މާލޭގެ ކާފިއު ގަޑީގައި އާންމު ތަންތަނުގައި އުޅެން ދޫކުރާ ހުއްދައަށް އޮންލައިންކޮށް އަދި ފޯނު މެދުވެރިކޮށް އެދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދުން ފެށިގެން ހަފްތާއަކަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ހަވީރު 4:00 ން ފަތިހު 4:00 އަށް ކާފިއު ހިންގަން އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ. އަދި ކެފޭ ރެސްޓޯރެންޓުތައް ބަންދުކޮށް ރޭގަނޑު 12 ޖަހަންދެން ފުލުހުންގެ ހުއްދަ އާއި އެކު ޑެލިވަރީގެ ހިދުމަތް އެކަނި ދިނުމަށް ވަނީ އަންގާފަ އެވެ.
ފުލުހުން މިއަދު ބުނީ އެޗްޕީއޭގެ އެންގުން އެ އިދާރާއިން ތަންފީޒުކޮށް ގަވައިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ފުލުހުން ބުނީ އެ އިދާރާއިން ދޫކުރާ ހުއްދަ ނެތި ހަމަ އެކަނި އޮފީސް ކާޑު ދައްކައިގެން ކާފިއު ގަޑީގައި އޮފީހަށް ދެވޭނީ، އެމްޕީއެލް، ކަސްޓަމްސް، ވީއައިއޭ އާއި އެއާޕޯޓުގެ އެކި ވަޒީފާތައް އަދި އިމިގްރޭޝަނާއި ސެކިއުރިޓީ ފާމްތަކުގެ މުވައްޒަފުންނަށް ކަމަށެވެ.
ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ފަދަ ކަންކަމުގައި ގެއިން ބޭރަށް ނުކުތުމަށް ބޭނުންވާ ފަރާތްތަކުން ފުލުހުންގެ ހޯދުމަށް ޕޯޓަލް މެދުވެރިކޮށް ނުވަތަ ފޯނުން ފުލުހުންގެ ކޯލް ސެންޓަރަށް ގުޅައިގެންވެސް އެދެވޭނެ އެވެ.
ހުއްދައަށް އެދޭ ފުލުހުންގެ ޕޯޓަލް އަކީ http://police.gov.mv/permit އެވެ. ފޯނުން ނަމަ ގުޅަންޖެހެނީ ކޯލް ސެންޓަރު ނަމްބަރު 1665 އަށެވެ. މި ނަމްބަރަށް މިއަދު މެންދުރު ފަހު 2:30 ން ފެށިގެން ގުޅޭނެ ކަމަށް ފުލުހުން ބުނެ އެވެ.
ކޯވިޑާއި ގުޅިގެން މާލޭގައި މިއަދު އަޅާފައިވާ އާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފުލުހުންނާއި ސިފައިންނަށް އަންގަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް