ތ. ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމުގެ މައްސަލަ ވޭމަންޑޫ ކައުންސިލް ބޮލަށް ކަނޑާލާފައި މިނިސްޓަރ އަޙްމަދު މަޚްލޫފު ސަލާމަތްވާން މަސައްކަތް ކުރައްވާ ކަމަށާއި، މަޝްރޫޢާމެދު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ޒިންމާދާރުކަމެއް ނެތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.)ގެ ޕީޖީ ލީޑަރ އަދި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ ރިޔާޒް މިމޭރުމުން މިނިސްޓަރަށް ރައްދު ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލާގައި މިނިސްޓަރ މަޚްލޫފާ ސުވާލުކުރެއްވުމުން މިނިސްޓަރ ދެއްވި ޖަވާބާ ގުޅިގެންނެވެ.
ވޭމަންޑޫ ޒުވާނުންގެ މަރުކަޒުގެ މަޝްރޫޢަކީ 2020 ވަނަ އަހަރުން ފެށިގެން ބަޖެޓު ކުރެވިފައިވާ މަޝްރޫޢެކެވެ. ނަމަވެސް، ރައީސް ސޯލިހުގެ މި ސަރުކާރުގެ ދައުރު ނިމެން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ މަޝްރޫޢު އަދިވެސް ފެށިފައި ނުވެއެވެ. އެހެންކަމުން ތިމަރަފުށި ދާއިރާގައި ހިމެނޭ ރަށެއްގެ ގޮތުން ވޭމަންޑޫގެ މި މައްސަލާގައި މެންބަރު ޢަބްދުﷲ ރިޔާޒް މިނިސްޓަރާ ސުވާލުކުރެއްވިއެވެ.
ޢަބްދުﷲ ރިޔާޒް މިނިސްޓަރާ ސުވާލުކުރެއްވީ ތ.ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް 1 ޖެނުއަރީ 2023 އަށް ނިންމާލެވޭނެކަމަށް ސަރުކާރުން ކުރިން މަޢުލޫމާތު ހާމަކޮށްފައިވީ ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުދާތީ، އެކަން ރޭވިފައިވާ ގޮތަކާ، ނިންމާލެވޭނެ ތާރީޚާ ބެހޭގޮތުންނެވެ. ނަމަވެސް، އެކަމަށް ޖަވާބު ނުދެއްވައި، މިނިސްޓަރ ވިދާޅުވީ މިހާރު ވަރަށް ގިނަ މަޝްރޫޢުތައް ހިންގާކަމަށާ، މިފަދަ ބައެއް މަޝްރޫޢުތައް ކޮންޓްރެކްޓަރުން ލަސްކުރަމުން ދާކަމަށެވެ. އަދި މި މަޝްރޫޢޫވެސް އެގޮތަށް ލަސްވަމުންދާތީ، ކޮންޓްރެކްޓް ބާތިލްކޮށް ރަށު ކައުންސިލުން އިއުލާންކޮށްގެން ކުރިއަށް ގެންދަން ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކައުންސިލުން އެ މަސައްކަތް އިއުލާން ނުކުރައްވާ ކަމަށެވެ.
މި ޖަވާބާ ގުޅިގެން ޢަބްދުﷲ ރިޔާޒް ވިދާޅުވީ، މި މަޝްރޫޢަކީ 2020 ވަނަ އަހަރުވެސް ބަޖެޓު ކުރެވި، އޭގެ ފަހުން ކޮންމެ އަހަރަކުވެސް ޕީ.އެސް.އައި.ޕީ ގައި ހިމެނޭ މަޝްރޫޢެއް ކަމަށެވެ. އަދި މި ދައުރު ނިމެން ދާއިރު މި މަޝްރޫޢުވެސް ވެގެން މި ދިޔައީ "އަންނަނީ، އަންނަނީ" ގެ ގޮތުގައި އޮތް މަޝްރޫޢެއް ކަމަށެވެ. އަދި މިނިސްޓްރީގައި މި މަޝްރޫޢު އެތައް އަހަރަކު ބާއްވަވާފައި، މަޝްރޫޢު ކުރިއަށް ގެންދަން އެއްވެސް ކަމެއް ނުކުރައްވައި، އެންމެފަހުން ވޭމަންޑޫ ކައުންސިލް ބޮލަށް ޖަހާފައި، މިނިސްޓަރ ސަލާމަތްވަނީ ކަމުގައި ޢަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.
ޢަބްދުﷲ ރިޔާޒް އެދިވަޑައިގަތީ ތ.އަތޮޅުގެ ޒުވާނުން އެންމެ ގިނަ ރަށަކީ ވޭމަންޑޫކަމަށާއި ވޭމަންޑޫ ޒުވާނުންނަށްޓަކައި މި މަޝްރޫޢު ކުރިއަށް ގެންދަވާނެކަމަށް މިގޮތަށް ޔަޤީންކަން ދެއްވާފައިވާތީ، ކައުންސިލް ބޮލުގައި އަޅުވާފައި މިނިސްޓްރީން އެކަން ދޫކޮށްނުލެއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް