އައްޑޫ ސިޓީ ފޭދޫ ލިންކްރޯޑުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ދުނިޔެ ދޫކޮށްފިއެވެ.
އައްޑޫ ލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ އެކްސިޑެންޓްގައި ނިޔާވެފައިވަނީ، އައްޑޫ ސިޓީ ފޭދޫ، އުލްފަތު، އުމުރުން 36 އަހަރުގެ އިބްރާހިމް ސިޔާދެވެ.
"ބާރު ސްޕީޑުގައި ދުއްވި ކާރަކާއި ސައިކަލެއް ޖެހިގެން މިރޭ އިރާކޮޅު 07:30 އެހާކަންހާއިރު ހިނގި މި ހާދިސާގައި ނިޔާވީ ސައިކަލު ދުއްވަން އިން މީހާ" އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވެއެވެ.
އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ސިޔާދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އެކްސިޑެންޓް ހިނގުމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ސިޔާދު ގެންދެވުނެވެ.
"ޑަކުޓަރުންނާ ހަވާލާދީ ސިއްހީ މަރުކަޒުން ބުނީ ސިޔާދު އެތަނަށް ގެންދިޔައިރުވެސް ފުރާނަ ނެތް ކަމަށް" އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވެއެވެ.
އެ ނޫހުގައި އިތުރަށް ރިޕޯޓްކޮށްފައިވާގޮތުގައި ސިޔާދަކީ އެމްޓީސީސީގެ އައްޑޫ ސިޓީ އޮފީހުގެ މުވައްޒަފެކެވެ. އަދި އެ ހާދިސާގައި ކާރު ދުއްވި މީހާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި އެމީހަކީ ލައިސަންސްވެސް ނެތް މީހެއް ކަމަށާއި އަދި އެ މީހަކީ ގދ. ފިޔޯރީ، މެރީގޯލްޑް، އުމުރުން 23 އަހަރުގެ މާހިލް މުމްތާޒް ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
މި އެކްސިޑެންޓާއި ގުޅިގެން އަދި ފުލުހުން ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް