މާލޭގައި އެޅި ކޯވިޑް ފިޔަވަޅުތަކަށް އަމަލު ކުރޭތޯ ކަށަވަރު ކުރުމަށް ރައީސް އަންގަވައިފި

މާލޭ ސިޓީގައި ކޯވިޑް-19 އާއި ގުޅިގެން މިއަދުން ފެށިގެން އިތުރަށް ހަރުކަށިކޮށްފައިވާ ފިޔަވަޅުތަކަށް އަމަލު ކުރޭތޯ ކަށަވަރު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންނާއި ސިފައިންނަށް އަންގަވ...

12 May 2021 | 06:02

މާލޭ ސިޓީގައި ކޯވިޑް-19 އާއި ގުޅިގެން މިއަދުން ފެށިގެން އިތުރަށް ހަރުކަށިކޮށްފައިވާ ފިޔަވަޅުތަކަށް އަމަލު ކުރޭތޯ ކަށަވަރު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންނާއި ސިފައިންނަށް އަންގަވައިފި އެވެ.

އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން އެއް ހަފްތާއަށް މާލޭގައި ހަވީރު 4:00 ން ފަތިހު 4:00 އަށް ކާފިއު ހިންގައި، ކެފޭ/ ރެސްޓޯރެންޓުތައް ބަންދުކޮށް ޑެލިވަރީގެ ހިދުމަތް އެކަނި ދިނުމަށް އަންގާފަ އެވެ. އަދި އުސޫލާއި ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރަން ނިންމާފައިވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ އެޗްޕީއޭއިން އަޅާފައިވާ އާ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ރައްޔިތުން އަމަލު ކުރާކަން ކަށަވަރު ކުރުމަށް ފުލުހުންނާއި ސިފައިންނަށް ރައީސް އަންގަވާފައިވާ ކަމަށެވެ. އަދި އެ ދެ މުއައްސަސާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ރައީސް ސޯލިހު އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ކޯވިޑް-19 ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު މާލެއިން ޕޮސިޓިވްވާ މީހުންގެ އަދަދު ވަނީ 1،000 ން މައްޗަށް އަރާފަ އެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު އިއްޔެ ރާއްޖެއިން ކޯވިޑަށް 1،501 މީހުން ޕޮސިޓިވްވެފައިވެ އެވެ.

މި ބަލި ޖެހިގެން މިހާތަނަށް 87 މީހަކު ވަނީ މަރުވެފަ އެވެ. ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 26،795 މީހުންނެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޯވިޑަށް 38،520 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް