އިންޑިއާ ވޭރިއެންޓު ފެތުރޭލެއް އަވަސް، ދުނިޔެއަށް ނުރައްކާ ބޮޑު: ޑަބްލިއުއެޗްއޯ

ކޯވިޑް-19ގެ ގިނަ ވޭރިއެންޓުތަކަށް ވުރެ އިންޑިއާގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުން ދާ ކޮރޯނާ ވައިރަސްގެ ވޭރިއެންޓް ފެތުރުމުގެ ފުރުސަތު ބޮޑުވެފަ ނުރައްކާތެރިކަން ބޮޑު ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމި...

12 May 2021 | 16:54

ކޯވިޑް-19ގެ ގިނަ ވޭރިއެންޓުތަކަށް ވުރެ އިންޑިއާގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުން ދާ ކޮރޯނާ ވައިރަސްގެ ވޭރިއެންޓް ފެތުރުމުގެ ފުރުސަތު ބޮޑުވެފަ ނުރައްކާތެރިކަން ބޮޑު ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނެފިއެވެ.

ޑަބްލިއު.އެޗް.އޯއިން މި އިންޒާރު ނެރެފައި ވަނީ އަންގާރަ ދުވަހު އެ ޖަމިއްޔާއިން ޝާޢިއު ކޮށްފައިވާ ރިޕޯޓެއްގައެވެ.

އިންޑިއާއަށް މިހާރު ކުރިމަތި ވެފައިވާ ޙާލަތަށް އެ ޤައުމު ގެންދިއުމުގައި، ބީ.1.617 ގެ ނަން ދީފައިވާ މި އާ ވޭރިއެންޓުން އަދާ ކޮށްފައި ވަނީ ކިހާ ވަރެއްގެ ދައުރެއް ކަމެއް އަދި ކަށަވަރު ވެފައި ނުވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. ނަމަވެސް މި ވޭރިއެންޓަށް، ކުރިން އެއްވެސް ކޮރޯނާ ވައިރަސްގެ ވޭރިއެންޓަކުން ފެނިފައި ނުވާ މިންވަރަށް ހަލުވި ކަމާއެކު ފެތުރުމުގެ ބާރު ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަ ކޮށްފައި ވެއެވެ.

އަދި ގިނަ ޤައުމު ތަކެކޭ އެއްފަދައިން، އިންޑިއާއިންވެސް ސީކުއެންސްކޮށް ތަޙްލީލު ކޮށްފައި ވަނީ މަދު ފައްސި ސާމްޕަލް ތަކަކުން ކަމަށް ވުމާއި އެކު، މި އާ ވޭރިއަންޓާއި ގުޅޭ ގޮތުން މުހިންމު މައުލޫމާތުތައް ދެނެގަންނަން ދަތި ކަމަށާއި، ފުރިހަމަ ނިންމުމަކަށް އަންނަން އުނދަގޫ ތަކެއް ހުރި ކަމަށްވެސް އެ ޖަމިއްޔާއިންވަނީ ހާމަ ކޮށްފައެވެ.

ކޯވިޑް-19ގެ މި އައު ވޭރިއަންޓުގެ ނުރައްކާތެރިކަން އިތުރު ވެފައިވާ ސަބަބެއް މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް މިހާރު އެ ޤައުމުގައި ޒުވާނުންނާއި ކުޑަކުދިން ކޯވިޑް-19އަށް ފައްސި ވަމުން އަންނަ މިންވަރު އެތައް ގުނައެއް އިތުރު ވެފައިވާ ކަމަށް އެ ޤައުމުގެ ޑޮކްޓަރުންވަނީ ރިޕޯޓު ކޮށްފައެވެ.

އަދި ބަލި ޖެހިފައިވާ ގިނަ ބައެއްގެ ސިއްޙީ ހާލަތު ދައްވަމުން އަންނަ ކަމަށާއި، ކުރިން ބޭނުން ނުޖެހޭ މިންވަރަކަށް އޮކްސިޖަންގެ އެހީ ހޯދަން ޖެހިފައިވާ ކަމަށްވެސް އިންޑިއާގެ ޑޮކްޓަރުން ބުނެއެވެ. ނަމަވެސް، އިތުރު ޖެނެޓިކް ސީކުއިންސިންގ ގެ ތަޙްލީލުތައް ހަދައިގެން މެނުވީ، މި މައްސަލަތަކަކީ އާ ވޭރިއެންޓުން ޖެހޭ މައްސަލަތަކެއް ކަން ޔަޤީން ކަމާއިއެކު ސައިންސްވެރިންނަށް ނިންމަން އުނދަގޫ ވާނެއެވެ.

މި ވޭރިއެންޓް މިހާރުވެސް ދުނިޔޭގެ 49 ޤައުމެއްގައި ދަނީ ފެތުރެމުންނެވެ. އަދި މިއީ ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އޮތް އެންމެ ބޮޑު ނުރައްކާކަށް ޑަބްލިއުއެޗްގެ ރިޕޯޓަށް ތާއީދު ކުރާ ދުނިޔޭގެ އެކި ގައުމުތަކުން ބުނެ އެވެ.

ބީ.1.617އަކީ ދުނިޔޭގެ ސިއްޙީ ޖަމިއްޔާއިން އެންމެ ނުރައްކާތެރި ކޮރޯނާ ވޭރިއެންޓުންގެ ގޮތުގައި ކަނޑައަޅާފައިވާ ހަތަރު ވޭރިއަންޓުގެ ތެރެއިން އެއް ވޭރިއެންޓެވެ. ބާކީ ހުރި ތިން ވޭރިއެންޓު މިހާރުވެސް އަންނަނީ މުޅި ދެކުނު އެފްރިކާގެ އިތުރުން ބްރެޒިލްގައިވެސް ހަލުވި ކަމާއިއެކު ފެތުރެމުންނެވެ.

ޑަބްލިއު.އެޗް.އޯއިން އިންޑިއާ ވޭރިއަންޓުގެ ނުރައްކާތެރި ކަމާއި ގުޅޭ ގޮތުން އިންޒާރު ކޮށްފައިވާ އިރު، އެ ގައުމުގެ ކޯވިޑް ޙާލަތު ބޮއްސުން ލާފައި  ވުމުގެ ސަބަބުން އިންޑިއާގެ ސަރުކާރަށް އެތައް ބަަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ބުދަ ދުވަހު އެކަނިވެސް އެ ޤައުމުން ފައްސިވި މީހުންގެ އަދަދު 360،000 އަށް ވަނީ އަރާފަައެވެ. އަދި 4،200 މީހަކުވަނީ މި ބަލީގައި އިންޑިއާއިން މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް