ރަޝިއާގެ ސްޕުޓްނިކް-ވީ ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދީފި

ރަޝިއާގެ ސްޕުޓްނިކް-ވީ ވެކްސިންރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދިފި އެވެ. ރާއްޖޭގައި ކޯވިޑް-19 އަށް ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއަރީ އެ...

12 May 2021 | 11:19

ރަޝިއާގެ ސްޕުޓްނިކް-ވީ ވެކްސިންރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދިފި އެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ. މިހާރު ކޯވިޑް-19 އަށް ރާއްޖޭގައި ތިން ވެކްސިން ދަނީ ދެމުންނެވެ.

އެމްއެފްޑީއޭ އިން ނެރުނު އިއުލާނެއްގައި ބުނީ މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ނުވަތަ އިމަޖެންސީގެ ހާލަތުގައި ބޭނުންކުރުމަށް ކަމަށެވެ. މި ވެކްސިން ހުއްދަކޮށްފައިވަނީ 18 އަހަރުން މަތީގެ މީހުންނަށެވެ.

މި ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފައި ވަނީ މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހާއި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށްފައި ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާ ވެސް ހޯދާފައިވެ އެވެ.

އެމްއެފްޑީއޭ އިން ބުނީ މި ވެކްސިން ބަލަހައްޓަންޖެހެނީ މައިނަސް 18 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައި ކަމަށްވާތީ، އެ އޮތޯރިޓީން މި ވެކްސިނަށް ހުއްދީފައި ވަނީ ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހު، އަދި ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެން ކަމަށެވެ.

އެ އޮތޯރިޓީ އާއި ހެލްތު މިނިސްޓްރީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ސްޕުޓްނިކް- ވީ ވެކްސިނަށް ރާއްޖެއިން ހުއްދަ ދިނަސް ރާއްޖޭގައި މިވަގުތު މި ވެކްސިން އެއްވެސް ވަރަކަށް ނެތެވެ. އަދި ލިބޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް