ސްމާޓް ލައިޓް ޕްރޮޖެކްޓްގައި ފޮރުވަންޖެހޭ ކަމެއް ނެތް، ސީސީޓީވީ ނިޒާމަކީ ރައްޔިތުންގެ ރައްކާތެރިކަމަށް ކުރެވޭކަމެއް: މޭޔަރު

ޗައިނާގެ ޔުނާން ސިޓީ ޕްރޮވިންސްގެ އެހީތެރިކަމާއެކު މާލޭގައި، މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ "ސްމާޓް ސްޓްރީޓް ލައިޓް" ޕްރޮޖެކްޓްގައި ފޮރުވަންޖެހޭ ކަމެއް ނޯންނާނެ ކަމަށާއި ސީސީޓީވީ ނިޒާމެއް ގާއިމ...

12 Apr 2023 | 08:28

ޗައިނާގެ ޔުނާން ސިޓީ ޕްރޮވިންސްގެ އެހީތެރިކަމާއެކު މާލޭގައި، މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ "ސްމާޓް ސްޓްރީޓް ލައިޓް" ޕްރޮޖެކްޓްގައި ފޮރުވަންޖެހޭ ކަމެއް ނޯންނާނެ ކަމަށާއި ސީސީޓީވީ ނިޒާމެއް ގާއިމުކުރަނީ ރައްޔިތުންގެ ރައްކާތެރިކަމަށް ކަމުގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ދުވަހަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި މުއިއްޒު ވިދާޅުވީ މާލޭގައި ކޮމްޕްރެހެންސިވް ސީސީޓީވީ ނިޒާމެއް ގާއިމްކުރާނެ ވާހަކަ އެ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އޮންނާނެ ކަމަށާއި މި ޕްރޮޖެކްޓަކީ އެކަމުގެ ދަށުން ހިންގޭ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށެވެ.

"އެއްވެސް ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ޕްރައިވަސީއަށް ގެއްލުމެއްވާނެކަމެއް މިކަމުގައި ނޯންނާނެ، ރައްކާތެރިކަން އިތުރުކޮދިނުން ބޭނުމަކީ" މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިހާރު ނޫހުން މިކަމުގައި ހޯދަން އެދުނު މައުލޫމާތު އޭގެ ފުރިހަމަގޮތުގައި ފޯރުކޮށްދެވިފައިނުވަނީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށާއި އެ ހުރިހާ މައުލޫމާތެއް ދިނުމަށް އެ ކައުންސިލްގެ އައިޓީ ޑިޕާޓްމަންޓުން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ ހުރިހާ މައުލޫމާތެއް މިހާރު ނޫހަށް ފޯރުކޮށްދޭނެ ކަމަށެވެ.

މޭޔަރު އެ އަލިއަޅުއްވައިލެއްވީ މި މަޝްރޫއާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް "އާރްޓީއައި"ގެ ދަށުން މިހާރު ނޫހުން ހޯދަން އެދުނު މައުލޫމާތު އެ ނޫހަށް ލިބުނީ ވަރަށް ލިމިޓެޑްކޮށްކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވާއިރު އެކަމާއި ގުޅޭގޮތުންނެވެ.

"ޕްލޭނަކީ ސްމާޓް ސިޓީއަކަށް މާލެ ހެދުން، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގަ މާލެތެރެ މޮޑަނައިޒް ކުރުން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ސްޕައި ކުރުން ކަހަލަ އެކިއުޒޭޝަންސްތައް އަންނާނެކަމުގައި ގަބޫލުފުޅުކުރައްވާކަމަށާއި އެހެން ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުހިނގާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް