ބަންގީގެ އަޑު އިވުމުން ދަރިފުޅާ ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި ދަރިފުޅާ ނަމާދުކުރަން ހިނގާށޭ ބުނަންޖެހޭ: ޚުޠުބާ

ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ޖެހޭކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާ...

12 Apr 2024 | 10:00

ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ޖެހޭކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢޫޟޫއަކީ "ދަރީން ނަމާދަށް އަހުލުވެރިކުރުވުން" މި މަޢުޟޫއެވެ.

މި މަޢޫޟޫގައި މިއަދު ހުކުރު ޚުޠުބާގައި ބުނެފައިވަނި މިޤައުމަށް މިއަދު މިވަނީ، ހެޔޮ ލަފާ މުޖްތަމަޢެއް ބިނާކުރުމަށާއި، ތަރައްޤީއާއި ތަހުޒީބުގެ އާ އުސްމިންތަކަކަށް ވާޞިލުވުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައި ކަމަށާއި މި މަސައްކަތްތައް ކާމިޔާބުވާނީ ހެދިބޮޑުވަމުން އަންނަ ޒުވާނުންނަކީ ހެޔޮލަފާ ޖީލަކަށް ހެދިގެން ކަމަށެވެ.

"ލޮބުވެތި މައިންބަފައިންނޭވެ! ކޮންމެ މަންމައަކާއި ބައްޕައަކުވެސް އަމާނާތެއްގެ ގޮތުގައި، އެދެމީހުންނާ الله سُبْحَانَهُ وَتَعَالَى ޙަވާލު ކުރައްވާފައިވާ ދަރީންނާމެދު ޒިންމާދާރު ބަޔަކަށް ވާންޖެހެއެވެ. އެ ދަރިންނަށް އިސްލާމީ ތަރުބިޔަތުން ތަރުބިޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހެއެވެ. އެގޮތުން، މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުޠަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ޤަބޫލުކޮށް، ބަހާއި ޢަމަލުން ކިޔަމަންތެރިކަން އަދާކުރުމެވެ. އެއަށްފަހު، ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށެވެ. ނަމާދަކީ ދީނުގެ ތަނބު ކަމުގައިވީ ހިނދު، ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާކުރުން ވާޖިބު އަޅުކަމެކެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ބުނެފައިވަނީ އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއް ކަމަށާއި

ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ޖެހޭކަމަށާއި އަދި ނަމާދު ވަގުތު ޖެހުމުން، އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ، ނަމާދު ކުރުން ކަމުގައި ހަދަން ޖެހޭކަމަށެވެ. ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި، ނަމާދަށް ޝައުޤުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި ކުޑަކުދިން މިސްކިތަށް އަހުލުވެރި ކުރުވުމުގައި ބެލެނިވެރިންގެ ސަމާލުކަން ނުހަނު ބޭނުންވާނެކަމަށެވެ. މިސްކިތުގެ އަދަބުތައް އެކުދިންނަށް ދަސްކޮށްދިނުމާއި، ސަފުގައި ހުއްޓި ހުންނަންވާ ގޮތް އެކުދިންނަށް ކިޔައިދިނުމަކީ، މިސްކިތުގެ ޖަމާޢަތަށް ޙާޟިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބިދޭން ޖެހޭ އިރުޝާދެއްކަމަށެވެ. އަދި ހަމަ އެހެންމެ މިސްކިތަކީ ބިންމަތީގައިވާ މާތް اﷲ ގެ ގެކޮޅުކަން ދަރިންނަށް ކިޔައިދީ މިސްކިތުގެ ސާފުތާހިރުކަމާއި މިސްކިތުގައި ކުރެވޭނެ ކަންތައްތަކާއި ކޮށްގެންނުވާނެ ކަންކަން ބެލެނިވެރިން ދަރިންނަށް ކިޔައިދޭން ޖެހޭނެކަމަށެވެ.

"ނަމާދަށް އަހުލުވެރި ބަޔަކަށް ހެދުމަށް ޢަމަލީ ގޮތުން ކުރެވޭ މަސައްކަތްތަކުގެ އިތުރަށް، ދަރިންނަށްޓަކައި ހެޔޮ ދުޢާކުރުމަކީ ވެސް، ކުރަން ޖެހޭނެކަމެކެވެ. އަދި މިފަދަ ދުޢާތައް ދަރިންނަށް ކިޔައިދިނުމަކީ، އެ ކުދިންގެ ހިތްތަކުގައި ނަމާދަށް އޮންނަ ޝައުޤުވެރިކަން އިތުރުވާނެ ކަމެއް" މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ނަމާދަކީ ތިމާ ކުރަން ޖެހޭ އެހެން ހުރިހާ ކަމެއް ނިމުމުން، ކުރަން ޖެހޭ ކަމެއް ކަމުގައި އިޙުސާސްކުރެވޭ ގޮތަށް ދަރިންނަށް މަގު ދެއްކައިގެން ނުވާނެއެވެ. ބަރާބަރަށް ނަމާދު އަދާކުރުމަކީ، މީހާގެ ޢަމަލުތައް ސީދާވުމަށް ލާޒިމުކަމެއް ކަމަށް، ނަބަވީ ސުންނަތުގެ މިސާލުތަކުން ސާބިތުވާކަން ހުކުރު ޚުޠުބާގައި ފާހަގަކޮށް މުދައްރިސުންނަށް އަމާޒުކޮށް ހުކުރު ޚުޠުބާގައި ބުނެފައިވަނީ މުދައްރިސުންނަކީ އަހަރެމެންގެ ދަރިންގެ ދެވަނަ މައިންބަފައިންނެވެ. ދަރިންނަށް ޢިލްމު އުނގަންނައިދިނުމުގެ ޛިންމާ އަދާކުރާ ފަރާތްތައް ކަމަށާއި މުދައްރިސުން އެ ކުދިންނަށް އުނގަންނައިދޭ ފިލާވަޅުތަކަކީ ހަމައެކަނި ކިޔަވައިދޭ އެއްޗެއް ކަމުގައި ހެއްދެވުމުގެ ބަދަލުގައި އެ ކުދިންނަށް ރިވެތި ނަމޫނާ ދައްކައިދޭ  ބަޔަކަށް ވާންވާނެކަމަށާއި ނަމާދު ކުރުމުގެ މުހިއްމުކަން ކުދިންނަށް ކިޔައިދޭއިރު މުދައްރިސުންގެ ފަރާތުން އެ ނަމޫނާ ފެނުމަކީ ކުދިންވެސް ނަމާދުތަކަށް ފަރުވާތެރި ވާނެ ސަބަބެއް ކަމަށެވެ. އަދިހަމަ އެހެންމެ ނަމާދަކީ ޢުމުރުން ދުވަސްވީ މީހުންނާއި  ބަލިތަންމަތީގައި އޮންނަ މީހާއާއި ދަތުރެއްމަތީ އުޅޭ މީހާއާއި ހަނގުރާމައިގެ ޙާލަތުގައި ހަނގުރާމައިގެ މައިދާނުގައި ހުންނަ މީހާވެސް ކުރަން އަންގަވާފައިވާ އަޅުކަމެއްކަންވެސް މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް