ރައީސް މުއިއްޒު ލާމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ލާމު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ހަވީރު ނިންމަވާލައްވައިފިއެވެ. ރައީސް އޮފީހުން ބުނެފައިވާގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި ލާމުގެ ބައ...

12 Apr 2024 | 12:30

ލާމު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ހަވީރު ނިންމަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި ލާމުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ހުރިހާ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި، ލާމުގެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ލާމު ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރުމާއި ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބް އިފުތިތާޙް ކުރުމާއި ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބުގެ ކޮންޓްރެކްޓް އެވޯޑްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖޭގެ ހުރިހާ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސް މުއިއްޒު މިއަހަރު ފެށްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، ހައްދުންމައްޗަށް މިކުރެއްވި ދަތުރުފުޅާއެކު މިހާތަނަށް ވަނީ ޖުމްލަ 162 ލޯކަލް ކައުންސިލަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ އަމާޒަކީ ފަސްއަހަރުގެ މި ރިޔާސީ ދައުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުންކަމުގައެވެ.

ލާމަށް އެމަނިކުފާނު މި ކުރެއްވި ރަސްމީ ދަތުފުޅު ނިންމަވާލެއްވުމަށްފަހު، ނުރަސްމީ ދަތުރުފުޅެއްގައި އައްޑޫސިޓީއަށް މިއަދު ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް