އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވާ މީހުން ސަރުކާރު ވަޒީފާތަކުން ވަކިކުރަން ކޮމިޓީ މަރުހަލާގައި ފާސްކޮށްފި

ދިވެހި ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު ޚިޔާނާތުގެ (އެމްއެމްޕީއާރުސީގެ) ފައިސާ ލިބުނު ކަމަށް އަދި އޭގައި ބައިވެރިވި ކަމުގެ ތުހުމަތު އޮތް މީހުންގެ ލިސްޓުގައި ހިމެނޭ، ސަރުކާރާއި ދައުލަތުގެ އެކި މަގާމުތ...

12 May 2021 | 00:15

ދިވެހި ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު ޚިޔާނާތުގެ (އެމްއެމްޕީއާރުސީގެ) ފައިސާ ލިބުނު ކަމަށް އަދި އޭގައި ބައިވެރިވި ކަމުގެ ތުހުމަތު އޮތް މީހުންގެ ލިސްޓުގައި ހިމެނޭ، ސަރުކާރާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން އެ މަގާމުތަކުން ވަކި ކުރަން، އެ މައްސަލަ ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކޮށްފިއެވެ.

މިކަން ފާސްކޮށްފައިވަނީ މި މައްސަލަ ބެލުމަށް އުފައްދާފައިވާ ސަބް ކޮމިޓީންނެވެވެ.

ހިޔާނާތުގައި ބައިވެރިވި މީހުން މަގާމުތަކުން ވަކި ކުރުމަށް ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. އީވާ ހުށަހެޅުއްވީ މަގާމުތަކުގައި ތިބި ބަޔަކު ލިސްޓުގައިވާނަމަ އެ ބަޔަކު މަގާމުން ވަކިކުރުމަށް ލަފާ ދިނުމަށެވެ.

އެ ހުށަހެޅުން ފާސްކޮށްފައި ވަނީ ރޭ ބޭއްވި ކޮމެޓީ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ވަނީ ހުށަހެޅުނު ކަންކަމާއި މެދު މަޝްވަރާކޮށް، ހުށަހެޅުންތައް ފާސްކޮށްފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ފަޅު ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ކަމަށް ޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް