މޭޑޭގެ މުޒާހަރާއާއި ގުޅިގެން 123 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
ސަރުކާރާ ދެކޮޅަށް މި މަހުގެ އެއް ވަނަ ދުވަހު ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި 193 މީހުންގެ ތެރެއިން 123 މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް ފަހު ބަންދުގައި ތިބި މީހުން ވަނީ ދޫކޮށްލާފަ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.
ބަންދުގައި ތިބި ގިނަ ބަޔަކު ދޫކޮށްލާފައިވަނީ އޭގެ ތެރެއިން ގިނަ މީހުންގެ މައްސަލަ އިސްތިއުނާފް ކުރުމަށް އިދިކޮޅު އެމްޑީޕީން ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. އެ ޕާޓީން ބުނެފައި ވަނީ ބަންދުގެ މުއްދަތު އިތުރުކުރި އެންމެންގެ މައްސަލަ ވެސް އިސްތިއުނާފް ކުރާނެ ކަމަށެވެ.
މީގެ އިތުރުން، އެ މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމް 15 ދުވަސް ވަންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އެ ބޭފުޅުން ވަނީ އިސްތިއުނާފު ކުރައްވައިފަ އެވެ. އޭގެ ތެރެއިން އިމްރާނާއި އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ހައި ކޯޓުން ނިންމާފައި ވާއިރު، އަމީންގެ އިސްތިއުނާފް މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރު އޮންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް