މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި، އެ ދެ ބޭފުޅުންނަށް ހާއްސަކުރެވިފައިވ...

12 May 2021 | 06:30

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި، އެ ދެ ބޭފުޅުންނަށް ހާއްސަކުރެވިފައިވާ ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަފާ ދެއްވައިފި އެވެ.

ރައީސް މިގޮތަށް ލަފާ ދެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެވެ. މިގޮތަށް ތަފާދެއްވާފައި މިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލައިގެން ޓެރަރިސްޓު ހަމަލާއެއް ދީފައި ވަނިކޮށެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގައި ރައީސް ސޯލިހު ވަނީ ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ދެމުންގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެޓާނީ ޖެނެރަލަށް އަންގަވާފަ އެވެ. އެގޮތުން މަޖިލީހުގެ ރައީސަށާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް އެންގެވި އެވެ.

އަދި ގާނޫނުގެ ތެރެއިން އެ ދެ ބޭފުޅުންނަށް ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް އިރުޝާދު ދެއްވި އެވެ.

އިއްޔެގެ ވަޒީރުންގެ މަޖިލީސް ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލާފައިވަނީ އެމަނިކުފާނުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ގޮސް މަޖީދީމަގުގައި ޕާކުކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ. މި ހަމަލާގައި އެމަނިކުފާނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކެނެރީގެ ހުންނަ ގޯޅި ހަނިކަމުންނާއި ރަަސްމީ ކާރުކޮޅު މަޑުކުރަންޖެހޭ ހިސާބު ދުރުކަމުން ސެކިއުރިޓި ދިނުމުގައި ދަތިތަކެއް ދިމާވާ ކަމަށް މީގެ ކުރިން އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް