ރައީސް ޞާލިޙު ވިދާޅުވަނީ ނަޝީދަށް ދިން ހަމަލާގެ އަޑީގައި ތިބި ބަޔަކު ވެސް ހޯދާނެ ކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ފިޠުރު ޢީދުގެ މުނާސަބަތުގައި ޤަ...

12 May 2021 | 14:37

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ފިޠުރު ޢީދުގެ މުނާސަބަތުގައި ޤައުމާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ ފިޠުރު ޢީދު ދިވެހިންނާއި ބައްދަލުވިއިރު، މުޅި ޤައުމު މިވަނީ ކުއްލިސިހުމެއްގެ ތެރޭގައެވެ. މިމަހުގެ 6ވަނަ ދުވަހުގެރޭ އިރާކޮޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސީދާ އަމާޒުކޮށް، މާލޭގައި ދިން ބޮމުގެ ނުރައްކާތެރި ޙަމަލާއަކީ، ދިވެހިންގެ ހިތްތަކަށް ބިރުވެރިކަމާއި، ނުތަނަވަސްކަން ނިހާޔަތަށް ވެރިކުރުވި ޓެރަރިސްޓް ޙަމަލާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޙަމަލާގައި ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވި، ރައީސް ނަޝީދަށާއި ޒަޚަމްވި ސިފައިންނަށާއި އެކި ގޮތްގޮތުން އަނިޔާ ލިބުނު އެންމެންނަށް، އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދަށްދިން ޙަމަލާއަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ޢަމަލެއް ނޫންކަމަށެވެ.

"އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމަށް ޙަމަލާއެއް ދިނުމަކީ، ކުޑަވެސް އިންސާނިއްޔަތުކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫން. އެޒާތުގެ ޢަމަލުތަކުން، އެބަޔަކު ބޭނުންވާ އެއްވެސް މަޤްޞަދެއް، މާތް ﷲގެ އިރާދަފުޅުން މި ފަސްގަނޑުގައި ޙާޞިލެއް ނުވާނެ." ރައީސް ވިދާޅުވިއެވެ.

މާތް ﷲގެ މަދަދާއި ވާގިފުޅާއެކު ޤާނޫނުތައް އެފަދަ މީހުން ވަށައިލާނެކަމަށާ، ޢަދުލު އިންޞާފު އަރައި ހަމަކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެޙަމަލާ ދިނުމުގައި ބައިވެރިވި ކަމަށް، މިހާތަނަށް ފާހަގަކުރެވުނު ތިން މީހަކު، މިހާރު ޤާނޫނުގެ ބާރުގެދަށަށް ގެނެވިފައިވާއިރު މިނިވަން ތަޙުޤީޤަކަށްފަހު، އިންޞާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި މިކަމުގެ ފަހަތުގައިތިބި ބަޔަކު ކަމާބެހޭ ފަރާތްތަކުން ހޯދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިއީ ހަމައެކަނި، މި ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި، އެބަޔަކު ވެސް އިރާދަކުރެއްވިއްޔާ އިންޞާފުގެ ކުރިމައްޗަށް ގެންނާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން، ދިވެހިންގެ އިޖްތިމާޢީ ގުޅުންތަކަށް ވެސް ބޮޑު އަސަރެއްކުރާ ކަމަށާއި އޭގެ ސަބަބުން މުޖްތަމަޢުގެ ހަމަޖެހުމާއި އުފާވެރިކަން ގެއްލިގެންދާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް