އޮޑިޓާ ޖެނެރަލް ޒިޔަތު އިސްތިއުފާދެއްވައިފި

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާދެއްވައިފި އެވެ. ޒިޔަތު އިސްތިއުފާ ދެއްވާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން އާންމު ކޮށްފައިވަނިކޮށެވެ. އެ ލިސްޓުގައި އެމްއެމް...

12 May 2021 | 16:19

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާދެއްވައިފި އެވެ.

ޒިޔަތު އިސްތިއުފާ ދެއްވާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން އާންމު ކޮށްފައިވަނިކޮށެވެ. އެ ލިސްޓުގައި އެމްއެމްޕީއާރުސީގެ ފައިސާ ޒިޔަތަށް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

އިސްތިއުފާ ދެއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ޒިޔަތު ވިދާޅުވެފައިވަނީ އެ ލިސްޓުގައި ނަން ހިމެނިފައި އޮތުމުން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ދެމިހުރުމަކީ ދައުލަތާއި އޮޑިޓަ ޖެނެރަލް އޮފީހުގެ ކަރާމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދޭން ނިންމީ ތަހުޒީބީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުން ކަމަށެވެ.

އޮޑިޓަ ޖެނެރަލްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގައި އަދި މަސްއޫލިއްޔަތު އަދާ ކުރުމުގައި އެއްވެސް ހިޔާނާތެއް އަދި އެއްވެސް ރިޝްވަތެއް، ނުވަތަ ނަޒާހަތްތެރި ކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިވެ ވަޑައިގެންފައި ނުވާނެ ކަމުގެ ޔަގީން ވެސް ދެއްވާ ކަމަށް އޭނާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ޒިޔަތު ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭނާ އަށް ލިބިވަޑައިގެންފައިވާ ފައިސާ އަކީ، 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހަށް ކެމްޕޭން ކުރި އިރު ޕީޕީއެމްގެ ޓިކެޓާ އެކު ކެމްޕޭން ކުރަން ދިން ދެ ލައްކައެއްހާ ރުފިޔާ އެވެ. އެއީ އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ދިން ފައިސާއެއް ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

އަދި އެ ފައިސާ ދިންް އިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެއްވެސް ވާހަކައެއް ފެންމަތި ވެފައި ނުވާ ކަމަށާއި އެ ފައިސާ އަކީ ކިޔާނާތުގެ ފައިސާއެއްކަން އެއްވެސް މީހަކަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު އާންމު ކުރި ރިޕޯޓާއި ލިސްޓާއި އެކު 119 ބޭފުޅަކު މަގާމުން ވަކި ކުރުމަށް ހުށަހަޅަން ނިންމާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް