ކުރުވާހަަކަ: ގޭތެރޭ އުޅުނު ޔަތީމު ކުއްޖާ

ލިޔުނީ: އާމިނަތު ޝީޒާ މަޑުދުވެލީގައި އެމްބިއުލާންސް އައިސް މަޑުކޮށްލީ ފެހިފަރުދާގޭގެ ދޮރުއަށި ކައިރިއަށެވެ. އާއިލާއަށް އުފަންވި އަލަތު ދަރިފުޅަށް މަރުހަބާކިއުމަށް އޭރު ޔޫސުފްގެ އާއިލާއާ ޝިއުނާގެ އެކުވ...

12 May 2021 | 07:16

ލިޔުނީ: އާމިނަތު ޝީޒާ

މަޑުދުވެލީގައި އެމްބިއުލާންސް އައިސް މަޑުކޮށްލީ ފެހިފަރުދާގޭގެ ދޮރުއަށި ކައިރިއަށެވެ. އާއިލާއަށް އުފަންވި އަލަތު ދަރިފުޅަށް މަރުހަބާކިއުމަށް އޭރު ޔޫސުފްގެ އާއިލާއާ ޝިއުނާގެ އެކުވެރިން، އިންތިޒާރުގައި ތިއްބެވެ. ހަތަރު ދުވަސްވީ ދަރިފުޅު ޔޫސުފްގެ މަންމަ  ތޮއްޔިބާ އަތުގަ ޖެހުމާއެކު އަވަސްވެގަތީ ގޭތެރެއަށް މާމަ ދަރިފުޅު ވައްދާށެވެ.

"  ހުރިހާ ތަކުލީފެއް އުފުލީ އަހަރެން. އެކަމަކު އަހަރެންމަތިން ހަދާންހުރި މީހަކު ނެތެއްނު؟ "

ޝިއުނާ ލޯ އަޅާލީ ޔޫސުފްއަށެވެ.

"  އަހަރެން މިހުރީނު. އުރާލައިގެންތަ ގެންދަންވީ."

ޔޫސުފް ދިމާކުރީ ޝިއުނާ އުރާލާށެވެ.

"  ނޫން ނޫން.. މަޑުން ހުރޭ. އަދިވެސް ވަރަށް ތަދުއެބަވޭ."

ހެމުން ޝިއުނާ ޔޫސުފްއާ ދުރައްޖެހިލަމުން ގޯތިތެރެއަށް ހިނގައިގަތެވެ. ގެއަށް ވަދެވަދެ ހުރި ޝިއުނާއަށް ސިހުމެއް ލިބުނީ ކުއްލިއަކަށް ފައިދަށުން އެއްޗެއްގައި އަޅައިގަތުމުންނެވެ. ޝިއުނާ ނުވެއްޓުނީ ކިރިޔާއެވެ.  ޝިއުނާއަށް ބަލާލެވުނީ ފައިދަށަށެވެ.

"  ކިހިނެއްވީ؟ "

ދަބަސް ހިފައިގެންއައި ޔޫސުފް މަޑުކޮށްލީ ޝިއުނާ ކައިރީގައެވެ.

"  އެއްޗެއްގަ އަޅައިގެންފަ ކިރިޔާ ނުވެއްޓުނީ. ހީވީ ބުޅަލެއް ފައިދަށުން ދެމިގަތްހެން."

ޝިއުނާގެ ވާހަކައިން ޔޫސުފް ޖަހާލީ ހިނިގަނޑެކެވެ.

"  ބުނަންތަ ވާހަކައެއް. މިހާރު އަހަރުމެން ދެމަފިރިން މިތިބީ ބޮޑުބެފަ. ދަރިއަކު އެއޮތީ ލިބިފަ. މިހާރު

އަހަރުމެން ޖެހޭނީ އަބަދުވެސް ހަރުދަނާ ވާހަކަ ދައްކަން. ކުރަތްޕާ ބުޅަލާ މިކަހަލަ އެއްޗެހި ދެކެ ޝިއު

ތި ގަންނަ ބިރު ހިތުން ޖެހޭނެ ފިލުވާލަން އެއްކޮށް."

ޝިއުނާ ގޭތެރެއަށް ވަދެގެން ދިޔައީ ޔޫސުފް ދެމުން ދިޔަ ނަސޭހަތަށް ބޯޖަހާ ހެމުންނެވެ.

"  ފުރަތަމަ ކުޑަބެ ބޮޑުމީހަކަށް ވެބަލަ. މިކުއްޖާ ހަލަނި ކުރާނެ މީހަކީ ތީ"

ޔޫސުފްގެ ތިމާގެ ކުއްޖަކު ޔޫސުފަށް ރައްދުދީ އެންމެން ހެއްވާލިއެވެ.

އުފާވެރި ވަގުތު ކޮޅަކަށްފަހު ގޭތެރޭން މީހުން މަދުވެ ގޭތެރެއަށް ހިމޭންކަން ވެރިވެގެން ދިޔައިރު މަޤްރިބް ނަމާދު ބަންގިގޮވައި ބޮޑުވެއްޖެއެވެ.

" މަންމަ ގެއަށް ލާފަ މިއަންނަނީ އިނގޭ."

ދަރިފުޅާ ލޯބިކޮށްލައި ހަދާލުމަށްފަހު، އެންމެ ފަހުމީހަކަށް ގޭގައި ހުރި ތޮއްޔިބާ ގޮވައިގެން ޔޫސުފް ނުކުމެއްޖެއެވެ. ގޭގެ ދޮރުލައްޕާލުމަށްފަހު މަޑުމަޑުން ހިނގާލާފައި ގޮސް ޝިއުނާ ވަނީ ކޮޓަރިއަށެވެ. ނިދިފައި އޮތް ދަރިފުޅު ގައިގަ ފިރުމާލަމުން ޝިއުނާ އެނދުގައި އޮށޯވެލީ ފޯނު ހިފައިގެނެވެ. އެވަގުތު ޝިއުނާގެ ކަންފަތް ހުޅުވުނީ ގެއަށް ވަންނަން ހުރި ބޮޑުދޮރު ފީސް އަޑަކާ އެކު މަޑުމަޑުން ހުޅުވުނު އަޑަށެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އަޑެއް ކީ ދޮރެއް ނޫނެވެ. ގޭތެރެއަށް ވެރިވެފައި އޮތް މަރުފަދަ ހިމޭންކަމުގެ ތެރޭން އެއަޑު ޝިއުނާއަށް ރީތިކޮށް އިވުނެވެ.

ގެއަށް ވަތް މީހަކު ސަލާން ގޮވާލާނެ ކަމުގެ އުއްމީދުގައި އިރުކޮޅަކު ކަނުލާ އަޑުއަހަން ޝިއުނާ އޮތެވެ. އެހެންނަމަވެސް ހަބަރެއް ނުވުމުން އެންމެ ފަހުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އެވަގުތު ކުއްލިއަކަށް ދޮރުން ބޭރަށް ވުސްއަޅާފައި އެއްޗެއް ދެމިގެންފިއެވެ. ބިރުން ތެޅިގެންފައި ޝިއުނާއަށް ކޮޓަރީގެ ދޮރުޖެހުނީ ފާޑަކަށް ހަޅޭލަވައިގަންނަމުންނެވެ. ޝިއުނާގެ އަޑަށް ސިހިގެންގޮސް ދަރިފުޅު ރޮއެގަތީ ކުއްލިއަކަށެވެ. އަވަސް އަވަހަށްގޮސް ޝިއުނާ ދަރިފުޅު ނަގާ އުރާލިއެވެ.

ގެންފައިވާ ބިރާއެކު ޝިއުނާ ގުޅީ ޔޫސުފަށެވެ. ޔޫސުފް ލަހެއްނުވެ އައިސް ގެއަށް ވަދެއްޖެއެވެ. ކަންތައް ވީގޮތް ޔޫސުފްއަށް ކިޔައިދިން އިރުވެސް ޝިއުނާ ހުރީ ވަރަށް ބޮޑަށް ފިނިވެފައެވެ.

"  ކުޑަކުއްޖެކޭ ؟ "

ޔޫސުފް ފާޑަކަށް ބޯކަހާލީ އެވާހަކަ ގަބޫލު ކުރަން ދަތިވެފައެވެ.

" އަހަންނަށް ޔަގީނެއްނޫން. އެކަމަކު ހީވީ އެހެން. "

"  ހާދަ ހެއްވާ ކަމެކޭ. އަހަރުމެން ކިހާދުވަހެއް މިވީ މިގޭގަ އުޅޭތާ. ޝިއު ތީ ބޮޑުވާންދެން ވެސް މިގޭގަ އުޅުނު މީހެއްނު. އެއްޗެހި އުޅޭތަނެއް ނޫނޭ މީ. ވެދާނެ ގެއަށް ބުޅަލެއް ވަނީކަމަށްވެސް "

ޔޫސުފް ދެއްކީ މުޅިންވެސް ތެދުވާހަކައެވެ. ތުއްތު އިރުއްސުރެން ބައްޕަ ނިޔާވުމާހަމައަށް ޝިއުނާ އުޅުނީ އެގޭގައެވެ. ޝިއުނާ ބޮޑުދައިތައެއް ކައިރީ މާލެ ކިޔަވަން ހުރިއިރުވެސް ޗުއްޓީއެއް ލިބޭއިރަށް ރަށަށް އައިސް ދެންވެސް ހުންނަނީ މަންމަ ކައިރީ އެގޭގައެވެ. މަންމަ ނިޔާވިތާ ގިނަދުވަހެއް ނުވެ ޔޫސުފްއާ ކައިވެނި ކޮށްގެން ދެމަފިރިން އެގެއަށް ބަދަލުވީ ފަހުންވެސް މިވީ 3 އަހަރު ދުވަހެވެ. އޭރު ނޫޅޭ އެއްޗެއް މިހާރުދެން އެގޭގަ އުޅެންވީ ސަބަބެއް ނެތެވެ. ފެނުނީ ބުޅަލެއް ކަމަށް ގަބޫލުކުރަން ޝިއުނާވެސް ބޭނުންވިއެވެ. ނަމަވެސް މަންޒަރު ފެނުނީ ޝިއުނާއަށް ކަމުން އެކަން ހަނދާންނައްތާލުން ޝިއުނާއަށްވީ ދަތިކަމަކަށެވެ.

އެ ރެއާ އަދި ޖެހިގެން އައި ދުވަސްވެސް ޝިއުނާއަށް ހުރެވުނީ ސިހުމެއްގެ ތެރޭގައެވެ. ކޮންމެވެސް މީހަކު ޝިއުނާގެ ފަހަތުގައި އެގޭތެރޭގައި އުޅޭކަމުގެ އިހުސާސް ޝިއުނާއަށް ކުރެވެމުންދިޔައެވެ. ކޮންމެވެސް ދިމާލަކުން އަޑެއް އިވިގެން ޝިއުނާއަށް އަބަދު ހުރެވެނީ ސިހިސިހިއެވެ. ދިމާވި ހާދިސާ ރައްޓެހިން، އަދި މައިދައިތައާވެސް ޝިއުނާ ހިއްސާކުރިއެވެ. އެހެންނަމަވެސް ޔޫސުފް ދިން ޖަވާބާ އެމީހުންގެ ޖަވާބުގައި ކުޑަވެސް ތަފާތު ކަމެއްނެތެވެ.

" އިއްސެ އެބަކިޔާ ކޮފީއަކަށް ހިނގާށޭ. މަ ގޭގަ އޮވެ އޮވެ ކަންނެތް ވެއްޖެ"

ޔޫސުފް ބަލާލީ ޝިއުނާއަށެވެ. ކުއްހީއެއްގެ މައްޗަށް ޔޫސުފް ހިފަހައްޓައިގެން އަބަދު އުޅޭނީވެސް ކިހިނެއް ހެއްޔެވެ.  ކުއްލިއަކަށް ޝިއުނާއަށް މިއައި ބަދަލުން ޔޫސުފް ބޮލަށް ބަރުވާނެ ވަރު ޝިއުނާއަށް ވިސްނެއެވެ.

" އަހަރެން ގުޅައިފިއްޔާ ލަސްނުވެ އަންނަންވާނެ އިނގޭ "

ހިތާ ދެކޮޅަށް ޝިއުނާ ހުއްދަދިނެވެ. އުފަލާ އެކު ޔޫސުފް ތެދުވެ ފެންވަރާލައިގެން ބޭރަށް ހިނގައްޖެއެވެ. ކޮޓަރި ތަޅުލާފައި ޝިއުނާގޮސް ދަރިފުޅު ކައިރީ އޮށޯވެލިއެވެ. ދަރިފުޅު ހޭލާ އޮތުމުން ޝިއުނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ.

" ދަރިފުޅު މިއޮތީނުދޯ ހޭލާ މަންމި ކައިރީ. މީ ރޭގަނޑު ނުނިދާ ކުއްޖެކޭދޯ."

ދަރިފުޅުގެ ތުއްތު އަތްތިލައިގައި ބޮސްދެމުން ޝިއުނާ ހީލާފައި ދަރިފުޅާ ވާހަކަ ދައްކަން ފެށިއެވެ. ތުއްތު ދަރިފުޅާ ލޯބިކުރަމުން ދިޔަ ޝިއުނާގެ ފައިގައި ކުއްލިއަކަށް މީހަކު ކޮއްޓާލައިފިއެވެ. ތެޅިގެންގައި ޝިއުނާ ފައި ދަމައިގަތީ އެދިމާލަށް ބަލާލަމުންނެވެ. އެހެންނަމަވެސް ޝިއުނާއާ ދަރިފުޅު ފިޔަވައި އިތުރު އެއްވެސް މީހަކު އެކޮޓަރިތެރެއަކު ނެތެވެ. ފައިގައި ކޮއްޓާލިކަން ޝިއުނާއަށް ޔަގީނެވެ.  ޝިއުނާގެ ހަދާނާ ކުޅެލީ ވޫސް އަޅާފައި ދޮރުން ނުކުތް ކުޑަކުއްޖާއެވެ. ޝިއުނާ އަވަސްވެގަތީ  ޔޫސުފަށް ގުޅާށެވެ. އެވަގުތު ކުއްލިއަކަށް ބަދިގޭގެ ދޮރު ވަރަށް ބާރަށް ޖެހި އަޑު އިވިއްޖެއެވެ. ޝިއުނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ގޭގައި އިތުރު އެއްވެސް މީހަކު ނެތި މިއީ ކޮންހާ ކަންތައްގަނޑެއް ހެއްޔެވެ. ޝިއުނާ ޔޫސުފަށް ގުޅާ ގެއަށް ގެނައިރު ހުރީ ބިރުން ރޮވޭވަރު ވެފައެވެ.

" ބިރުން ކަންފަތް ހުޅުވައިގެން ދެލޯބޮޑުވެފައި އަބަދު ޝިއު ތި އިންނަނީ. ތިވަރުން ނޫޅޭ އެއްޗެހިވެސް

ފެންނާނެ. ބަލަ ވަޔާއެކުވެސް ދޮރުޖެހިދާނެދޯ. އަނެއްކާ ތިބުނަނީ ހީވި ވާހަކަ. ގޭތެރޭ ގުރުއާން ޖަހާފަ

ބަހައްޓަބަލަ. އޭރުން ތި ހީތަށް ފިލާފާނެ".

ޔޫސުފް މިފަހަރުވެސް ޝިއުނާގެ ވާހަކަ ގަބޫލެއް ނުކުރިއެވެ. އެއީ ހަގީގަތެއްކަން ސާބިތުކޮއްދޭނެ އެއްވެސް ހެއްކެއް ޝިއުނާ އަތުގައި ނެތުމުން ޝިއުނާ އިހުތިޔާރު ކުރީ ހަނުހުރުމެވެ.  ޔޫސުފް އެދުނުހެން ޝިއުނާ ގޭތެރޭ ޤުރުއާން ޖަހަން ފެށިއެވެ. ދާދި އަވަހަށް ގޭތެރޭން އަމާންކަން ޝިއުނާއަށް އިހުސާސް ކުރެވެން ފެށިއެވެ. ޝިއުނާގެ ހިތުން ބިރުފިލައި ހިތަށް ފިނިކަން ލިބެންފެށިއެވެ. ހަފްތާއެއް ފަހަނައަޅާ ދިޔައީ ޝިއުނާއަށް އެފަދަ އިތުރު އެއްވެސް ކަމެއްގެ ތުރާލެއް ނުޖެހިއެވެ. އެހެންކަމުން އެއީ ހަމަ ހަގީގަތުގައިވެސް ޝިއުނާއަށް ވީ ވަހުމެއްކަމަށް ހުދު ޝިއުނާއަށް ވެސް މިހާރުވަނީ ގަބޫލު ކުރެވިފައެވެ.

ޝިއުނާއަކީ އެންމެ ކުރީއްސުރެން ޑުރާމާތަކާއި ޗެޓް ކުރުމަށް އާދަވެފައި ހުރި މީހަކަށް ވުމުން ގޭތެރޭ ޤުރުއާން ޖަހާލައިގެން ޝިއުނާއަށް ކެތްކޮއްލެވުނީ ކުޑަ ދުވަސްކޮޅަކުއެވެ. ޤުރުއާން ޖަހަމުން ދިޔަ ވަގުތު މަދުވެ ލިބޭ ކޮންމެ ހުސްވަގުތެއް ޑުރާމާބެލުމާ ރައްޓެހިންނާ އަނގަތެޅުމުގައި އަނެއްކާވެސް ހޭދަވާން ފަށައިފިއެވެ.

" ޝިއު.. ޝިއުނާ "

ދަރިފުޅުގެ އުފަންދުވަހުގެ ސެޓްފިކެޓް ހިފައިގެން އައިސް ގެއަށް ވަތް ޔޫސުފްއަށް، ސޯފާގައި އޮތް ޝިއުނާ ފެނުމުން ސެޓްފިކެޓް ގެނެސް ޝިއުނާއަށް ދިއްކޮއްލިއެވެ.

" އާލިފް ބިން ޔޫސުފް އަހްމަދު "

ހިނިތުންވެލަމުން ޝިއުނާ އެނަން ކިޔާލިއެވެ. ޝިއުނާ ކޮނޑުގައި ހިފާލަމުން ޔޫސުފް އިށނދެލީ     ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުންނެވެ.

" ބަކަރި ކަތިލަންވެސް ބުނެފިން. ނަންވެސް ކިޔާ މި ނިމުނީ. އެކަމުގެ އުފަލުގަ މިރޭ ދެން އަހަރެން

މަސްބާނަން ފޮނުވަބަލަ. "

ޔޫސުފް އާދޭސްކޮށްލި ގޮތުން ޝިއުނާ ހީގަތެވެ.

" އަހަރެން ކޮންއިރަކުތަ ޔޫސުފް ދާންބޭނުންވާ ތާކަށް ދިޔަ ނުދީ ހިފެހެއްޓީ "

" ހިފަހައްޓަނީކީ ނޫންދޯ. އެކަމަކު ބޭބީ ރޯވަރު އަހަންނަށްވެސް އެނގޭނެއްނު. އަނެއްކޮޅުން ޝިއު އަދި

ވިހާގެން ގަދަވެސް ނުވޭ. އަހަރެން ނުވާނެއްނު މިކަހަލަ ދަނޑިވަޅެއްގަ 11 ޖަހަންދެން ބޭރުގަ

އުޅޭކަށް"

ޔޫސުފް ލޯބިން ޝިއުނާ ފައި މޮޑެދޭން ފަށައިފިއެވެ.

" ހައްދާލަން މޮޅުވެސް މީހެކޭދޯ މިއީ. "

ޝިއުނާ ޔޫސުފް ކަންފަތު ހިފާ އަނބުރާލުމުން ހިނިއައިސްފައި ޔޫސުފް ބޯއަޅާލީ ޝިއުނާގެ އުނގުތެރޭގައެވެ.

" މަ ކިހާ ރަނގަޅުތަ. ބޭރަށްވެސް މިދަނީ ދާހިތަކުންނޫން. އަސްލު މިޒަމާނުގަ ނުލިބޭނެ އަހަރެން ކަހަލަ

ރަނގަޅު ފިރިއަކު."

ޝިއުނާގެ އަތް ގެނެސް ބޮސްދެމުން ޔޫސުފް ޝިއުނާގެ މޫނަށް ބަލާލިއެވެ.

" އާނ ޔޫސުފް ތިއީ އަހަންނަށް ލެއްވި ރަހްމަތެއް. ހިތަށް އަރާ ޔޫސުފް ކަހަލަ ފިރިން ކޮންމެ

އަންހެނަކަށްވެސް ލިބޭނެ ނަމައޭ. އޭރުން ވަގުތު ނުދޭތީވެސް ޝަކުވާކުރާނެ އަންހެނަކު ނުހުންނާނެ "

ޝިއުނާ ޔޫސުފްގެ ވާހަކައާ އެއްބައިވެލީ ލޯބިންނެވެ.

" ދެން ޝިއު ތިހާ ބޭނުމިއްޔާ ހުރިހާ އަންހެނުން ނޫނަސް އަހަރެން އިދެފާނަން އަދި ތިން މީހުންނާ.

އެވަރު މަށަށް ކޮށްދެވޭނީ."

ޔޫސުފްގެ ވާހަކައިން ޝިއުނާ ދިޔައީ އަނގަހުޅުވިގެނެވެ. ދަތްވިކާލާފައި ޔޫސުފް ކަންފަތުގައި ހިފިވަގުތު ކުއްލިއަކަށް ދަރިފުޅު ރޮއެގަތް އަޑު އިވިއްޖެއެވެ. ޔޫސުފް ޖަހާލީ ހިނިގަނޑެކެވެ. ޝިއުނާ އަވަސްވެގަތީ ކޮޓަރިއަށް ދާށެވެ.

" މަ މިދަނީ އިނގޭ. އެންމެ ލަސްވެގެންވެސް 11 ޖަހާއިރު އަންނާނަން "

ޔޫސުފް ގޮވާލިއެވެ. ޝިއުނާ ކޮޓަރި ތެރެއަށް ވަދެގެން ދިޔައީ ޔޫސުފްއަށް ހުއްދަދިނުމަށް ފަހުގައެވެ. ދަރިފުޅު ކައިރީ އޮށޯވެލަމުން ނާނާ ކިޔާން ފެށުމުން އަލުން ދަރިފުޅު ނިދައިފިއެވެ. ދަރިފުޅުގެ ފޫކޮޅުގައި މަޑުމަޑުން ޖަހާލަ ޖަހާލާއޮތް ޝިއުނާގެ ލޮލަށް ނިދިބަރުވާން ފެށުމުން ހަށިގަނޑު ދަމާލާ  ރީތިކޮށް އެނދުގައި އޮށޯވެލިއެވެ.

ކޮޓަރިތެރެއަށް ވެރިވެރިވެފައިވީ ހަމަހިމޭންކަމުގެ ތެރޭން މަޑުމަޑުން ފާހާނާގެ ދޮރު ހުޅުވިއްޖެއެވެ. ދުވަހުގެ ވަރުބަލިކަމާއެކު ހަށިގަނޑަށް ވެރިވެފައިވާ ލޮޑުކަމެއްގެ ސަބަބުން ޝިއުނާއަށް ލޯ ހުޅުވާލުން ވީ ދަތިކަމަކަށެވެ. ފާހަނައިން މީހަކު ނުކުތްކަން ޝިއުނާއަށް އިހުސާސް ކުރެވުނެވެ. ކުއްލިއަކަށް ޝިއުނާއަށް ތެޅިގަނެވުނީ މީހަކު ޝިއުނާ ކަރުގައި ހިފުމުންނެވެ. ޝިއުނާ ތެޅިފޮޅިގަތީ އެއަތްދަށުން ސަލާމަތްވާށެވެ.

އަރުބުޑުން ނުކުތް ހަޅޭކުގެ އަޑާއެކު ޝިއުނާ އެނދުން ފުއްމާލައި ކޮޅަށް ޖެހިއްޖެއެވެ. ޝިއުނާގެ އަޑަށް ހޭލެވުނު ދަރިފުޅު ރޮއެގަތީ ބާރަށެވެ. ފެނުނީ ބިރުވެރި ހުވަފެނެއްކަމަށް ޝިއުނާއަށް ގަބޫލުކުރަން މަޖުބޫރުވީ ފާހާނައިގެ ދޮރު ލައްޕާފައި ހުރުމުންނެވެ. ޝިއުނާއާ ދަރިފުޅު ފިޔަވައި އިތުރު މީހަކު ކޮޓަރި ތެރެން ފެންނާކަށް ނެތެވެ. ގެންފައިވާ ބިރާއެކު ޝިއުނާ އެންމެ ފުރަތަމަވެސް ގުޅަން ބޭނުންވީ ޔޫސުފްއަށެވެ.

އެހެންނަމަވެސް ޝިއުނާގެ ވާހަކަ ޔޫސުފް ގަބޫލު ނުކުރާއިރު ޔޫސުފްއަށް ގުޅައި އުނދަގޫކުރަންވީ ކީއްކުރަން ހެއްޔެވެ. ފެނުނީ ހުވަފެނެއްކަން އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރަމުން ޝިއުނާ އެނދުގައި އިށީނީ ދަރިފުޅު އުރާލާށެވެ. އެވަގުތު ޝިއުނާގެ ހެއަށް ގޮތްވެގެން ދިޔައީ ޝިއުނާގެ ފަހަތުން އިތުރު މީހަކު އެނދަށް އަރައި އިށީނުމުންނެވެ. ހީވީ ކުޑަކުއްޖަކު އެނދަށް އަރައި ދެފައި ވައްކޮށް އިށީނދެލިހެނެވެ.

ދަރިފުޅު ނަގައި މެއާ ބޮޑިކޮށްލިގޮތަށް ޝިއުނާ ދުއްވައިގަތީ ކޮޓަރިން ނުކުންނާށެވެ. މީހަކު އެތަނުގައި އިންތޯ ބަލާލާނެހާ ހިތްވަރުވެސް ޝިއުނާއަކަށް ނުލިބުނެވެ. ގެންފައިވާ ބިރުން ޝިއުނާގެ މޭގަނޑު ހީވަނީ ދެންމެ ދެންމެ ބޭރަށް ނުކުމެދާނެހެނެވެ. ދުވެފައި ގޮސް ޝިއުނާ ގޭގެ ދޮރުހުޅުވާލީ އިތުރަށް އެގޭތެރޭ މަޑުކުރާނެހާ ހިތްވަރު ނެތުމުންނެވެ. ގޭގެ ދޮރު ހުޅުވާލުމާއެކު ގޯތިތެރެއިން ޝިއުނާގެ ކަންފަތުގައި ޖެހުނީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. އަޑު އަންނަމުން ދިޔަ ދިމާއަށް ޝިއުނާއަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. ފެނުނު މަންޒަރުން ޝިއުނާ ދިޔައީ ހުއްޓުން އަރައިގެނެވެ.

ގޯތިތެރޭ ހުރި ހިރުނދުގަސްދޮށް އުދައްޔެއް ހިފައިގެންއޮވެ ކޮންނަމުން އެދަނީ ކުރިން ދުވަހަކުވެސް ޝިއުނާ ދެކުނު އަންހެނެއްނޫނެވެ. ޝިއުނާގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. ގަބުކައިފައި ހުރި ޝިއުނާގެ ބޮޑުވެފައި ހުރި ދެލޮލުގެ ކުރިމަތީ އޭރު ނިއުޅެމުން ދިޔައީ ޝިއުނާގެ ޅަފަތުގެ މާޒީއެވެ. މީގެ 7 އަހަރުކުރިން ރަށްމެދަށް ބަލިވެއިދެ ޝިއުނާ ބަނޑަށް މަރާލި ދަރިފުޅެވެ. މަންމަގެ އެހީތެރިކަމާއެކު މުޅި ދުނިޔެއަށް ސިއްރުން ޝިއުނާ އެދަރިފުޅު މަރާލައި ވަޅުލީ އެގަސް ދޮށުގައެވެ.

" ޝިއުނާ "

ނޫޑުލްސް ބޯތައްޓެއް ހިފައިގެން އައިސް ވަތް ތޮއްޔިބާއަށް ސިހުމެއް ލިބިގެން ދިޔައީ ދަރިފުޅު ގޮވައިގެން ނުކުމެ ގަބުވެފައިހުރި ޝިއުނާ ފެނުމުންނެވެ. އަޑުގެ ނެތްތަނަށް ރޮމުންދިޔަ ދަރިފުޅާމެދު ކުޑަވެސް ސަމާލުކަމެއް ޝިއުނާގެ ނެތެވެ. އަވަސް އަވަހަށް އައިސް ތޮއްޔިބާ ދަރިފުޅު އުރާލިއެވެ. އަދި ޝިއުނާ ކޮނޑުހިފައި ތަޅުވައިގެންފިއެވެ. ހަބަރުހުސްވެގެން ޝިއުނާ ވެއްޓުނީ އޮޅިމައްޗަށެވެ.

ހޭވެރިކަން ވީއިރު ޝިއުނާއާ އެންމެ ގާތުގައި އިނީ ޔޫސުފްއެވެ. ތޮއްޔިބާ ފެންނާކަށްނެތެވެ. ޝިއުނާގެ ބަޑިފަޅައިގެން ދިޔައީ ޔޫސުފްގެ ފަހަތުގައި ކޮޅަށްހުރި އަބްދުﷲ ފެނުމުންނެވެ. އެއީ ރަށު މީހަކަށް ރުޤްޔާ ކުރަން އައިސް އުޅުނު މާލެ މީހެކެވެ. އަބްދުﷲ ބެ ކުރަމުން ދިޔަ ސުވާލުތަކަށް ޝިއުނާ ރޮމުން ޖަވާބުދެމުން ދިޔައިރު ޔޫސުފް ކަޅިވެސް ޖަހާލަން ނޭނގިފައި ޝިއުނާގެ މޫނަށް ބަލަން އިނެވެ. ޔޫސުފް ޝިއުނާއަށް އިތުބާރުކުރީ ދެލޯމަރައިގެން ހުރެއެވެ. އިވެމުން މިދަނީ ޝިއުނާގެ ސިއްރުވެރި މާޒީކަމާއިމެދު ގަބޫލު ކުރަންވެސް ޔޫސުފްއަށް ވަނީ ދަތިވެފައެވެ.

ޔޫސުފާއި ބައްދަލުވުމުގެ ކުރިން އުމުރުން އެންމެ 14 އަހަރުގައި ޝިއުނާއަށް ކުރެވުނު އެމުޑުދާރު އަމަލަކީ ޝިއުނާގެ މަންމަ ނޫން އިތުރު އެއްވެސް މީހަކަށް އެނގިފައި އޮތް ކަމެއްނޫނެވެ. ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު އަބްދުﷲ ބެ އެރޭ ގެއަށް ދިޔައީ އެއްވެސް އެއްޗެއް ނުބުނެއެވެ. އެނބުރި އަބްދުﷲ ބެ ދެން އެގެއަށް އައީ ޖެހިގެން އައި ރޭގެ ދެނަމާދު ދޭތެރޭގައެވެ.

" ޝިއުނާއަށް ގޯނާކުރީ މާކުރީއްސުރެން މިގޭތެރޭގަ އުޅެމުން އަންނަ ޔަތީމު ޖިންނި ކުއްޖެއް. ޝިއުނާ

މާ ލޯބިން ކުއްޖަކު ގެންގުޅެން ފެށީމަ އެސޮރު ހަސަދަވެރިވީ. ޝިއުނާބަނޑަށް 4 މަހުން ދަރިފުޅު

މަރާލާ ވަޅުލިއިރުވެސް އެސޮރު ހުރީ ބަލަން. އެކަމަކު އިރާދަކުރެއްވިއްޔާ ދެތިން ރެއަކު

ކިޔަވާލަނިކޮށް ފެއްސިގެން ހިނގައިދާނެ "

އަބްދުﷲ ބެ ދިނީ ހިތްހަމަޖެހޭ ފަދަ ޖަވާބެކެވެ. ކަންތައް ވެގެން ދިޔައީވެސް އެގޮތަށެވެ. ކިޔަވަން ފެށިތާ 7 ވަނަރޭ އެކުއްޖާ އެގެއިން ނުކުމެގެން ހިނގައްޖެއެވެ. އެހެންނަމަވެސް ޝިއުނާގެ ހުރިހާ އުފަލަކާ ހިތްހަމަ ޖެހުމެއް ހިފައިގެނެވެ. ޔޫސުފް ޝިއުނާއާ އަނގައިން ނުބުނާ ތާނގައި ޝިއުނާއާ ހަތަރު ކަޅި ހަމަކޮށް ބަލާލަންވެސް މިއަދު ބޭނުމެއް ނުވެއެވެ. ލޯބިވާ ދަރިފުޅާ ވަކިން ނޫޅެވޭނެތީ އެގޭގައި ޔޫސުފް މަޑުކުރިކަމުގައި ވިޔަސް އެއީ މިހާރު މުޅިން އެހެން ޔޫސުފެކެވެ.

ޔޫސުފްގެ ހަމަހިމޭންކަން މުޅި ގޭތެރެ ފަޅުކޮށްލައިފިއެވެ. ހިތަށް ކެތްކުރަން ކުޅަދާނަ ނުވާ ވަރުވުމުން ހިތްފުރޭންދެން ރޯލުން ނޫންކަމެއް މިއަދު ޝިއުނާއަކަށް ވެސް ނެތެވެ. ކުރި ކުށެއް ޝިއުނާ ކުރީ ޔޫސުފް އެހަޔާތަށް އައުމުގެ މާކުރިންނެވެ. އޭރު ހެވާ ނުބައި ޝިއުނާއަށް ވަކިނުވެއޭ ބުނުމަކުންވެސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އެދުވަހު ޝިއުނާ ހިނގީ މަންމަ ދެއްކި މަގުންނެވެ. ޔޫސުފަށް އެއްވެސް ކަމެއް ސިއްރު ކުރުމުގެ ނިޔަތެއް ޝިއުނާގެ އޮވެގެނެއް ނޫނެކެވެ. ނަމަވެސް ކުރެވުނު ކުށުގެ ހައްޤު ސަޒާ ވަރަށް ހިތިކޮށް މިއަދު ޝިއުނާއަށް ލިބިއްޖެއެވެ.

ނިމުނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް