އަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި އައު ބިޒްނަސް ސެންޓަރާއި އިތުރު ތިން އޭޓީއެމް ގާއިމް ކުރެވޭނެ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ޚިދުމަތްތައް ހުޅުމާލޭގައި އިތުރުށް ފުޅާކުރާނެކަމަށް އެބޭންކުން ހާމަކޮށްފިއެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލްގައި އިތުރު ސެލްފ...

12 May 2017 | 11:13

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ޚިދުމަތްތައް ހުޅުމާލޭގައި އިތުރުށް ފުޅާކުރާނެކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލްގައި އިތުރު ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް ބަހައްޓާ، އޭގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން އާ ބިޒްނަސް ސެންޓަރަކާއި އިތުރު ދެ އޭޓީއެމް ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ގާއިމްކުރުމަށް ވަނީ ހަމަޖެހިފައި ކަމުގައި ބީއެމްއެލް އިން ހާމަކުރެ އެވެ.

މި ޕްލޭންތައް ހާމަކޮށްފައިވަނީ ޓްރީޓޮޕް އިންވެސްޓްމަންޓްސްގެ ޑިރެކްޓަރ އަހުމަދު ސަލީމްގެ ދައުވަތަކަށް އެ ހޮސްޕިޓަލްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ބޭންކްގެ އިސްވެރިން ހުޅުމާލެއަށް ކުރެއްވި ޒިޔާރަތަށް ފަހުގައެވެ.

މިކަމާބެހޭ ގޮތުން ވާހަކަދައްކަވަމުން ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ހުޅުމާލޭގެ އާންމުންނަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލްގައި އޭޓީއެމްއެއް ގާއިމްކުރެވޭ ކަމީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ޚާއްސަކޮށް މިފަދަ ރަގަޅު ހޮސްޕިޓަލެއް ގާއިމްކުރުމަށް މާލީ ގޮތުން ބީއެމްއެލް އަދާކޮށްފައިވާ ދައުރުގެ ސަބަބުން މިކަން އިތުރަށް ޚާއްސަ ވެގެންދާ ކަމަށެވެ. އަދި ބޭންކުން މިއަހަރު ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތަކުގެ އަދަދު ދެގުނައަށް އިތުރުކޮށް ހަ އެޓީއެމްއެއް މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި ހުންނާނޭ ކަމުގައްޔާއި މިރަށުގައި އިތުރުވަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ބިޒްނަސް ސެންޓަރ އެއް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައި ކަމުގައި ހީލީ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20އަތޮޅުގައި 34ބްރާންޗް،86 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝްއޭޖެންޓުން، 28ސެލްފްސަރވިސް ބޭންކިންގސެންޓަރ އަދި5 ދޯނި ބޭންކިންގ ޔުނިޓުގެއިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމް ކަމުގައި ބީއެމްއެލް އިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް