ގޮވާމުން މިއަހަރު ފިތުރު ޒަކާތް ދެއްކީ 2،251 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ގޮވާމުން ޒަކާތް ދެއްކުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށެވެ. ގޮވާމުން ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވަނީ ބަނޑުކެއުމުގެ ގޮތުގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ ގޮވާމެވެ.
މި މުއްދަތު އިސްލާމިކް މިނިސްޓްރީން ވަނީ ގޮވާމުން ފިތުރު ޒަކާތާއި ސަދަގާތުގެ ގޮތުގަ މީހުން ދިން ގޮވާން ބަލައިގެންފަ އެވެ. ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ ދައްކާފައިވަނީ 5،402.40 ކިލޯގެ ގޮވާމެވެ. ސަދަގާތުގެ ގޮތުގައި ދައްކާފައިވަނީ 693.87 ކިލޯގެ ގޮވާމެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހަ ބާވަތެއްގެ ގޮވާމުން މީހުން ފިތުރު ޒަކާތް ދެއްކި ކަމަށެވެ. އެންމެ ގިނަ މީހުން ގޮވާމުން ޒަކާތް ދައްކާފައިވަނީ ބާސްމަތީ ހަނޑުލުންނެވެ.
ބާސްމަތީ ހަނޑުލުން ޒަކާތުގެ ގޮތުގައި 1،185 މީހުން 3،249.77 ކިލޯ ދައްކާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޒަކާތުގެ ގޮތުގައި ދެއްކި 2،844.00 ކިލޯ ބާސްމަތީ ހަނޑޫލާއި ސަދަގާތުގެ ގޮތުގައި ދެއްކި 405،77 ކިލޯގެ ބާސްމަތީ ހަނޑުލެވެ.
ދެން އެންމެ ގިނަ މީހުން ގޮވާމުން ޒަކާތް ދައްކާފައިވަނީ އާދައިގެ ހަނޑުލާއި ގޮދަން ފުށުންނެވެ. އާދައިގެ ހަނޑުން 871 މީހުން ޒަކާތް ދެއްކި އިރު ގޮދަން ފުށުން 110 މީހުން ޒަކާތް ދެއްކި އެވެ. ދެން ޒަކާތް ބަލައިގެންފަ ވަނީ އާޓާ ފުށް، ރަތް ހަނޑޫ، އަދި ތައިލެންޑު މޮޅު ހަނޑުލުންނެވެ.
ފައިސާއިން ފިތުރު ޒަކާތް ދެއްކުމުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 6:00 އަށެވެ. މާލޭގައި ފައިސާއިން ޒަކާތް ބަލައިގެންނަމުން ދަނީ އޮންލައިންކޮށް، ބީއެމްއެލް، އުރީދޫ، ދިރާގު، ފަހިޕޭ މެދުވެރިކޮށެވެ.
ގޮވާމުގެ ގޮތުގައި ލިބުނު ޒަކާތް މާލޭގެ ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައިވާ މީހުންނަށް މިރޭ ބަހައި ނިންމާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް