ޢައްޒާ އިން އިސްރާއީލަށް ދިން ރޮކެޓު ޙަމަލާތަކެއްގައި އެ ޤައުމުގައި އަލިފާން ހިފައިފިއެވެ.
މި ހަމަލާތައް ދިފައި ވަނީ ޢައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ގެނެސްދޭ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
މީޑިޔާތަކުން މި ފަދައިން ރިޕޯޓުކުރި އިރު، ޙަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޢައްޒާއަށް ދެމުންދާ ވައިގެ ޙަމަލާތަކަށް ބަދަލުހިފުމަށް 130 ރޮކެޓު އިސްރާއީލުގެ ވެރިރަށް ތަލް އަބީބަށް އަމާޒުކޮށް ފޮނުވާލައިފައިވާކަމަށެވެ.
މި ޙަމަލާތަކުގައި އިސްރާއީލުގެ ގިނަ ޢިމާރާތްތަކަށާއި އުޅަނދުތަކަށް ގެއްލުންވެފައިވެއެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވޭ ގެއްލުމެއް ލިބިފައިވަނީ އިސްރާއީލުގެ ސިނާޢީ ސަރަޙައްދަކަށެވެ. އެގޮތުން އެ ސަރަޙައްދުގައި ހުންނަ ހަކަތަ އުފައްދައި މަރުކަޒެއްގައި ވަރަށް ބޮޑަށް ރޯވެފައިވެއެވެ.
ޙަމާސުން ދިން ޙަމަލާތަކުގެ ކުރިން އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ޙަމަލާއެއްގައި މީހުން ދިރިއުޅޭ 13 ބުރީގެ ޢިމާރާތެއް ބިމާހަމަވެފައިވެއެވެ. އެ ޢިމާރާތުގައި ޙަމާސް ޖަމާޢަތުގެ ސިޔާސީވެރިންގެ އިދާރާއެއް ޤާއިމުކޮށްފައިވެއެވެ. ނަމަވެސް އެ ޢިމާރާތައް އަމާޒުކޮށް ޙަމަލާ ދިނުމުގެ ކުރިން އެ ޢިމާރާތުންވަނީ މީހުން ހުސްކޮށްފައެވެ.
https://twitter.com/QudsNen/status/1391912471863115776?
އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ޤުދުސްގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ދުނިޔޭގެ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކާއި މުސްލިމު ޖަމާޢަތްތަކާއި ޤައުމުތަކުގެ ސަރުކާރުން ކުށްވެރިކުރެއެވެ.
އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތައް ފަލަސްޠީނުގެ ޣައްޒާއަށް ދިން ވަރުގަދަ ވައިގެ ޙަމަލާތަކުގައި 28 މީހުން މަރުވެ، 150 މީހުންވަނީ ޒަޚަމުވެފައެވެ. މަރުވި މީހުންގެ ތެރޭގައި 10 ކުޑަކުދިންނާއި އިސްލާމިކް ޖިހާދުގެ 2 އަސްކަރީވެރިން ހިމެނެއެވެ.
22 ޤައުމު ހިމެނޭ ޢަރަބި ލީގުން ބުނެފައިވަނީ މައްސަލަ ގޯސްވެފައިވަނީ ރަމަޟާން މަހުގެ ތެރޭގައި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަމުގެ ޢަމަލުތަކުގެ ސަބަބުންކަމަށެވެ. އެ ޖަމާޢަތުންވަނީ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހުއްޓުވުމަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް