ނަރުހުންގެ ދުވަސް: އޯގާތެރި ތިޔަ ޚިދުމަތަށް ލޯތްބާއެކު ޝުކުރިއްޔާ!

މިއަދަކީ ނަރަުހުންގެ ދުވަހެވެ. އެހެންކަމުން އެންމެ އިސް ވާޖިބެއްގެ ގޮތުގައި ދެކިގެން ފުރަތަމަ ކަމަކަށް ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ޚިދުމަތްކުރައްވަމުން ގެންދަވާ އެންމެހައި ހީވާގި ނަރުހުންނަށް ...

12 May 2021 | 01:19

މިއަދަކީ ނަރަުހުންގެ ދުވަހެވެ. އެހެންކަމުން އެންމެ އިސް ވާޖިބެއްގެ ގޮތުގައި ދެކިގެން ފުރަތަމަ ކަމަކަށް ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ޚިދުމަތްކުރައްވަމުން ގެންދަވާ އެންމެހައި ހީވާގި ނަރުހުންނަށް ދުވަހުގެ ތަޙުނިޔާ ފޮނުވަމެވެ. މިއީ ތިޔަ ދެއްވަމުން ގެންދަވާ އިންސާނީ ޚިދުމަތުގެ އަގުވަޒަން ކުރެވޭ މުނާސަބާއެވެ. އަދަކީ ތިޔަ ޚިދުމަތުގެ މުހިންމުކަން ހަނދުމަ ކޮށްދޭ ދުވަހެވެ. އަދު ނޫނަސް ކޮންމެ ދުވަހަކީ ތިޔަ ޚިދުމަތުގެ މުހިންމުކަން ހަނދުމަ ކޮށްދޭ ދުވަހެކެވެ.

އެެހެނަސް މިއަދު ހާއްސައެވެ. މިއަދަކީ ތިޔަ ކަލުންނާއި ކަންބަލުންނަށް ހާއްސަކުރެވިފައިވާ ދުވަހެވެ. މިއަދަކީ ހެދިފައިވާ ގޯސްތައް ރަނގަޅު ކުރަން އަޒުމް ކަނޑައަޅަންވީ ދުވަހެވެ. މިއަދަކީ ތިޔަ އޯގާތެރި އަތްތަކުން ދެވިފައިވާ ޚިދުމަތްތަކުގެ މަތިން ހަނދުމަކޮށް އުފާކުރަންވީ ދުވަހެވެ. ހަމައެކަނި ތިޔަ ދެއްވަމުން ގެންދަވާ ޚިދުމަތަކީ ޝުކުރިއްޔާއޭ ބުނުމަކުން ނުފުދޭނެކަން ވެސް އެނގެެއވެ.

ތިޔައީ އެއަށް ވުރެ ބުރަ ބޮޑު މަސައްކަތެކެވެ. ބައެއް ފަހަރު ނުރައްކާ ވެސް ބޮޑެވެ. ނާޒުކުވެފައި އަގުބޮޑެވެ. އެފަދަ އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރިމަތިލައްވާނީ ހިތްވަރުގަދަ ބޭފުޅުންނެވެ. ތިޔަ ބޭފުޅުންގެ ޚިދުމަތާމެދު ހިތްހަމަނުޖެހިގެން ފާޑުކިޔާ ކަމަށްވާނަމަ އެއީ ލިބޭ ކުރިއެރުމެއް ކަމަށް ބަލައިގަންނާށެވެ. ފާޑުކިޔުންތަކާ އެއްވަރަށް ނުވަތަ އެއަށްވުރެ ގިނައިން ތިޔަ މަސައްކަތަށް ސާބަސްދޭ ދޫތައް ގިނައެވެ. ލިބޭ ހެޔޮދުއާތައް އިތުރެވެ. ތިޔަ ބޭފުޅުންނަކީ އެތައް ބަޔަކަށް ހިތްހެޔޮކަމާއެކު ފަރުވާގެ އަތްތައް ދޫކޮށްލައިފައިވާ ޚިދުމަތްތެރިންނެވެ.

އެއަތްތަކަކީ ލިބޭ މުސާރައަށްވުރެ ބޮޑަށް އިންސާނީ ޚިދުމަތެއްގެ ގޮތުގައި ދޫކޮށްފައިވާ އަތްތަކަށް ހައްދަވާށެވެ. ﷲ އަށްޓަކައި ހެޔޮނިޔަތާއެކު ކޮށްދެއްވާ ކަމަކަށް ހައްދަވާށެވެ. ތިޔަ ޚިދުމަތަކީ އާދައިގެ ޚިދުމަތެއް ނޫނެވެ. ތިޔައީ އިންސާނުންގެ ފުރާނައާ ގުޅިފައިވާ ނާޒުކު ޚިދުމަތެކެވެ. އެހެންވީމާ ތިޔަ ތުރުކުރައްވައިގެން ތިއްބަވާ ބޯކިރު ފޮދެއްފަދަ ހުދު ޔުނީފޯމް ފަދަ ސާފު ހިތަކާއެކު ބަލިމީހުންނަށް ހޭހަން ކޮށްދެއްވުމަށްވުރެ އިސްކަމެއް ތިޔަ މަދަދުވެރިންގެ މައްޗަށްނެތެވެ. ތިޔަ ހިތްތަކުގައި އުތުރިއަރަންވީ އޯގާތެރިކަމުގެ ޖަޒުބާތެވެ. ތިޔަ އަތްތަކުގައި ހިމެނެންޖެހޭނީ މިހާރެކޭ އެއްފަދައިން ރަހުމަތުގެ ފަރުވާއެވެ. ތިޔަ މޫނުތަކުން ފެންނަންވާނީ ބަޔަކަށް ޚިދުމަތް ކޮށްދެވޭތީ ވެރިވެފައިވާ ހިނިތުންވުމެވެ.

އާދޭހެވެ. ތަކުރާރުކޮށްލާނަމެވެ. ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 12 ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރާ ނަރުހުންގެ ދުވަހެވެ. ނަމަވެސް މިއަދު މި ދުވަސް ދިވެހި ނަރުހުން ފާހަގަ ކުރާނީ ތަފާތު ގޮތަކަށެވެ. ބައިނަލްއަޤުވާމީ ގޮތުން ނަރުހުންގެ ދުވަސް ފާހަގަ ކުރާތާ އެތަކެއް އަހަރުވެފައިވާ އިރު، ރާއްޖޭގައި މި ދުވަސް ނަރުހުން ފާހަގަކުރަނީ ކުލަގަދަކޮށެވެ. ހޮސްޕިޓަލްތައް ޒީނަތްތެރި ކުރުމާއި މާފަތި ދެމުމާއި މާމެލާމެލިން ތަން ޒީނަތްތެރި ކުރުމުގައެވެ. ނަމަވެސް މިއަދު އެ ޙާލަތު މިވަނީ ބަދަލުވެފައެވެ. ނަރުހުން މަސައްކަތް ކުރަމުން އެދަނީ ހޮސްޕިޓަލް ޒީނަތްތެރި ކޮށް ކުލަކުލައިގެ ހެދުމުގައެއް ނޫނެވެ.

ނަރުހުން މަސައްކަތް ކުރަމުން އެދަނީ ކޯވިޑް-19ގެ ޝިކާރައަކަށް ވެފައިވާ ދިވެހި މުޖްތަމަޢު ސަލާމަތުގެ އައްސޭރިއަށް ގެންދިއުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ މާލިމީންނަށް އެހީވުމުގައެވެ. އަމިއްލަ ނަފުސައް ބެލުމެއް ނެތި ޤައުމީ ޚިދުމަތުގައެވެ. ޤައުމީ އަބުޠާލުންގެ ގޮތުގައި މިދިވެހި މުޖުތަމަޢަށް ތިޔަ ނަރުހުން ވަމުންދާ ޤުރުބާނީ ފާހަގަ ކުރަމެވެ. ކޯވިޑް-19ގެ ހަނގުރާމައާއި ކުރިމަތިލުމުގައި ހާހުން ނަރުހުން ވަނީ މި ފަނާކުރަނިވި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. އަމިއްލަ ޢާއިލާއާއި ދުރުގައި ތިބެ ބުރަކަމެއް ވަރުބަލިކަމެއް ނެތި ޝަކުވާއެއް ކުރުމެއް ނެތި ވަކިވެގެންދިޔަ އެ ބަޠަލުންނަށް ސެލިއުޓް ޙައްޤެވެ. އަދިވެސް މި މުޞީބާތާ ކުރިމަތިލާން ތިބީ އެ ނަރުހުންނެވެ. މިއަދު އަޅުގަނޑުމެން މިތިބީ އެ ފަރާތްތަކަށް ދަރަނިވެރިވެފައެވެ. ދަރަނި އަދާކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ނުދަންނަ ބަޔަކަށްޓަކައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އެތައް މިލިއަން ނަރުހުންނެއް މިއަދު އެދަނީ މި ހަނގުރާމައިގެ މައިދާނުގައި ވަރުބަލިކަމެއް ނެތި ނަފުސު ޤުރުބާން ކުރަމުންނެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުންދާ ނަރުހުންގެ ވެސް މިއަދު ޑިއުޓީއަކީ މިއެވެ. ޢާއިލާއާއި ދުރުގައި ތިބެގެން އެ ވަމުންދަނީ ހާދަ ބޮޑު ޤުރުބާނީއެކެވެ. ފަރުވާއެއް ނެތް ނިމުމެއް ނެތް މި ބަލިން އަރައިގަތުމަށް ކުރަމުން މިދާ މަސައްކަތުގައި ރާއްޖޭގައި ތިބި ނަރުހުންގެ ތެރެއިން ބަޔަކު މިއަދު ވަނީ ނުރައްކަލަކަށް ހުށަހެޅިފައެވެ. އަޅުގަނޑުމެންގެ ދުޢާއަކީ އަދި އެދުމަކީ ވެސް ކަށިން ހިތްވަރުލައިގެން ތިޔަ ބަޠަލުން ކުރަމުންދާ މަސައްކަތް ކާމިޔާބީއާއި ހަމަޔަށް ވާޞިލު ވުމެވެ. ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ނަރުހުންނަށް އައްސަރިބަހާ ސާބަސް ރައްދު ކުރާ ޙާލު ލޯތްބާއެކު އަދި ވެސް އެއްފަހަރު ޝުކުރުގެ ޖިޒީއެއް ފޮނުވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް