ޕާކިސްތާނުގެ ސެނެޓުގެ ޑެޕިއުޓީ ޗެއާމަންގެ ވަފުދު، އެގައުމުގެ ބަލުޗިސްތާނު ޕްރޮވިންސްގައި ދަތުރު ކުރަމުންދަނިކޮށް އެ ވަފުދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 25 މީހަކު މަރުވެފައިވާކަމުގައި ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާ ދީފައިވަނީ އެ ވަފުދު ދަތުރު ކުރަމުންދިޔަ ކޮންވޯއީ އަށް އަމާޒުކޮށް ބަލުޗިސްތާނުގެ މަސްތުންގ ޓައުންގަ އެވެ. މި ހަމަލާގައި 25 މީހަކު މަރުވެފައިވާއިރު އިތުރު 35 މީހަކު ޒަހަމްވެފައިވާކަމުގައި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މި ހަމަލާ އަމާޒުވި ޑެޕިއުޓީ ސެނެޓަރ އަބްދުލް ގަފޫރު ހައިދަރީ، ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހަމަލާއަކީ އޭނާއަށް އަމާޒުކޮށްގެން ދިން ހަމަލާއެއްކަމުގައި ބެލެވޭ ކަމަށެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ޑެޕިއުޓީ ސެނެޓަރ ހައިދަރީ ނިސްބަތްވަނީ ޕާކިސްތާނުގެ ޖަމިއަތު އޭ އުލޭމާ އިސްލާމް އަށެވެ. އެ ޖަމިއްޔާއަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ސަރުކާރާއި އެއް ކޮލީޝަނެއްގައި ހިމެނޭ ޖަމިއްޔާ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް