އިސްރާއިލްގެ އަނިޔާވެރި ސިފައިންގެ ދުއްތުރާ ބޮޑުވެ އަނެއްކާ ވެސް މިވަނީ "ފްރީ ޕަލަސްޓީން" ނުވަތަ ފަލަސްތީން މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލާ އަޑު ގަދަވެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ދަނީ ރެޔާއި ދުވާލު މީސްމީޑިޔާގެ މަންސަތަކުގައި އެ ކަމަށް ގޮވާލަމުންނެވެ. ދިވެހިންގެ ތެރޭން ގިނަ ބަޔަކު ވެސް ވަނީ މިކަމަށް ގޮވާލާފައެވެ.
އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އަމުރުފުޅަށް އެ ޤައުމުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ޤުދުސްގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ދުނިޔޭގެ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކާއި މުސްލިމު ޖަމާޢަތްތަކާއި ޤައުމުތަކުގެ ސަރުކާރުން ކުށްވެރިކުރެއެވެ. ތުރުކީވިލާތް އިސްވެ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ދުނިޔޭގެ ޤައުމުތައް އެއްބައިވަންތަކުރުމަށް މަސައްކަތްތަކެއް ވެސް ދަނީ ކުރަމުންނެވެ.
އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތައް ފަލަސްޠީނުގެ ޣައްޒާއަށް ދިން ވަރުގަދަ ވައިގެ ޙަމަލާތަކުގައި 28 މީހުން މަރުވެ، 150 މީހުންވަނީ ޒަޚަމުވެފައެވެ. މަރުވި މީހުންގެ ތެރޭގައި 10 ކުޑަކުދިންނާއި އިސްލާމިކް ޖިހާދުގެ 2 އަސްކަރީވެރިން ހިމެނެއެވެ. އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދެނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޤުދުސްގައިވެސް ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުތަކުގައި އިސްރާއީލުން ހިންގި ޖަރީމާތަކުގައި 700 މީހުންވަނީ ޒަޚަމުވެފައެވެ. އިސްރާއީލުގެ އިސްތިޢުމަރީ ސިފައިން ދަނީ ރަބަރު އުންޑައާ ސްޓަން ގުރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްގެން އެއްވެސް ހަތިޔާރެއް ނެތް ޢާންމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ބެލުމެއް ނެތި ޙަމަލާދެމުންނެވެ.
22 ޤައުމު ހިމެނޭ ޢަރަބި ލީގުން ބުނެފައިވަނީ މައްސަލަ ގޯސްވެފައިވަނީ ރަމަޟާން މަހުގެ ތެރޭގައި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަމުގެ ޢަމަލުތަކުގެ ސަބަބުންކަމަށެވެ. އެ ޖަމާޢަތުންވަނީ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހުއްޓުވުމަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފައެވެ.
މެއި މަހުގެ 7ވަނަ ދުވަހު ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް 70،000އަށްވުރެ ގިނަ މުސްލިމުން އަޤްޞާއަށް ގޮސް، އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ނުރުހުން ފައުޅުކޮށް އަޑުއުފުލައިފައިވެއެވެ. އިސްރާއީލުގެ ފައުޖުތަކުން އެ ދުވަހު ދިން ޙަމަލާތަކުގައި 205 މީހުން ޒަޚަމްވިއެވެ. އޭގެ ތެރެއިން 88 މީހުންވާނީ އިތުރު ފަރުވާއަށް ހަސްފަތާލުތަކަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް