އީރާނަކީ އުފާވެރި، ކާމިޔާބު ޤައުމަކަށް ވާން އެދެން: ޓްރަމްޕް

އީރާނަކީ އުފާވެރި، ކާމިޔާބު ޤައުމަކަށް ވާން އެދޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އީރާނާ އެކު އޮމާންގައި ނުސީދާކޮށް މިއަދު ބާއްވާ މަޝްވަރާ...

12 Apr 2025 | 10:59

އީރާނަކީ އުފާވެރި، ކާމިޔާބު ޤައުމަކަށް ވާން އެދޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އީރާނާ އެކު އޮމާންގައި ނުސީދާކޮށް މިއަދު ބާއްވާ މަޝްވަރާތަކުގެ ކުރިންނެވެ.

ހަފުތާ ބަންދުގައި ފްލޮރިޑާއަށް ފުރާވަޑައިގަތުމަށް ފަހު ޓްރަމްޕް ހުކުރު ދުވަހުގެ ރޭ އެއާފޯސް ވަންގައި ވިދާޅުވީ އީރާނަކީ އުފާވެރި، ކާމިޔާބު ގައުމަކަށް ވާން އެދޭ ކަމަށާއި ނަމަވެސް ނިއުކްލިއާ ހަތިޔާރެއް އެ ގައުމަށް ނޯންނާނެ ކަމަށެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުން ދަނީ ނިއުކްލިއާ ހަތިޔާރު ބޭނުން ނުކުރާ ކަމަށާއި ނިއުކްލިއާ ޓެކްނޮލޮޖީއަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ބޭނުންކުރާ ޓެކްނޮލޮޖީއެއް ކަމަށެވެ.

މީގެ އިތުރުން އިސްލާމީ އިންޤިލާބުގެ ލީޑަރުގެ ފަތުވާގައި ވެސް ބޮޑެތި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުން މަނާކުރައްވާފައިވެއެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އީރާނާ ދެކޮޅަށް އަޅާފައިވާ ބޭއިންސާފު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭ ގޮތުން އިސްލާމިކް ރިޕަބްލިކް އޮފް އީރާނާއި އެމެރިކާގެ މަންދޫބުން މިއަދު ނުސީދާ ކޮށް މަޝްވަރާކުރަން ވަނީ ނިންމާފައެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވާއިރު އެ ދެ ޤައުމަކީ އެއްވެސް އިރެއްގައި މާ ބަދަހި ގުޅުމެއް އޮންނަ ދެ ޤައުމެއް ނޫނެވެ. ޚާއްސަކޮށް ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ އަޑީގައި އެމެރިކާގެ ތާއީދާއި އެއްބާރުލުން ހިމެނޭތީ އަރަބި މުސްލިމް ޤައުމުތަކާއި އެމެރިކާއާއި ވަނީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް