ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގެ ދަށުން، ބ އަތޮޅު ދަރަވަންދޫގައި މިހާރު ވަނީ ދިރާގުގެ އެންމެ ހަލުވި ބްރޯޑްބޭންޑް އިންޓަރނެޓް ގެ ޚިދުމަތް ކަމައްވާ ފައިބަރ ބްރޯޑްބޭންޑް ގެ ޙިދުމަތް ފަށާފައިއެވެ.
ބ. ދަރަވަންދޫގައި ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް ލޯންޗް ކުރެވިގެން ދިޔައީ އެ ރަށުގައި އިއްޔެ ބޭއްވި ވަރަށް ކުލަ ގަދަ އިވެންޓެއްގަ އެވެ. މިއީ ބާ އަތޮޅުގައި ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ގާއިމް ކުރެވޭ ފުރަތަމަ ފަހަރެވެ.
ދިރާގުން ހާމަކުރާގޮތުގައި ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސްއާއި ހަމަޔަށް ހިމެނޭ އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްވެސް އެކުލެވިގެންވާ ޚިދުމަތެވެ.
ބ. ދަރަވަންދޫގައި މި ނެޓްވޯކް ޤާއިމް ކުރެވިގެންދިޔުމާއިއެކު، ދިރާގުން ފޯރުކޮށްދެމުން ގެންދާ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގެ ހުރިހާ ގެތަކާއި ވިޔަފާރި ތަކަށް މިހާރު ލިބިގެންދާނޭކަމުގައިވެސް ދިރާގުން ހާމަކުރެ އެވެ.
ދިރާގުން މައުލޫމާތުދޭގޮތުގައި މިހާރުވެސް ބ. ދަރަވަންދޫ ގިނަ ވިޔަފާރިތަކަކާއި ގެތަކުން މި ހިދުމަތަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ބޮޑު ތަރުހީބެއް މި ޚިދުމަތަށް އަންނަނީ ލިބެމުންނެވެ. ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފު ކުރުމުގެ ގޮތުން ވަނީ ޚާއްޞަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައެވެ.
އެގޮތުން މި ޕްރޮމޯޝަނުގައި ބ. ދަރަވަންދޫގައި ފައިބަރ ޚިދުމަތައް އެދޭ ފަރާތްތަކަށް، ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނެއް މުޅިން ހިލޭ ދިރާގުން ގުޅައިދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
ދިރާގުން ފައިބަރ ނެޓްވޯކް ޤާއިމްކޮށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ކ.މާފުށީ އަދި ލ. ގަމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް