ރޭ ލީކުވި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ލިސްޓުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ނަން ހިމެނިފައިވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ހައްގު ނޫން ދައުވާތަށް ބާތިލު ކުރަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރޭ ލީކުވި ލިސްޓުގައި ޝަމީމަށް އެމްއެމްޕީއާރުސީގެ ފައިސާއިން ތިން މިލިއަން ރުފިޔާ ޝަމީމަށް ލިބިފައިވެ އެވެ. އެކަމަކު ޕީޖީ ޝަމީމް ވަނީ އޭނާއަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައި ނުވާކަމަށް ރޭ ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގެންނަވާ ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ޕީޖީ ޝަމީމް މަގާމުން ވަކިކޮށްދޭން ޖެހޭ ކަމަށެވެ. އަދި ޔާމީނަށް އުފުލާފައިވާ ނުހައްގު ދައުވާތައް ބާތިލް ކުރަން ޖެހޭ ކަމަށެވެ.
ޑރ. ޖަމީލް ވަނީ ނުތާހިރު ފެންގަނޑަކުން ތާހިރުވާނީ ކިހިނެތްތޯ ސުވާލު ކުރައްވާފަ އެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މި ސަރުކާރުން ވީއައިޕީ ހިދުމަތް ދެނީ މިހެންވެގެން ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވިދާޅުވި އެވެ.
https://twitter.com/MJameelAhmed/status/1392179051419234305
ލީކުވެފައިވާ ލިސްޓުގައި ވާގޮތުން އެމްއެމްޕީއާރުސީގެ ފައިސާއިން ޝަމީމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވަނީ އަދީބުގެ އެންގުމަށް މުހައްމަދު އައްލާމް ލަތީފް (މޮހޯ) އެވެ. އެ ފައިސާ އަކީ އަދީބު ހައްޔަރުކުރުމާ ގުޅިގެން ވަކީލުގެ ފީގެ ގޮތުގައި ދިން ފައިސާ އެވެ.
ޝަމީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އަށްވެސް އެމްއެމްޕީއާރުސީގެ ފައިސާއިން ތިން މިލިއަން ރުފިޔާ ދީފައިވާ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް