އިސްރޭލުން ޣައްޒާގައި ހުންނަ ހަމާސްގެ އަސްކަރީ ކޮމާންޑަރު ޝަހީދު ކޮށްލައިފި

ފަލަސްޠީނުގެ ޣައްޒާ ސިޓީގައި ހުންނަ ހަމާސް ޖަމާޢަތުގެ އިސް ކޮމާންޑަރު، ބައްސާމް ޢީސާ އިސްރޭލުން ދިން ވަރުގަދަ ހަަމަލާތަކެއްގައި މިއަދު ޝަހީދު ވެއްޖެއެވެ. ޢީސާ ޝަހީދު ކޮށްލާފައި ވާކަން ހަމާސް ޖަމާޢަތުނ...

12 May 2021 | 16:03

ފަލަސްޠީނުގެ ޣައްޒާ ސިޓީގައި ހުންނަ ހަމާސް ޖަމާޢަތުގެ އިސް ކޮމާންޑަރު، ބައްސާމް ޢީސާ އިސްރޭލުން ދިން ވަރުގަދަ ހަަމަލާތަކެއްގައި މިއަދު ޝަހީދު ވެއްޖެއެވެ.

ޢީސާ ޝަހީދު ކޮށްލާފައި ވާކަން ހަމާސް ޖަމާޢަތުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ބައްސާމް ޢީސާއަކީ ހަމާސްގެ އެންމެ ރޭންކު މަތި ކޮމާންޑަރުންގެ ތެރެއިން، 2014 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ޝަހީދު ކޮށްލި ފުރަތަމަ އަސްކަރީ ކޮމާންޑަރެވެ. ހަމާސްއިން ބުނެފައި ވަނީ ޢީސާއާއިއެކު ގިނަ އަދަދެއްގެ މުޖާހިދުންވެސް މި ހަމަލާގައި ޝަހީދު ވެފައިވާ ކަމަށެވެ.

ހަމަލާ ދިންތާ ކުޑައިރުކޮޅެއް ފަހުން އިސްރޭލުގެ ދާޚިލީ ސެކިއުރިޓީ އޭޖެންސީއިން ވެސްވަނީ ބައްސާމް ޢީސާ މަރާލާފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ޢީސާއަކީ ޣައްޒާގެ އެކި ޑިސްޓްރިކްތަކުގެ ކަންކަން ބަލަހައްޓަމުންދާ އެންމެ އިސް ފަރާތެވެ. ޢީސާއާއި، އޭނާއާއި އެކުގައި ޣައްޒާގައި މަސައްކަތް ކުރާ ހުރިހާ ކޮމާންޑަރުންނަކީ ވެސް ހަމާސް ޖަމާޢަތުގެ އެންމެ މުހިންމު އޮޕަރޭޝަންތައް ކަނޑައަޅާ އަސްކަރީ ކައުންސިލްގައި ހިމެނޭ ކޮމާންޑަރުންނެވެ.

އިސްރޭލުންދަނީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ކެނޑި ނޭޅި ފަަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. މި ހަމަލާތަކުގައި އެތައް ސަތޭކަ ރައްޔިތަކަށް އަނިޔާވެ، އެތައް ބައެއްގެ ފުރާނަވަނީ ގެއްލިފައެވެ.

މި ހަމަލާ ތަކާއި ގުޅިގެން ބައިނަލްއަޤްވާމީ ޕްރެޝަރުތަކެއް އިސްރާއީލަށް ދަނީ ވަރަށް ބޮޑަށް ކުރިމަތިވަމުންނެވެ.

އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖެމިން ނަތަންޔާހޫ ވަނީ ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށާއި ޔަހޫދީ އާއިލާތައް އިރުމަތީ ޤުުދުސްގައި ވަޒަންވެރި ކުރުމަށް އިސްރާއިލުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާ ނުލާނެކަމަށް ބުނެ ރައްދު ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް