ޓީޗަރުންނަށް ހާއްސަ ލޯން ސްކީމެއް ބީއެމްއެލްއިން ތައާރަފްކޮށްފި

ޓީޗަރުންނަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ ލޯނު ސްކީމެއް މިއަދު ތައާރަފްކޮށްފި އެވެ. ދަރުބާރު ގޭގައި އޮތް ރަސްމިއްޔާތެއްގައި މި ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ...

12 May 2015 | 10:09

ޓީޗަރުންނަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ ލޯނު ސްކީމެއް މިއަދު ތައާރަފްކޮށްފި އެވެ.

ދަރުބާރު ގޭގައި އޮތް ރަސްމިއްޔާތެއްގައި މި ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

ޓީޗަރުންގެ އަގު ވަޒަންކޮށް، އެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީވެދިނުމުގެ މަގްސަދުގައި މި ސްކީމުގެ ދަށުން ބީއެމްއެލުން ދޫކުރަން ހަމަޖައްސާފައިވަނީ 50،000 އާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ ލޯނެވެ. 15 އިންސައްތައިގެ އިންޓަރެސްޓާއެކު ދޫކުރާ މި ލޯނު ނަގާއިރު ގެރެންޓީއެއް ނުވަތަ ރަހުނެއް ބަހައްޓާކަށް ނުޖެހެ އެވެ.

ލޯން ދައްކާ ނިންމަންޖެހެނީ ފަސް އަހަރު ތެރޭގައި އެވެ.

އެހެން ލޯނެއް އޮތް ކަމުގައި ވިޔަސް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދާ މި ސްކީމްގައި ބައިވެރިވުމަށް ފުރިހަމަ ލިޔެކިޔުންތަކާއެކު ހުށަހެޅުމުން ފަސް ދުވަހުގެ ތެރޭގައި ލޯނު ހަމަޖެހޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ބުނީ މި ލޯނުގެ ޒަރީއާ އިން ޓީޗަރުން މަތީ ތައުލީމު ހާސިލް ކުރުމާއި ލެޕްޓޮޕް ގަތުން ފަދަ، ޓީޗަރުންގެ މަސައްކަތަށް ކުރިއެރުން ހޯދޭނެ ކަންކަން ކުރެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިސަރުކާރުން ޓިޗަރުންނަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއްދެއްވައި ގިނަ ކަންތައްތަކެއް ޓީޗަރުންނަށްފޯރުކޮށްދެނީ ޓީޗަރުންނަކީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާ ބަޔެއް ކަމުގައި ވާތީކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ސަބަބުތަކަށްޓަކައި ރައީސް ޔާމިންގެ ސަރުކާރުން ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލުތައް ގެނެސްދީފައިވާނެކަމަށާއި އަދި މިނޫނަސް ތައުލީމީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ގިނަ ފުރުސަތުތަކެއް ޓީޗަރުންނަށް ދެމުންގެންދާކަމަށެވެ.

އެގޮތުން މި މިހުޅުވާލެވުނު ލޯންގެ ފުރުޞަތުގެ ސަބަބުން ދިރިއުޅުމުގައި މުދައްރިސުންނަށް ދިމާވާ މުހިއްމު ކަންކަން ކުރުމުގައި އެހީތެރިކަމުގެ އަތެއްފޯރުކޮށްދެވިގެންދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ޓީޗަރުންނަކީ މުޖުތަމައަށް އަގުހުރި ހިދުމަތްތަކެއް ކުރަމުން ގެންދާ ބައެއް ކަމަށާއި ރަނގަޅު މުސްތަގްބަލެއް ބިނާކުރުމަށް އެ މީހުންގެ ދައުރު މުހިއްމު ކަމަށެވެ. އަދި މި ފަދަ ބަޔަކަށް އަމާޒުކޮށްގެން ލޯނެއް ދޫކުރުމަކީ ބީއެމްއެލަށް ލިބޭ ޝަރަފެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން ވަނީ އެ ކުންފުނިން ދޫކުރާ ލޯން ސްކީމްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަދި އާ ލޯނު ސްކީމްތަކެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިދިޔަ މަހު ހާމަކޮށްފައެވެ. އެގޮތުން މިހާތަނަށް ދެ ލޯން ސްކީމަކަށް ގެނެވުނު ބަދަލުތަށް ވަނީ އާންމުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް