އަމީންގެ ބަންދުގެ އިސްތިއުނާފު އަޑު އެހުންތައް ނިންމާލައިފި

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި އެވެ. މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީސް ނިނ...

12 May 2015 | 11:32

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި އެވެ.

މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީސް ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ބުނެފައި ވަނީ އެމައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރުކަމެއް ސާފުކުރަންނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.

އަމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގަ އަމީންގެ ވަކީލުން ވިދާޅުވެފައިވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ފާހަގަކޮށް، އެކަން ސާބިތުކޮށްދިނުމަށް ގާނޫނު އަސާސީގެ ކަމާ ބެހޭ މާއްދާތަކާއި ހައިކޯޓުން ކުރިން ނިންމާފައިވާ މިފަދަ ނިންމުންތައް ފާހަގަކޮށްފައިވާނެ ކަމަށެވެ.

އަމީން ހައްޔަރުކޮށްފައި ވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރީ މިމަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަފުޅުދެއްކެވި ކަމުގެ ތުހުމަތުގައެވެ.

އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ބަންދުން ދޫކޮށްލައިފިނަމަ އަމީންގެ ފަރާތުން މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެއެވެ.

އަމީންގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ އިސްތިއުނާފު އަޑުއެހުންތައް ވެސް ހައިކޯޓުން އިއްޔެ ވަނީ ނިންމާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް