްވެސް އަންގާފައިވެއެވެ.

މީގެ އިތުރުން ފިހާރަތަކުން ހިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށްގެންދިއުން ހުއްޓާލުމަށްވެސް އަންގާފައިވެއެވެ.

އަދި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ. މީގެ ތެރޭގައި ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ނުހިމެނޭ ކަމަށާއި ނަމަވެސް ކާފިއު ވަގުތުގައި ޓޭކްއަވޭގެ ހިދުމަތް ނުދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް