ރާއްޖޭގައި ކޮވިޑުގެ އާ ވޭރިއަންޓެއް އުޅޭތޯ ބެލުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި އަނެއްކާވެސް ކޮވިޑުގެ ކޭސްތައް އިތުރުވާން ފަށާފައިވާއިރު ކޮވިޑުގެ އާ ވޭރިއަންޓެއް ރާއްޖޭގައި އުޅޭތޯ ދެނެގަތުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ. މިކަމާ...

12 Apr 2023 | 07:32

ރާއްޖޭގައި އަނެއްކާވެސް ކޮވިޑުގެ ކޭސްތައް އިތުރުވާން ފަށާފައިވާއިރު ކޮވިޑުގެ އާ ވޭރިއަންޓެއް ރާއްޖޭގައި އުޅޭތޯ ދެނެގަތުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން އެޗްޕީއޭއިން ބުނީ އިތުރު ވޭރިއަންޓެއް އުޅޭތޯ ދެނެގަތުމަށްޓަކައި ޖެނޯމިކް ސީކުންސެސް ހެދުމެއް މިނިސްޓްރީ އޮފް ހެލްތުގެ ސީކުއެންސް ލެބާއެކު މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

އާ ވޭރިއަންޓެއް އުޅޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނައިރު ރާއްޖޭގައި އަނެއްކާވެސް ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަކަމަށް ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

އެގޮތުން ފާއިތުވި ހަފްތާގެ ތަފާސްހިސާބު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާއިރު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން 84 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ކުރީ ހަފްތާގައި މި އަދަދު އުޅެނީ 38 ގައެވެ. އަދި އޭގެ ކުރީ ހަފްތާގައި 16ގައެވެ. އެހެންކަމުން ހަފްތާއިން ހަފްތާއަށް ބަލާނަމަ ފާއިތުވި ތިން ހަފްތާގައި އަދަދު ޑަބަލް ވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

ހަމަ މިއާއެކު އެޑްމިޓުކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދުވެސް ކުއްލިއަކަށް ވަރަށް ބޮޑުތަން މިވަނީ އުފުލިފައެވެ. އެގޮތުން މީގެ ތިން ހަފްތާ ކުރިއަށް ބަލާއިރު އެޑްމިޓްކޮށްގެން ފަރުވާ ދީފައިވަނީ ދެމީހަކަށެވެ. އެހެންނަމަވެސް ދެ ހަފްތާ ކުރިން މިއަދަދު ވަނީ 16 އަށް އަރާފައެވެ. އަދި ހަފްތާއެއް ފަހުންވެސް މި އަދަދު މި ހުރީ 17ގައެވެ.

މިދިހަ ހަފްތާގެ ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު 84 ކޭސްއިން 73 ކޭސް އަކީ މާލެ ސަރަހައްދަށް ނިސްބަތްވާ ކޭސްތަކެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި އެއްވެސް ކޭސް އެއް ފާއިތުވި ހަފްތާގައި ރިޕޯޓް ކުރެވިފައިވާކަމަށް ނުދައްކައެވެ. އެހެން ނަމަވެސް ރިސޯޓުތަކާއި އިންޑަސްޓްރިއަލް ޒޯންތައް ހިމެނޭހެން 11 ކޭސް އެއް ރިޕޯޓްކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަ ކަމަށް ތަފާސް ހިސާބުން ދައްކާއިރު އަވަށްޓެރި އިންޑިއާގައިވެސް ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް