ލީކުކޮށްލާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހިމެނޭ ކަމަށް ބުނާ ރިޕޯޓަކީ ފުލޯކެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު މިހެން ވިދާޅުވެފައިވާއިރު އެ ރިޕޯޓުގައި ހިޔާނާތުގެ ފައިސާ މަލީހަށް ވެސް ލިބުނު ކަމަށް ބުނެފައިވެއެވެ. އެގޮތުން އެ ރިޕޯޓުގައިވާ ގޮތުން މަލީހަށް ލިބިވަޑައިގެންނެވީ ދެ ލައްކަ ރުފިޔާއެވެ.
އެއީ 2014 ވަނަ އަހަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކާރު ތެރޭގައި ހަވާލުކުރި ފައިސާ ކަމަށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ މުހައްމަދު ހުސައިން (އޮއިއްޓޭ) މައުލޫމާތު ދީފައިވާ ކަމަށް ލީކުކޮށްލާފައިވާ ރިޕޯޓުގައި ބުނެފައިވެއެވެ.
މި ވާހަކަތަކާ ގުޅިގެން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމާ ނުގުޅޭ ތުހުމަތުވެސް ނުކުރެވޭ މީހުން އެމްއެމްޕީއާރުސީ ލިސްޓަށް ލައިގެން އުޅެނީ ހަޤީޤީ ޚިޔާނާތްތެރިން ސަލާމަތްކުރަން ކަމަށެވެ.
"މުހައްމަދު ހުސެން ބުންޏޭ ބުންޏޭ ކިޔާ ލިސްޓެއް ނެރެފަ ތިޔަޖެހި ސަކަރާތަކީ ބޮޑު އޮޅުވާލުމެއް. ބޮޑު ޖޯކެއް. ބުރޯ ޓީމަށް ނޫނެކޭ ބުނީމަ މިދިޔަ ސަރުކާރުން ކަނޑާލީ" މަލީހު ވިދާޅުވިއެވެ.
ކޮމިޝަންތައް ހަދައިގެން ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށް ތަހުޤީޤީ ރިޕޯޓެއް ކަމަށް ބުނެ ނެރުނު ލިސްޓުގަ އޮތީ މުހައްމަދު ހުސެން ކިޔާ މީހަކު ކިޔާދީފައި ހުރި ފުލޯކު ވާހަކަ ތަކެއް ކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި މިއީ ކަމާ ނުގުޅޭ މީހުންގެ އަބުރު ކަތިލަން ހިންގާފަ އޮތް ބޮޑު ޖަރީމާ އެއް ކަމަށާއި މިކަން ކުރި ބަޔަކު ޒިންމާ ކުރުވާނެ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް